ރާއްޖޭގެ ހާލަތު ބަލަން ބައިނަަލްއަގްވާމީ ފަރާތްތަކަށް ދައުވަތު ދެން: މުންދު

އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން ބައިނަލްއަގްވާމީ މުޖުތަމައަށް ފޯރުކޮށް ދެނީ އަސްލެއް ނެތް ދޮގު މައުލޫމާތު ކަމަށާއި ރާއްޖޭގެ ހާލަތު ބަލަން އައުމަށް ބޭރުގެ ފަރާތްތަކަށް ދައުވަތު ދެއްވާ ކަމަށް ރާއްޖޭން ސްރީ ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިރޭ ވިދާޅުވެއްޖެ އެވެ.


ރުމާލު 2 ޖަގަހާގައި "ގައުމަށްޓަކައި މަގޭ މޭ އައްޑަނައަކަށް" ގެ ނަމުގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ދޭތެރެ ދޭތެރެ އިން އޭނާ މާލެ ވަޑައިގެން ޖަލްސާތަކުގައި ދިވެހި ބަހުން ދައްކާ ވާހަކަތައް ރާއްޖޭގެ ބައެއް މީޑިއާތަކުގައި އުޅޭ މީހުންނާއި އިދިކޮޅު ބައެއް މީހުން އޮޅުވާލައިގެން ތަރުޖަމާކޮށް ބޭރުގެ ފަރާތްތަކާ ހިއްސާކުރާ ކަމަށެވެ. އެހެންވެ އެފަދަ މީހުންނަށް އަރާ އޮޅުންތައް ސާފުކޮށްދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.

މިރޭ އިނގިރޭސިން ދެއްވި ތަގުރީގުގައި މުންދު ވިދާޅުވީ ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތް ބަލަން ބޭރުގެ ފަރާތްތަކުން އަންނަންވީ ކަމަށެވެ.

ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ބޭފުޅަކު ވާހަކަ ދައްކަވާއިރު މުންދު (ކ) އަތްޖައްސަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"އެބޭފުޅުން ވަޑައިގެން ރާއްޖޭގައި ހިނގާ ކަންކަން ގާތުން ބެލުމުގެ ފުރުސަތު އެބަ އޮތް. އާންމު ރައްޔިތުންނާ ވެސް ވާހަކަ ދައްކައި ކަމުގެ ހަގީގަތް އޮޅުން ފިލުވަން ދައުވަތު އަރުވަން،" މުންދު ވިދާޅުވި އެވެ. "މަދު ބަޔަކު ދައްކާ ދޮގު ވާހަކަތައް ގަބޫލުކުރުމުގެ ބަދަލުގައި މި ތަނަށް އައިސް މިތަނުގެ ހާލަތު އޮތް ގޮތް ބަލާކަށް އެއްވެސް ހުރަހެއް ނެތް. އެ ފުރުސަތު އަބަދުވެސް ހުޅުވިފައި އޮންނާނެ."

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭން ބޭރުގައި ތިއްބަވައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަދަ ބޭފުޅުން ކުރައްވާ މަސައްކަތަކީ ގައުމަށް ޣައްދާރުވުމެވެ.

"މަދު ބަޔަކު ދައްކާ ދޮގު ވާހަކަތައް ގަބޫލު ކުރުމުގެ ބަދަލުގައި މި ތަނަށް އައިސް މިތާނގެ ހާލަތު އޮތް ގޮތް ބަލާކަށް އެއްވެސް ހުރަހެއް ނެތް. އެ ފުރުސަތު އަބަދު ވެސް ހުޅުވިފައި އޮންނާނެ.

ރާއްޖޭން މީގެ ކުރިން ހޯދާފައި ނުވާ ވަރުގެ ބޮޑެތި ކުރިއެރުންތައް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބައިނަލްއަގްވާމީ މައިދާނުގައި ވެސް ހޯދައި، ރާއްޖެއަކީ ބޭރު ދުނިޔޭގައި ނަން ހިނގާ، ވަރުގަދަ ގައުމަކަށްވެފައިވާ ކަމަށް މުންދު ވިދާޅުވި އެވެ.

އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މައްސަލަތަކުގައި ރާއްޖޭން އަދާކުރާ ދައުރާއި ޓެރަރިޒަމާ ދެކޮޅަށް މި ސަރުކާރުން ކުރާ މަސައްކަތްތަކާއި އދ. ގެ ސަލާމަތީގެ މަޖިލީހުގެ ގޮނޑި އަށް ރާއްޖެ ވާދަކުރުން ފަދަ ކަންކަމަކީ ބޮޑެތި ކާމިޔާބީތައް ކަމަށް މުންދު ވިދާޅުވި އެވެ.

ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ބޭފުޅަކު ވާހަކަ ދައްކަވާއިރު މުންދު (ކ) އަދި އެހެން ބޭފުޅުން އަތްޖައްސަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"މިހާތަނަށް ރާއްޖޭގެ އެއްވެސް ސަރުކާރަކަށް މިފަދަ ކަންކަމުގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައެއް ނެތް. އެކަމަކު ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ރައީސް ޔާމީން ވަނީ މިފަދަ އެތައް ގޮތަކުން ކާމިޔާބީތަކެއް ހޯއްދަވާފައި،" އޭނާ ވިދާޅުވި އެވެ.

މުންދު ވިދާޅުވީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ރައްޔިތުން އިންތިހާބު ކުރަން ޖެހެނީ ވެސް މިފަދަ ސަބަބުތަކާ ހެދި އެވެ. އެހެންވެ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ބޮޑު އަޣުލަބިއްޔަތަކުން އެ މަނިކުފާނަށް އިންތިހާބު ވާނެ ކަމަށް ވިދާޅުވި އެވެ.