ރިލްވާން ގެއްލުނު މައްސަލައިގައި ހެކިބަސް ނެގުން ފަސްކޮށްފި

ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން، ވަނީ ބަޔަކު ގަދަކަމުން ފޮރުވާފައި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާގައި ހެކިބަސް ނެގުމަށް މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލްކޮށްފި އެވެ.


އޮގަސްޓް، 2014 ގައި ގެއްލުނު ރިލްވާން، ގަދަކަމުން ފޮރުވި ކަމަށް ބުނެ ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކުރަނީ ހ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. އެކަމަކު ސުއައިދު ރާއްޖޭގައި ނެތުމުން އޭނާގެ ބައި ކުރިއަކަށް ނުގެންދެ އެވެ.

އެ މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ހަތަރު މީހެއްގެ ހެކިބަސް ސިއްރުން ނަގާފައިވާ އިރު މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުމަކީ ވެސް ބާކީ ތިބި ސިއްރު ހެކިންގެ ހެކިބަސް ނަގަން ބޭއްވި އަޑުއެހުމެކެވެ. އެ އަޑުއެހުން ކެންސަލްކުރި ސަބަބެއް ނޭނގެ އެވެ.

އެ މައްސަލައިގައި ސިއްރު ހަތް ހެއްކަކާއި ފާޅުގައި ހެކިބަސް ދޭ މީހުންނާ އެކު ޖުމްލަ 29 މީހަކު ހެކިންގެ ގޮތުގައި ދައުލަތުން ވަނީ ހުށަހަޅައިފަ އެވެ. އެ އެންމެންގެ ހެކިބަސް ނަގަން ކޯޓުން ވަނީ ނިންމައިފަ އެވެ. ކޯޓުން ނިންމާފައިވަނީ އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް ކޮންމެ ދުވަހަކު މެންދުރު ފަހު 3:00 އިން ރޭގަނޑު 10:00 އާ ހަމައަށް ހެކިބަސް ނެގުން ކުރިއަށް ގެންދިއުމަށެވެ.

އިއްްޔެގެ ޝަރީއަތުގައި ގާޒީ އާދަމް އާރިފް ވަނީ ހެކިވެރިން ހާޒިރު ކުރުމުގައި ދަތިތަކެއް ހުރި ކަމަށް ވިދާޅުވެފަ އެވެ. މެދުކެނޑުމެއް ނެތި އަޑުއެހުންތައް ބޭއްވުމަކީ ގާނޫނުތަކުގައި ކަނޑައަޅާފައި އޮތް ކަމެއް ނަމަވެސް ހެކިވެރިން ހާޒިރު ކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށް ވިދާޅުވެ، އެކަމުގައި އެއްބާރުލުން ދޭން ދެ ފަރާތަށް ވެސް ގާޒީ އާރިފް އިއްޔެ އިލްތިމާސް ކުރެއްވި އެވެ.

ދައުވާ ލިބޭ ސުއައިދު ރާއްޖެ އިން ބޭރުގައި މަރުވެފައިވާ ކަމަށް އޭނާގެ އާއިލާ އިން ކޯޓަށް އަންގާފައި ވިޔަސް، ދައުލަތުން ކޯޓުގައި ބުނެފައިވާ ގޮތުގައި އޭނާ މަރުވި ކަން ދައުލަތުގެ އިދާރާތަކަށް ކަށަވަރެއް ނުވެ އެވެ. ކޯޓުން މިހާރު ވަނީ އޭނާގެ ބައި އަނބުރާ ފޮނުވާލައިފަ އެވެ.

އެކަމަކު ސުއައިދު ރާއްޖެ އިން ބޭރުގައި އުޅެމުންދާ ކަން ކަށަވަރުވެގެން އެކްސްޓްރެޑިޝަންގެ ގާނޫނުގެ ދަށުން އޭނާ ރާއްޖެ ގެންނަން ބޭނުންވެއްޖެ ނަމަ، އެ މައްސަލަ އަލުން ކޯޓަށް ހުށަހެޅޭނެ ކަމަށް ގާޒީ އާރިފް ވަނީ ވިދާޅުވެފަ އެވެ.