ރާއްޖެއާ ކުޅުމުގެ ފުރުސަތެއް އެކުވެރި ގައުމުތަކުން ނުދޭނެ: ޝައިނީ

ރާއްޖޭގެ މިނިވަން ކަމާއި އިސްތިގްލާލަށް ބުރޫއަރާ ވަރުގެ ކަމެއް އެއްވެސް ގައުމަކުން ކުރުމުގެ ފުރުސަތު، ރާއްޖޭގެ އެކުވެރި ގައުމުތަކުން ނުދޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިރޭ ވިދާޅުވެއްޖެ އެވެ.


ޕީޕީއެމް ރުމާލު-2 ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝައިނީ ވިދާޅުވީ ފާޅު ނުކުރެވޭނެ އަދި ފާޅުގައި ނުދެއްކޭނެ ވާހަކަތަކެއް ހުންނާނެ ކަމަށާއި އެކަމަކު "ރާއްޖެއާ ކުޅުމުގެ ފުރުސަތެއް، މި ގައުމާ ގުޅުން އޮތް އެއްވެސް ގައުމަކުން ނުދޭނެކަމުގެ ޔަގީންކަން އެބައޮތް" ކަމަށެވެ.

އޭނާ ވިދާޅުވީ ބޭރުގެ އެއްވެސް އަސްކަރީ ހަނގުރާމަވެރިއަކަށް ރާއްޖެ ނޭރޭނެ ކަމަށާއި އެއަށް ވުރެ ރާއްޖެއާ ގާތް ބަޔަކު އެބަތިބި ކަމަށެވެ. އެހެންވެ، ގައުމަށް މިހާރު ކުރިމަތިވެފައިވާ ކަންކަން، ޒާތީކަމެއް ނެތި ކެއްތެރިކަމާއެކު ނައްތާލުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

"މި ކުރިމަތިވި ހާލަތުގައި ވެސް ރައީސް ޔާމީނަށް ހިތްވަރު ލިބިވަޑައިގެންނެވީ ރައްޔިތުންގެ ފަރާތުން. އިންސާނުން ވީތީ ހުންނާނެ ތަފާތުވާ ކަންތައްތައް. އެކަމަކު އެކަންތައްތައް ނައްތާލާފައި 2018 ވަނަ އަހަރުގެ އިންތިހާބު ރައީސް ޔާމީނަށް ހޯދައިދިނުމަށް މަސައްކަތް ފެށުމަށް އަޅުގަނޑު އެދެން،" ރައީސް ޔާމީނާ އެންމެ އެއް އަރިސް އެއް މިނިސްޓަރު، ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ މިއޮތް ސަރަހައްދުގެ ގޮތުން ކަޅި ނާޅާ ގައުމެއް ދުނިޔޭގައި ނޯންނާނެ ކަމަށާއި ދުނިޔެ ކުރިއަރަމުން އަންނަ ގޮތުން، ރާއްޖެއަށް ވުރެ މުހިއްމު އެހެން ގައުމެއް ވެސް ނޯންނާނެ ކަމަށެވެ. އެއީ އޭޝިޔާ ބައްރަށް ދުނިޔޭގެ ބާރު ލިބެމުން އަންނައިރު، ރާއްޖެ މިއޮތީ އިންޑިއާ އާއި ޗައިނާ އާއި ޖަޕާން ފަދަ ގައުމުތަކުން މުދާ ބަދަލުކުރާ "ސްޓްރެޖިކް ލޮކޭޝަން"ގައި ކަަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެހެންވެ، މި ފަދަ މުހިއްމު ސަރަހައްދެއްގައި އޮތް ގައުމަކަށް ދުނިޔޭގެ ގައުމުތަކުން ބާރު ފޯރުވަން އުޅޭއިރު، މަދު ރައްޔިތުންތަކަކަށް އެކަން ނުހުއްޓުވޭނެ ކަމަށާއި އެކަމަކު އެ ރައްކާތެރިކަން ރާއްޖެއަށް ލިބެނީ ދީނުގެ ސާބިތުކަމާއި ރައީސް ޔާމީންގެ ވިސްނުންފުޅުގެ ސަބަބުން ކަމަށް ޝައިނީ ވިދާޅުވި އެވެ.

އިންޑިއާ މެދުވެރިކޮށް، ރާއްޖެ އަށް އަސްކަރީ ފިޔަވަޅުތަކެއް އެޅުމަށް ނުވަތަ އެ ގައުމުގެ ސިފައިން ރާއްޖެ ގެނައުމަށް ބާރުއަޅައި ރާއްޖޭގެ އިދިކޮޅު ސިޔާސީ ބައެއް މީހުންގެ އިތުރުން އިންޑިއާގެ ސިޔާސީ ބައެއް މީހުން ވަނީ ވާހަކަ ދައްކާފަ އެވެ. އެކަމަކު ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި ކަންކަން ހައްލު ކުރުމަށް އިންޑިއާގެ އަސްކަރިއްޔާ ރާއްޖެ އަށް ނުފޮނުވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށާއި އަދި ސަރުކާރުން ވެސް އެއްވެސް ގައުމެއްގައި އެ ފަދަ އެހީތެރިކަމަކަށް އެދިފައި ނުވާނެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.