ބައެއް ނޫސްވެރިން ރޭ ކުޅުނީ ފިލްމީ މަންޒަރުތަކެއް: އަދުރޭ

އިދިކޮޅު ފަރާތްތަކުން އިއްޔެ އާއި ރޭ ބޭއްވި މުޒާހަރާ ކަވަރު ކުރުމުގެ ނަމުގައި ބައެއް ނޫސްވެރިން ރޭ ކުޅުނީ ފިލްމީ މަންޒަރުތަކެއް ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް، މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ، ނޫސްވެރިންނަށް ވަރަށް ބޮޑަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.


ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ރޭގެ އެއްވުމުގައި ބައެއް ނޫސްވެރިން އުޅުނީ ފިލްމީ މަންޒަރުތަކެއް ކުޅެން ކަމަށެވެ. އެހެންވެ ސިޔާސީ ކަންކަމަށް ވުރެ ބޮޑަށް، ފިލްމު ކުޅެން މާ ރަނގަޅުވާނެ ކަމަށާއި ނޫސްވެރިކަމުން އެ މީހުންނަށް މާ ބޮޑު ކުރިއެރުމެއް ނެތް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރޭގެ އެއްވުމުގައި ސީދާ ނޫސްވެރިންނަށް އަމާޒުކޮށް ފުލުހުން ވަނީ ޕެޕާ ސްޕެރޭ ޖަހައި އަނިޔާކޮށްފަ އެވެ. އެ ގޮތުން ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަނަށް ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތަކަށް ރެ އިން ފެށިގެން އޭޑީކޭގައި އޭނާ އަންނަނީ ފަރުވާ ހޯދަމުންނެވެ.

ނަމަވެސް މިއަދު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި، ނޫސްވެރިންނަށް ފުލުހުން ކުރި އަނިޔާތަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ، ބުނެފައިވަނީ ބައެއް ނޫސްވެރިންގެ އަމަލުތައް ހުރީ އެއްވުމުގެ ބައިވެރިންނާ އެއް ހަމައެއްގައި ކަމަށެވެ. އަދި ބައެއް މީޑިއާތަކުން ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފަތުރަމުންދާ ކަން ފާހަގަކުރެވޭ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

އަބްދުއްރަހީމް ވިދާޅުވީ ރޭ ބައެއް މީޑިއާތައް ފެނިގެން ދިޔައީ މުޒާހަރާ ރާވައި ހިންގާ ބައެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ނޫސްވެރިން ކަމަށް ހެދިގެން އެ ތަނަށް ދިޔަ ބައެއް މީހުންނަކީ އެއްވުމުގެ ލީޑް ރޯލް ކުޅުނު މީހުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މުޒާހަރާ ބެއްލެވި ހުރިހާ އެންމެންނަށް ފެންނާނެ. މީޑިއާގެ ޒިންމާ އަކީ އެއީއެއް ނޫން. މީޑިއާގެ ޒިންމާއަކީ ހަމަހަމަކަމާއެކު އެ ތަނުގައި ހިނގަމުންދާ ކަންކަން ގެނެސްދިނުން. އެކަމެއް ކުރާ ތަނެއް ނޫން ފެނުނީ. ފުލުހުންނާ ކުރިމަތިލާން ވެސް އެންމެ އިސްކޮށް ތިބެނީ މީޑިއާ ފާސް އަޅައިގެން އެ ތަނަށް ގޮސް ތިބޭ މީހުން. މިއީ މިކަން ވެގެންވާނެ ގޮތެއް ނޫން،" އަބްދުުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލިމަންޓް ގްރޫޕުގެ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ މީގެ ކުރިން ހިނގާފައި ހުރި ހާދިސާތަކުގެ ފޮޓޯތައް، ރޭ ހިނގި މަންޒަރެއް ކަމަށް ބުނެ ދައްކަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އިދިކޮޅު ފަރާތްތަކާއި ބައެއް ޓީވީ ސްޓޭޝަންތަކުން ވެސް އެގޮތަށް ގެނެސްފައިވާތީ ހިތާމަކުރައްވާ ކަމަށް ނިހާން ވިދާޅުވި އެވެ.

"މިހިސާބަށް ދިޔައީމަ އެބަ އެނގޭ ޒިންމާދާރު ނޫސްވެރިކަމެއް ނޫންކަން މި ކުރެވެނީ. ހަމަ އެއްވެސް މީހަކު ނެތް ގޯޅި ކަންމައްޗެއް ދައްކައި މި ސަރަހައްދަށް އައުމަށް ގޮވާލާ ހިސާބަށް އެބަހުރި މި ކަންތައްތައް ކޮށްފައި. އެއީ އަޅުގަނޑުމެން ކުށްވެރި ކުރި ކުރުމަކީ އެވާހަކަ މި ދައްކަނީ،" ނިހާން ވިދާޅުވި އެވެ.

އޭނާ ވަނީ ނޫސްވެރިކަމުގެ މިންގަނޑާ ހިލާފުވެ، ޕާޓީތަކުގެ އެކްޓިވިސްޓުންގެ ގޮތުގައި މަސައްކަތް ކުރާ ނޫސްވެރިން ލައިނުން ބޭރުގައި ތިބެން ޖާގަ ކަނޑައެޅުމަށް ފުލުހުންނަށް ގޮވާލައިފަ އެވެ.

ނިހާން ވިދާޅުވީ އިއްޔެގެ އެއްވުމުގައި ރާއްޖެ ޓީވީ އަދި ވީޓީވީގެ ނޫސްވެރިން އެކަމުގައި ބައިވެރިވެފައިވަނީ ވަރަށް ނުބައި ފެންވަރެއްގައި ކަން، އެ މިީޑިއާތަކުން އަމިއްލަ އަށް ދައްކަމުންދިޔަ ވީޑިއޯތަކުން ހާމަވެގެންދިޔަ ކަމަށެވެ.

ސުޕްރީމް ކޯޓުން މި މަހު 1ގައި ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި އިދިކޮޅު ޕާޓީތަކުން ބޭއްވި އެއްވުމުގެ ތެރެއިން މަދުވެގެން 23 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ ޕާޓީތަކުން ބުންޏެވެ. ނަމަވެސް ރޭ ބައެއް މީހުން ވަނީ ދޫކޮށްލައިފަ އެވެ.