މާލެ ވަށައި ތާރު އަޅައި، މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

މާލެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި މާލޭގެ ބޮޑެތި މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ. މިއީ މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާއެކު ކުރިއަށް ގެންދަން ރާވާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫއެވެ.


ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ބުރާސްފަތި ދުވަހު "މިހާރު" އަށް ވިދާޅުވީ މާލެ ވަށައި ތާރުއެޅުމަކީ ބްރިޖާއެކު މާލެ އިން ފެންނާނެ ހިތްގައިމު އެއް މަންޒަރު ކަމަށެވެ. ތާރުއެޅުން ބަޔަކާ ހަވާލުކުރަން މިހާރު ކުރިއަށްދަނީ އިވެލުއޭޝަންގެ މަސައްކަތެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިވެލުއޭޝަން ނިންމައި އެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނެ އެވެ. އެ މަސައްކަތަށް ކުރިމަތިލާފައި ކުންފުނިތަކުގެ ނަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

"ތާރުއެޅުމަށް މި އަހަރު ތެރޭގައި ބަޔަކާ ހަވާލުކުރުން އެއީ އަޅުގަނޑުމެންގެ އުއްމީދެއް،" މުއިއްޒު ވިދާޅުވި އެވެ.

ވެހިކަލްތަކުން މަޖީދީ މަގު ތޮއްޖެހިފައި: މަޖީދީ މަގު ލެވެލްކޮށް އަލުން ގާއެތުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެ. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ގާތްގަނޑަކަށް 5.5 ކިލޯމީޓަރުގެ ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމުގެ ޕްލޭން މިނިސްޓްރީން މިހާރު އަންނަނީ އެކުލަވާލަމުންނެވެ. އޭގެތެރޭގައި ސާވޭކުރުމާއި ދެން ކުރަން ޖެހޭ ޓެކްނިކަލް ކަންކަން ހިމެނެ އެވެ.

މާލެ ވަށައިގެން ތާރުއެޅުމުގެ ކުރިން ވެސް މިނިސްޓްރީގެ ވިސްނުމަކީ ބޮޑެތި މަގުތައް ލެވެލްކޮށް ގާ އެތުރުމެވެ. އެ މަސައްކަތް އަންނަ މަހު ފަށަން ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ފުރަތަމަ މަޖީދީ މަގު. އެއަށް ފަހު ދެން ހުރި މަގުތައް،" މިނިސްޓަރު ވިދާޅުވި އެވެ.

މަޖީދީމަގަކީ އަބަދުވެސް ކާރޫބާރު ބޮޑު މަގެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެތަނުގެ މަސައްކަތް ކުރިއަށް ގެންދަން ރާވާފައިވާ ޕްލޭން ވަރަށް އަވަހަށް އާއްމުންނަށް ހާމަކުރާނެ ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދާނީ އާއްމުންނަށް ދަތިނުވާނެ ގޮތަކަށް، މަސައްކަތްތައް ބަހާލައިގެން ކަމަށް ވިދާޅުވި އެވެ.

"މިފަހަރު މަގު ހަދާއިރު ބޮޑު ބަދަލެއް އަންނާނެ. މަގުތައް ލެވެލްކޮށް ފެން ހިންދުމުގެ ނިޒާމް ބަދަލުކޮށް، ޕޭވްމަންޓް ވެސް ބަދަލުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު "މިހާރު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އަލުން ހަދަން ޖެހޭ ގިނަ މަގުތަކެއް ހުރުމާއެކު އޭގެ ތެރެއިން ވަރަށް ގިނަ މަގުތައް ރަނގަޅު ފެންވަރަކަށް ބަދަލުކޮށް، މިހާރުގެ ޝަކުވާތަކަށް ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް މިނިސްޓަރު ލަފާކުރައްވަ އެވެ.

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެކި ރަށްތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ އަޅާބަލާއިރު ކުޑަ ޕަސެންޓެކެވެ. ބޮޑެތި ރަށްތަކާއި ކުދި ރަށްތަކުގައި ވެސް ތާރުއަޅައިގެންނާއި ގާ އަތުރައިގެން މަގު ހެދުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް އެބަދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަތޮޅު ތެރޭގައި 19 ރަށެއްގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް އެބަދޭ،" މިނިސްޓަރު ވިދާޅުވި އެވެ.