އދ. ގެ ސެކިއުރިޓީ ކައުންސިލްގައި ދިވެހި ސަރުކާރަށް ތާއީދުކުރި ބައެއް ނެތް: އިދިކޮޅު ޕާޓީތައް

ހުކުމުގައި ތިބި އިދިކޮޅު ސިޔާސީ ނުވަ ބޭފުޅަކު މިނިވަން ކުރުމަށް މި މަހު 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން އދ. ސެކިއުރިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ދިވެހި ސަރުކާރަށް ތާއީދުކުރި ގައުމެއް ނެތް ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.


އިދިކޮޅު ހަރަކާތުގެ ފަރާތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި ވެސް ކާމިޔާބު ލިބުނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ.

"ސަރުކާރުން ވަރަށް ގިނަ އެންވޯއީން ސަރުކާރާއި ގާތް އަވައްޓެރި ގައުމުތަކަށް ފޮނުވި. ހުރިހާ މަންދޫބުން ގައުމަށް އެނބުރި ވަޑައިގަންނަވަން ޖެހުނީ ލަދުވެތި ކަމަކާއެކު، ބޮޑު ފެލިއާއާއެކު،" އިންތި ވިދާޅުވި އެވެ.

ނަމަވެސް މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ބޮޑު ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ އިދިކޮޅު ސިޔާސީ ނުވަ ބޭފުޅުން ދޫކުރުމަށް އަންގައި ސުޕްރީމް ކޯޓުން ކުރިން ނެރުނު އަމުރު ތަންފީޒު ނުކުރި މައްސަލައާ ގުޅިގެން، އދ. ގައި ރާއްޖެ އަށް ކުރިމަތިވި ބޭރުގެ ފިއްތުންތަކުން ވެސް ސަލާމަތްވެފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އދ. ގައި ރާއްޖޭގެ މައްސަލަ އޮތީ ރަސްމީ އެޖެންޑާގައި ހިމަނާ ހިސާބެއްގައި ކަމަށާއި އެކަމުގައި ވެސް ލިބުނީ ރާއްޖެއަށް ލިބުނީ ނަސްރެއް ކަމަށް ކަމަށެވެ.

އަދި ރާއްޖެ އަށް އެންމެ ބޮޑު އެހީއެއް ދިނީ ޗައިނާ އާއި ރަޝިއާގެ އިތުރުން ސައުދީ އަރަބިއާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

ޗައިނާ އާއި ރަޝިއާ އަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރު ދެ ގައުމެވެ. ސަލާމަތީ މަޖިލީހަށް ހުށަހެޅޭ ކޮންމެ ގަރާރެއް ވީޓޯކޮށް، ބޭރުކޮށްލުމުގެ ބާރު އެ ދެ ގައުމަށް އޮވެ އެވެ.

ބައިނަލްއަގްވާމީ ދުނިޔޭގައި ރާއްޖެ އަށް އަންނަ ފާޑުކިޔުންތަކަށް އިޝާރާތް ކުރައްވަމުން އިންތި މިއަދު ވިދާޅުވީ، ދިވެހި ސަރުކާރުގެ މަންދޫބުން އެކި ގައުމުތަކަށް ފޮނުވި ނަމަވެސް އެއްވެސް ގައުމަކުން ތާއީދު ކޮށްފައިނުވާ ކަމަށެވެ. އެގޮތުން އެންމެ ގާތް ޗައިނާ އިން ވެސް ރާއްޖެ އަށް ޓޫރިސްޓުން ނައުމަށް ގޮވާލާފައިވާ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

"މިއީ ދިވެހިރާއްޖެ އަށް ލިބުނު ގެއްލުމެއްގެ ގޮތުގައި އަޅުގަނޑުމެން ސިފަ ކުރަނީ. އެއީ ސަރުކާރުގެ ޣައިރު ގާނޫނީ އަމަލުގެ ސަބަބުން. ސައުދީ އަރަބިއްޔާ އަށް ސްޕެޝަލް އެންވޯއީ [ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ] ވަޑައިގަތުމުން ވެސް [ސައޫދީ] ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުންނާ ބައްދަލު ކުރުމެއް ނެތް. ހަމަ އެގޮތަށް ޕާކިސްތާނަށް [ފޮރިން މިނިސްޓަރު ޑރ. އާސިމް] ވަޑައިގަތީމަ ވެސް ވަރަށް ރަނގަޅު މެސެޖް ތަކެއް ދެއްވާފައި ވަނީ. ތިމަންނަމެން މި ކަމުގައި ދިވެހި ސަރުކާރަށް އެއްބާރުލުން ދޭކަށް ނެތީމޭ. ވަގުތުން ސުޕްރީމް ކޯޓުގެ އަމުރޭ ތަންފީޒު ކުރަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

އިންތި ވިދާޅުވި ގޮތުގައި މިހާރު ދިމާވެފައިވާ ސިޔާސީ މައްސަލަތަކާ ގުޅިގެން ފެންނަނީ ސަރުކާރުން ބޮޑެތި ދޮގުތަކެއް ހަދަމުންދާ ތަނެވެ. އަދި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީއަކީ މުޅި ދުނިޔެ އިއްތިފާގުވެ ފުލުފުލުން ސަރުކާރަށް ދެމުންދާ ޕްރެޝަރުތޯ އޭނާ ސުވާލު ކުރެއްވި އެވެ.

"ބޭރުގެ އެކި ގައުމުތަކާއި ޖަމާއަތްތަކުން ދަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކޮށް، ބަންދުގައި ތިބި ހުރިހާ ސިޔާސީ ކުށްވެރިން ވަގުތުން ދޫކޮށްލަން ގޮވާލަމުން. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަޖިލީހަށް މަސްއޫލިއްޔަތު އަދާ ކުރުމަށް ވަދެވޭނެ ގޮތް ހެދުމަށް ގޮވާލަމުން،" އިންތި ވިދާޅުވި އެވެ.