ދެ ވަނަ އަށް ހައްޔަރުކުރީ ކުރީގެ އެސްއޯ ފުލުހެއް

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދެވަނަ އަށް ހައްޔަރުކުރި ފުލުސް މީހާއަކީ މިހާރު ހދ. ކުޅުދުއްފުށީގައި މަސައްކަތް ކުރާ، ކުރީގެ އެސްއޯ ޕޮލިހެއްކަން "މިހާރު" އަށް ޔަގީންވެއްޖެ އެވެ.


މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފް ހައްޔަރުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ހަމަ އެ ރޭ ކުޅުދުއްފުށިން ހައްޔަރުކޮށްފައިވަނީ އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރަމުން އަންނަ އަހުމަދު އާސިމް އެވެ. އޭނާ އަކީ މާލޭގައި ޑިއުޓީގައި އުޅުނުއިރު އެސްއޯގައި މަސައްކަތްކުރި ފުލުހެކެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ތެރޭގައި ބައިބައިވުން އުފައްދަން އުޅުމާއި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން އުޅުމުގެ ތުހުމަތުގަ އެވެ.

އެސްއޯގެ ކުރީގެ ކޮމާންޑަރު ސައިފް ހައްޔަރު ކުރީ ސިޔާސީ ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން މި މަހު 1ގައި ނެރުނު އަމުރާ ގުޅިގެން ފުލުހުންގެ ތެރޭގައި ހަމަނުޖެހުން އުފައްދަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ދެ ފުލުހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ޖަލު ހުކުމް އިއްވާފައިވާ ސިޔާސީ ލީޑަރުންތަކަކާއެކު ނުވަ މީހަކު ދޫކޮށްލުމަށް މިމަހު އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި އަމުރާއެކު ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ހަލަބޮލިވެފަ އެވެ. އެ އަމުރު ތަންފީޒު ކުރާނެ ކަމަށް ބުނިތާ މާގިނައިރުތަކެއް ނުވެ އޭރުގެ ޕޮލިސް ކޮމިޝަނާ އަހުމަދު އަރީފް ވަނީ މަގާމުން ދުރުކޮށްފަ އެވެ. އެއަށްފަހު ފުލުހުންގެ އިދާރާ ހިންގުން ހަވާލުކުރެއްވި އަހުމަދު ސައުދީ ވެސް އެމަގާމުން ވަކިކޮށް ފަހުން ފުލުހުންގެ އިދާރާ ހިންގަން ހަވާލުކުރައްވާފައިވަނީ އަބްދުﷲ ނަވާޒާ އެވެ.