މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފުތާގައި ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ ފުރަތަމަ ދުވަހު ކަނޑައެޅި ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް އަންނަ އަންގާރަ ދުވަހު ބާއްވަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.


މި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވަނީ ޕާޓީ ބަދަލުކުރާ މެމްބަރުން ގޮނޑި ގެއްލޭނެ ކަމަށް އެ ކޯޓުން މިދިޔަ ޖުލައި މަހު ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު ކަނޑައަޅާފައި އޮތަސް، އެއްވެސް މެމްބަރެއްގެ ގޮނޑި އެ ހުކުމުގެ ދަށުން ނުގެއްލޭ ކަމަށް އެ އަމުރުގައި ކަނޑައެޅި އެވެ.

އެކަމަކު މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އެ ބަޔަށް އަމަލު ކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރެފަ އެވެ. އެ ބަޔަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އެންގީ އެ އަމުރުގެ އެ ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ.

އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި އެ މައްސަލައިގެ އަޑުއެހުމެއް އަންނަ އަންގާރަ ދުވަހުގެ ހެނދުނު ބާއްވަން މިހާރު ވަނީ ތާވަލްކޮށްފަ އެވެ.

މި މަހުގެ ފުރަތަމަ ދުވަހު ނެެރުނު އަމުރަށް ފަހު ކުއްލި ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން މި ވަގުތު ސަސްޕެންޑް ވެސް ކޮށްފައިވާތީ މިވަގުތު ސުޕްރީމް ކޯޓުގައި މަސައްކަތް ކުރައްވަނީ ތިން ފަނޑިޔާރުންނެވެ.

މި މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގައި އިދިކޮޅު ލީޑަރުންނާއި އިތުރު ބައެއް ފަރާތްތައް ދޫކޮށްލަން ވެސް އެންގި އެވެ. އެކަމަކު ފަހުން ކޯޓުން ވަނީ އެ ބައި ބާތިލްކޮށްފަ އެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ އެއްވެސް މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނުބެލޭނެ ކަމަށް އެ އަމުރުގައި ކަނޑައެޅި ބައި ވެސް އެ ކޯޓުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ.