ސައޫދީއަށް ކުރި ދަތުރު ކާމިޔާބު: ޝައިނީ

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅޭ މައުލޫމާތު ދިނުމަށް ސައުދީ އަރަބިއްޔާއަށް ކުރި ދަތުރު ކާމިޔާބު ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝައިނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސައުދީއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށެވެ. ނަމަވެސް މާބޮޑު ތަފްސީލެއް ނުދެއްވައި ވިދާޅުވީ ދަތުރުގައި ވަރަށް ކާމިޔާބު ބައްދަލުވުންތައް ކުރިޔަށް ދިޔަ ކަމަށެވެ.

އެކަން ރައްޔިތުންނަށް އެނގޭނެ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

ޝައިނީ މިއަދު ކުރެއްވި ޓުވީޓު.

ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅޭ މައުލޫމާތު ސައޫދީގެ އިތުރުން ޕާކިސްތާނާއި ޗައިނާ އަށް ދިނުމަށް ރައީސް ޔާމީންގެ ހާއްސަ މަންދޫބުން މިހާރު ތިއްބެވީ އެ ގައުމުތަކުގަ އެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޗައިނާ ގައި ހުންނެވިއިރު، ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މިހާރު ހުންނެވީ ޕާކިސްތާނުގަ އެވެ.

އިދިކޮޅު ސިޔާސީ ނުވަ ބޭފުޅަކު ޖަލުން ދޫކުރުމަށް މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު، ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެ، ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް ވަނީ އިއުލާން ކޮށްފަ އެވެ.

މީގެއިތުރުން ރިޝްވަތު ހިފުމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ހައްޔަރު ކުރުމާއެކު، ސުޕްރީމް ކޯޓުގެ ތިން ބޭފުޅުންގެ ބެންޗުން ވަނީ ސިޔާސީ ނުވަ ބޭފުޅުން ދޫކުރުމުގެ އަމުރު ބާތިލްކޮށްފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ހައްޔަރުކޮށްފައިވާއިރު، އެކަމާ ގުޅިގެން ބައިނަލްއަގްވާމީ އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.