މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް މާދަމާ ބާއްވާނެކަން މަޖިލީހުގެ މެންބަރުންނަށް މިރޭ އަންގައިފި އެވެ.


ދައުރުން ބޭރުގައި ބާއްވާ ހާއްސަ ޖަލްސާއެއް މާދަމާ އޮންނާނެކަން އެންގި ނަމަވެސް ޖަލްސާ އޮންނާގެ ވަގުތެއް، މެންބަރުންނަށް ފޮނުވި މެސެޖުގައި ބުނެފައެއް ނުވެ އެވެ.

މިރޭ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވެސް ވަނީ ޖަލްސާއެއް ބާއްވަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. މަސީހު އިސްތިއުފާ ދެއްވި ކަމަށް ދެކެވޭ ވާހަކަ ދޮގުކުރައްވައި ވިދާޅުވީ މަޖިލީހުގެ މަސައްކަތުގައި ސާބިތުކަމާއެކު ދެމިހުންނަވާނެ ކަމަށާއި ދައުރުން ބޭރު ޖަލްސާއެއް މާދަމާ ބޭއްވޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

މަސީހު ނޫސްވެރިންނާ ވާހަކަ ދެއްކެވީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމްގެ ފޯނު މެދުވެރިކޮށެވެ. ޖަލްސާގެ އިތުރު ތަފްސީލެއް މަސީހު ނުދެއްވަ އެވެ.

މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ބާއްވަން އުޅެނީ ރައީސް އަބްދުﷲ ޔާމީން މި މަހުގެ 5 ވަނަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި ނެރުއްވި ގަރާރާ މެދު މަޖިލީހުން ފާސްކުރުމަށެވެ. އެ ޖަލްސާ މިރޭ ބާއްވަން އުޅުނު ނަމަވެސް ފަހު ވަގުތު ވަނީ ކެންސަލްކޮށްފަ އެވެ.

ރައީސް އަބްދުﷲ ޔާމީން، މަޖިލީހަށް މިއަދު ފޮނުއްވި ސިޓީފުޅުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ދިގުދަންމަން ހުށަހަޅުއްވައިފަ އެވެ. މި މަހުގެ 7 ވަނަ ދުވަހު މި މައްސަލަ މަޖިލީހަށް ފޮނުވި އިރު، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މާދަމާ ރޭ ހަމަވާނެ އެވެ.

ގާނޫނުއަސާސީގައި ބުނާގޮތުން އެ ގަރާރު ފާސްކުރަން، 43 މެމްބަރުން މަޖިލީހުގައި ހާޒިރުވެ ތިއްބަވަން ޖެހެ އެވެ. އެކަމަކު އެ އަދަދަށް ޕީޕީއެމަށް މެމްބަރުން ހަމައެއް ނުވެ އެވެ. ޣައިރު ގާނޫނީ ޖަލްސާއެއް ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ވަނީ ޖަލްސާ ބޮއިކޮޓްކުރަން ނިންމައިފަ އެވެ.