މަޑުއްވަރިން ކަރަންޓު ކެނޑޭތީ ރައްޔިތުން އިންޖީނުގޭ ދޮށަށް އެއްވެއްޖެ

ރ. މަޑުއްވަރީން ކަރަންޓު ކެނޑޭތީ، އެ ރަށުގެ ގިނަ ބަޔަކު އިންޖީނުގޭ ދޮށަށް އެއްވެ މިއަދު ހަވީރު އަޑު އުފުލައިފި އެވެ.


މަޑުއްވަރީން ވާހަކަ ދެއްކި ބައެއް މީހުން ބުނީ، ކޮންމެ ދުވަހަކު ހެން އެ ރަށުން ކަރަންޓު ކެނޑޭތާ މިހާރު ދެ ހަފުތާއެއްހާ ދުވަސް ވެއްޖެ ކަމަށެވެ. އޭގެ ސަބަބުން ބައެއް ގެތަކުގެ ކަރަންޓު ސާމާނަށް ގެއްލުން ލިބެމުންދާ ކަމަށް އެ މީހުން ބުންޏެވެ.

މަޑުއްވަރީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އަޝްހަދު މިއަދު ވިދާޅުވީ އެ ރަށުގެ ގިނަ ބަޔަކު އިންޖީނުގޭ ދޮށަށް އެއްވީ، ކަރަންޓު ސާމާނު ހަލާކުވަމުންދާތީ އެކަމާ ދެކޮޅަށް އަޑުއުފުލައި އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކަމަށެވެ.

"ރައްޔިތުން ބޭނުންވަނީ 24 ގަޑިއިރު ކަރަންޓު ޔަގީން ކުރަން. މި ރަށުގެ ގިނަ ގެތަކުގައި އޭސީ ފަދަ އެއްޗެހި ބޭނުން ކުރާއިރު ލޯޑު މަތި ވެގެން މިގޮތަށް ކަރަންޓު ކެނޑޭ ކަމަށް ވަންޏާ ރޯދަމަހު އަޅުގަނޑުމެން ތިބެން ޖެހޭނީ ކަނު އަނދިރީގައި،" އާބާދީގައި 2،400 އަށް ވުރެ ގިނަ މީހުން އުޅޭ އެ ރަށުގެ ކައުންސިލަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޑުއްވަރީގައި މިހާރު ކަރަންޓު ދެމުން އަންނަ 200 ކިލޯ އާއި 175 އަދި 165 ކިލޯގެ ޖަނަރޭޓަރުން، ރައްޔިތުންނަށް އެކަށީގެންވާ ވަރަށް ކަރަންޓު ނުދެވޭ ކަމަށެވެ.

އަޝްހަދު ވިދާޅުވީ ފެނަކައިން ހިންގާ އެ އިންޖީނުގޭ ދޮށަށް މީހުން އެއްވީ އެ ތަނުގެ މެނޭޖަރާ ބައްދަލުކޮށް ވާހަކަ ދެއްކުމަށް ކަމަށެވެ. އެކަމަކު ފެނަކައިގެ ފަރާތުން ރައްޔިތުންނަށް ޖަވާބުދާރީ ނުވެވޭނެ ކަމަށް ވިދާޅުވެ، މެނޭޖަރު ރައްޔިތުންނާ ބައްދަލު ނުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މެނޭޖަރު ބައްދަލު ނުކުރުމުން، އެއްވި ތިބި ބައެއް މީހުން ވަނީ އިންޖީނުގޭތެރޭ ތިބި މީހުން ބޭރަށް ނުކުތަނުދީ ކުޑައިރުކޮޅަކަށް ހިފަހައްޓާފަ އެވެ. އެކަމަކު ފަހުން ބައެއް މީހުން އިންޖީނުގޭ ތެރެއަށް ވަދެ، މެނޭޖަރާ ބައްދަލު ކުރުމަށް ޑިމާންޑު ކުރި ކަމަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.

އަޝްހަދު ވިދާޅުވި ގޮތުގައި އެ އެއްވުން މެދުކަނޑާލީ އެއްވެ ތިބި މީހުންގެ ތެރެއިން އިސް ދެތިން މީހުންނާ، މެނޭޖަރު ބައްދަލުކުރަން އެއްބަސްވުމުންނެވެ. އެކަމަކު އެ މީހުން ބޭނުންވަނީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އޭނާ ވިދާޅުވި އެވެ.