1،200އަށް ވުރެ ގިނަ މީހުންނަށް ޑެންގީ ޖެހިއްޖެ، އަދިވެސް ކޮންޓްރޯލެއް ނުވޭ

ޑެންގީ ޖެހިގެން މި އަހަރުގެ މިހާތަނަށް 1294 މީހުން ރިޕޯޓު ކޮށްފައިވާ ކަމަށާއި އަދި ވެސް ހުން ކޮންޓްރޯލް ނުކުރެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.


އެޗްޕީއޭ އިން މިއަދު ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި އެތަނުގެ މެޑިކަލް އޮފިސަރު ރަޒާނާ ފާއިޒު ވިދާޅުވީ ޑެންގީ ބަލީގައި މިހާތަނަށް ހަތަރު މީހަކު މަރުވެފައިވާއިރު ގިނަ ބަޔަކު އެ ހުމަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މިދިޔަ މެއި މަހާއި ޖޫން މަހު ޑެންގީ ޖެހުނު މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި އެކަމަކު ވޭތުވެދިޔަ ތިން ހަފުތާއަށް ބަލާއިރު ޑެންގީ ފެތުރޭ މިންވަރު ދަށްވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަހަރު ޑެންގީ ހުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު އޭޕްރީލް މަހު 168 މީހުންނަށް އެ ހުން ޖެހުނެވެ. އަދި ޖެހިގެން އައި މެއި މަހު 329 މީހަކަށް ޑެންގީ ޖެހުނު އިރު މިދިޔަ މަހު 354 މީހަކު ވަނީ އެ ހުމަށް ޕޮޒިޓިވް ވެފަ އެވެ. މި މަހުގެ މިހާތަނަށް 129 މީހުންނަށް ވަނީ ހުން ޖެހިފަ އެވެ.

ޑެންގީ ޖެހިފައިވާ މީހުންގެ 60 ޕަސެންޓަކީ ރަށްރަށުން ހުން ޖެހުނު މީހުންނެވެ.

މުޅި ރާއްޖެއަށް ބަލާއިރު ޑެންގީ އެންމެ ބޮޑަށް ފެތުރެނީ ހއ. އިހަވަންދޫ އާއި ލ. އިސްދު އާއި މާލެ އާއި ހުޅުމާލޭގަ އެވެ.

އެޗްޕީއޭން ބުނީ ކޮންމެ އަހަރެއްގެ މި ދުވަސްވަރާ ދިމާކޮށް ޑެންގީ އިތުރުވާއިރު ހުން ކޮންޓްރޯލް ކުރުމަށް ކުރިއާލާ ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން ހުމާ ގުޅޭގޮތުން މީހުން ހޭލުންތެރިކޮށް، މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ނަމަވެސް މި ދުވަސްވަރާ ރޯދަ މަސް ދިމާވުމުން އެކަމަށް ކުރެވުނު މަސައްކަތް ވެސް ކުޑަ ކަމަށް އެތަނުން ބުންޏެވެ.

މިދިޔަ އަހަރު ޑެންގީ ހުން ޖެހިގެން ހާހަކަށް ވުރެ ގިނަ މީހުން ރިޕޯޓްކޮށްފައި ވާއިރު، އޭގެ ތެރެއިން ހަ މީހަކު މަރުވި އެވެ.