ރިޔާސީ ބަޔާން އިއްވާ ޖަލްސާ މާދަމާ ބާއްވަނީ

ރައީސް އަބްދުﷲ ޔާމީން މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވާ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާ ބާއްވާނެ ކަމަށް ޕީޕީއެމުން މިރޭ ބުނެފި އެވެ.


ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން މިހާރު ކުރިއަށް ގެންދާ ޖަލްސާގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ، ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވަވާ، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ އޮންނާނެ ކަމަށެވެ. ނަމަވެސް ޖަލްސާ އޮންނާނެ ވަގުތަކާއި ތަނެއް އޭނާ ވިދާޅެއް ނުވެ އެވެ. އަދި މިކަމާ ގުޅޭ ގޮތުން މަޖިލީހުގެ އިދާރާއަކުން ވެސް އަދި ވަކި އެއްޗެއް ނުބުނެ އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ޖަލްސާތައް އެ އަހަރެއްގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާފައި ފަށަން ޖެހެ އެވެ. އެކަމަކު، ގަވާއިދުގައި އެ ބުނާ ޖަލްސާ މި މަހުގެ ފަސްވަނަ ދުވަހު ދަރުބާރުގޭގައި އޮންނާނެ ކަމަށް އިއުލާން ކުރުމަށް ފަހު، ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ މަޖިލީހުގެ އިދާރާ އިން ވަނީ އެ ޖަލްސާ ކެންސަލް ކޮށްފަ އެވެ. އޭގެ ފަހުން އެ ދުވަހުގެ ރޭ ރައީސް ޔާމީން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފަ އެވެ.

މަޖިލީހުގެ ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އޮންނާނީ ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ސިޔާސަތުގެ މައްޗަށް ބިނާކޮށްފައިވާ ރިޔާސީ ބަޔާން، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އިއްވެވުމެވެ.

ކުރިން 15 ދުވަހަށް އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ދެންމުމަށާއި އެކަމާ ގުޅޭ ގޮތުން ކުރިން ނެރުނު ގަރާރު ފާސްކުރުމަށްޓަކައި ދައުރުން ބޭރުން އިއްޔެ އާއި މިއަދު ވަނީ މަޖިލީހުގެ ދެ ޖަލްސާ ބާއްވައިފަ އެވެ.