އެއްވެސް ހާލަތެއްގައި ބަގާވާތް ކުރުން ބަލައެއް ނުގަނެވޭނެ ކަމަށާއި ފެބްރުއަރީ 7، 2012 ގައި ރާއްޖޭގައި ހިނގި ކަންތަކަށް ވެސް ތާއީދު ނުކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ތުރުކީ އަށް ގެންނަން އުޅުނު އަސްކަރީ ބަގާވާތާ ގުޅޭ ގޮތުން މިނިސްޓަރު ކުރެއްވި ފުރަތަމަ ޓުވީޓުގައި ވިދާޅުވި ގޮތުގައި ތުރުކީގެ ހާލަތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެ އެވެ. އެއްވެސް ފަރާތަކުން، ކޮންމެ ތަނެއްގައި ކުރިޔަސް ބަގާވާތް ކުރުން ބަލަައެއް ނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތުރުކީ އެ އޮތީ ވަރަށް ހާލުގައި،" އެ ޓުވީޓުގައިވެ އެވެ.
Cannot accept a coup from any group in anywhere. Turkey is suffering.
— Adam Shareef Umar (@Adamshareefz) July 16, 2016
އެ ޓުވީޓާ ގުޅިގެން މިނިސްޓަރަށް ގިނަ ސުވާލުތަކެއް އަމާޒުވި އެވެ. އެންމެ ގިނައިން މީހުން ސުވާލު ކުރީ ފެބްރުއަރީ 7، 2012 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާ ގުޅޭ ގޮތުންނެވެ. ފުލުހުންނާއި ސިފައިންގެ ބައިވެރިވުމާ އެކު ހިނގި ހަމަނުޖެހުންތަކަށް ފަހު ނަޝީދު އިސްތިއުފާ ދެއްވިއިރު، އެއީ ބަގާވާތަކަށް ނުވޭތޯ އާއި އެ ކަމުގައި އުޅުނު ފަރާތްތައް މިހާރު ތިއްބެވީ ވެރިކަމުގައި ނޫންތޯ އެކި މީހުން މިނިސްޓަރާ ސުވާލު ކުރި އެވެ.
"އެ ކަމަށް ވެސް އަޅުގަނޑު ހިތްވަރެއް ނުދެން،" އެކަކު ކުރި ސުވާލަށް ޝަރީފް ދެއްވި ޖަވާބުގައިވެ އެވެ.
@pax_pack I did not encourage that either.
— Adam Shareef Umar (@Adamshareefz) July 16, 2016
ނަޝީދުގެ ވެރިކަން ބަދަލުވީ، އިދިކޮޅު ފަރާތްތަކުން އަދިވެސް ގަބޫލު ކުރާ ގޮތުގައި، ބަގާވާތަކުންނެވެ. އެކަމަކު، ބޭރުގެ ފަރާތްތަކުގެ ބައިވެރިވުމާ އެކު އެކަން ބަލަން އެކުލަވާލި ތަހުގީގީ ކޮމިޓީން ވަނީ އެއީ ބަގާވާތެއް ނޫން ކަމަށް ނިންމާފަ އެވެ.
ތުރުކީ ސިފައިންގެ ތެރެއިން ބަޔަކު ރޭ ނުކުމެ އިސްތަންބޫލްގެ ބޮސްފޮރަސް އާއި ފާތިހު ސުލްތާން މެހްމާތު ބްރިޖް ބަންދު ކުރި އެވެ. އަދި ގައުމުގައި ކާފިއު ހިންގާ، ގާނޫނުއަސާސީ ސަސްޕެންޑްކޮށް، ސިފައިންގެ އާ ގާނޫނެއް ތަންފީޒު ކުރަން ފެށި އެވެ. މީގެ އިތުރުން، އިސްތަންބޫލް އެއާޕޯޓް ބޭރުގައި ޓޭންކްތައް ޕާކްކޮށް، އެ ތަން ބަންދު ކުރިއިރު، ތުރުކީ އަށް ހުރިހާ ފްލައިޓްތަކެއް ވެސް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.

އެކަމަކު، ރައްޔިތުން ނުކުމެ އެ ބަގާވާތް ވަނީ ފޭލްކޮށްލާފައިވެ އެވެ.
ބަގާވާތް ކުރި ބައެއް ސިފައިން އާއްމުންގެ ތެރެ އަށް ބަޑި ޖެހުމާއި އެ ނޫން ވެސް ގޮތްގޮތުން ހިނގި ކުރިމަތިލުންތަކުގައި 60 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެކަމަކު، އަދިވެސް އެތައް މިލިއަން މީހުންނެއް މަގުތަކުގައި އެބަތިއްބެވެ.