ޕެޕަ ސްޕްރޭ ޖެހުމުން ހާލު ދެރަވި އަބްދުﷲ ހޭއަރައިފި

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކަމަށްވާ ކުނޫޒުގައި ހުއްޓާ މިދިޔަ ހުކުރު ވިލޭރޭ ޕެޕަ ސްޕްރޭ ޖެހުމުން ހާލު ދެރަވި އަބްދުﷲ ސަލީމްގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.


މިދިޔަ ހުކުރު ދުވަހުގެ ރޭ ކުނޫޒްގައި ހުއްޓާ އަބްދުﷲ ސަލީމް 43، ގެ ގަޔަށް ޕެޕަ ސްޕްރޭ ޖެހުމުން އޭނާ އަށް ފިޓް ޖެހި ހާލު ސީރިއަސްވި އެވެ. ހާލު ރަނގަޅުވަމުން އައި ނަމަވެސް އޭނާ އަދިވެސް އޮތީ އައިޖީއެމްއެޗުގަ އެވެ.

އަބްދުﷲގެ ބޭބެ އަހުމަދު ސަލީމް ބުނީ ކޮއްކޮ ހޭއެރީ އިއްޔެ ކަމަށާއި ހާލު މިހާރު ރަނގަޅު ކަމަށެވެ.

"އިއްޔެ ލޯ ހުޅުވާލާ ވެސް ހެދި. ކުރިއަށް ވުރެ ރަނގަޅު މިހާރު. އެކަމަކު އަދިވެސް ނިންދަވާފައި ބާއްވަނީ،" އަހުމަދު ބުންޏެވެ.

އޭނާ ބުނީ އަބްދުﷲގެ ހާލަތާ މެދު އިތުރު ތަފްސީލެއް ލިބޭނީ މިއަދު ޑޮކްޓަރަށް ދެއްކުމުން ކަމަށެވެ.

އަބްދުﷲ އަކީ މީގެ ކުރިން ވެސް ފިޓް ޖެހޭ މީހެކެވެ. އެކަމަކު އެ މައްސަލަ ކުރިމަތިނުވާތާ އެތައް އަހަރެއް ވެއްޖެ ކަމަށް އޭނާ ބުންޏެވެ.

އެސްއޯ ފުލުހުން ކުނޫޒަށް ވަދެގަނެ ޕެޕަ ސްޕްރޭ ޖެހި ގޮތާއި ބާރުގެ ބޭނުންކުރި ގޮތާ މެދު އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ޖޭޕީން ވަނީ އެ މައްސަލަ ބަލައިދޭން ނެޝެނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ވެސް ހުށައަޅާފަ އެވެ.