ސިވިލް ސާވަންޓުންގެ ފްލެޓަށް 2،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ސިވިލް ސާވަންޓުންނަށް ދޫކުރާ 1،000 ފްލެޓަށް ކުރިމަތިލާން ހުޅުވާލުމުން 2،000 އަށް ވުރެ ގިނަ މުވައްޒަފުން ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.


މިނިސްޓަރު މުއިއްޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ފްލެޓަށް 16 އޮފީހަކުން 2،161 މީހުން އެދިފައިވާ ކަމަށެވެ. ރައީސް ޔާމީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ހުއްޓުމެއްނެތި ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު މިރޭ ކުރެއްވި ޓުވީޓް--

ސިވިލް ސާވަންޓުންނަށް ފްލެޓް ދޭން ނިންމާފައި ވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ، އިދާރީ މުވައްޒަފުންނަށް 300 ފްލެޓާއި ފަންނީ އަދި މެނޭޖީރިއަލް ލެވެލްގެ މުވައްްޒަފުންނަށް 300 ފްލެޓާއި ސަޕޯޓް ސާވިސް މުވައްޒަފުންނަށް 400 ފްލެޓެވެ. ފްލެޓް ދިނުމުގައި އެ މުވައްޒަފަކު މަސައްކަތް ކޮށްފައިވާ މުއްދަތަށާއި ތައުލީމީ މަތީ ސަނަދަށް ގިނަ ޕޮއިންޓް ލިބެ އެވެ. ސަޕޯޓް ސާވިސްގެ މުވައްޒަފެއް ނަމަ ދަރިން ތިބޭ އަދަދަށް ވެސް ބަލަ އެވެ. ފްލެޓް ލިބޭ މުވައްޒަފަކީ އެއްވެސް ރަށަކުން 600 އަކަފޫޓް ނުވަތަ އެއަށް ވުރެ ބޮޑު ގޯއްޗެއް އޮތް މީހަކަށް ވެގެން ނުވެ އެވެ. އެއަށް ވުރެ ކުޑަ ގޯންޗެއް އޮންނަ ފަރާތްތަކުން ފުލެޓް ލިބުމުން ގޯތި ދޫކޮށްލަން ޖެހެ އެވެ.