ރިޔާސީ ބަޔާން އިއްވާ ޖަލްސާ މިރޭ ދަރުބާރުގޭގައި

ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވެވުމުގެ ޖަލްސާ މިރޭ 9 ޖަހާއިރު ދަރުބާރުގޭގައި ބާއްވަން ނިންމައިފި އެވެ.


އެ ޖަލްސާގެ ދައުވަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މެމްބަރުންނަށް މިއަދު ވަނީ ފޮނުވައިފަ އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ޖަލްސާތައް އެ އަހަރެއްގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާފައި ފަށަން ޖެހެ އެވެ. އެކަމަކު، ގަވާއިދުގައި އެ ބުނާ ޖަލްސާ މި މަހުގެ ފަސްވަނަ ދުވަހު ދަރުބާރުގޭގައި އޮންނާނެ ކަމަށް އިއުލާން ކުރުމަށް ފަހު، ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ މަޖިލީހުގެ އިދާރާ އިން ވަނީ އެ ޖަލްސާ ކެންސަލް ކޮށްފަ އެވެ. އޭގެ ފަހުން އެ ދުވަހުގެ ރޭ ރައީސް ޔާމީން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފަ އެވެ.

މަޖިލީހުގެ ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އޮންނާނީ ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ސިޔާސަތުގެ މައްޗަށް ބިނާކޮށްފައިވާ ރިޔާސީ ބަޔާން، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އިއްވެވުމެވެ.

ރިޔާސީ ބަޔާން އިއްވެވުމުގެ ޖަލްސާ މިރޭ ބާއްވާއިރު މި މަހު 5 ގައި ރައީސް އަބްދުﷲ ޔާމީން 15 ދުވަހަށް އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު ރޭ ވަނީ އިތުރު 30 ދުވަހަށް އިތުރުކޮށްފަ އެވެ. މިއީ، ރައްޔިތުންގެ މަޖިލީހުން ގާނޫނާ ޚިލާފަށް ބޭއްވި ޖަލްސާއަކުން ނިންމި ޣައިރު ގާނޫނީ ކަމެއް ކަމަށް އިދިކޮޅު މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެއީ މަދުވެގެން، މަޖިލީހުގެ ދެ ބައިކުޅަ އެއްބައި ހާޒިރުވާ ޖަލްސާއަކުން ނޫނީ ފާސް ނުކުރެވޭނެ ގަރާރެއް ކަމަށް ވާތީ އެވެ. ގަރާރު ފާސްކުރި ޖަލްސާއަށް އިދިކޮޅު މެންބަރުން ހާޒިރެއް ނުވެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު މުއްދަތު އިތުރު ކުރުމަށް ރައީސް ޔާމީން މަޖިލީހަށް ހުށަހެޅުއްވި ގަރާރު ރޭ ފާސްކުރީ 38 ވޯޓުންނެވެ. މިއީ، ކަނޑައެޅިގެން ގާނޫނުއަސާސީއާ ޚިލާފުވުން ކަމަށާއި އެހެންވެ ރެ އިން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތު ބާތިލްވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.