އިލެކްޝަންސް ކޮމިޝަނަށް ޝަރީފް އައްޔަން ކުރައްވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާތަނަށް ހުންނެވި އަހުމަދު ޝަރީފް ދެންމެ އައްޔަން ކުރައްވައިފި އެވެ.


ރައީސް އޮފީހުގައި މީގެ އިރުކޮޅެއް ކުރިން ބޭއްވި ރަސްމިއްޔާތެއްގައި އޭނާ އަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ ޝަރީފްގެ އިތުރުން އެ ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި އިސްމާއިލް ހަބީބާއި މުހައްމަދު ޝަކީލް އަދި އަހުމަދު އަކްރަމެވެ.

އީސީގެ މެމްބަރަކަށް ޝަރީފް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، މިއަދު ބޭއްވި އެ މަޖިލީހުގެ ޖަލްސާގަ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހުން 33 ވޯޓު ދީފައިވާއިރު، އެގޮތަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ ތުޅާދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ނާޒިމް ރަޝާދު އެކަންޏެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ ހުވާ، ރައީސް ޔާމީންގެ ކުރިފުޅުމަތީގައި ޝަރީފް މިއަދު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަޑައިގަތީ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް ކޯލިޝަންގެ މެމްބަރުން އެކަންޏެވެ. ނަމަވެސް ޝަރީފްގެ ނަން ދިރާސާކުރި، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމަށް، އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެމްބަރުން ވަޑައިގަތެވެ.

މިނިވަން މުއައްސަސާތަކަށް އައްޔަން ކުރައްވާ ބޭފުޅުންނަކީ ގާބިލް ބައެއް ކަމަށް ކޮމެޓީން ކަނޑައަޅަނީ އެވްރެޖް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މީހުންނަށެވެ. އެގޮތަށް ބެލުމުން ޝަރީފަށް ކޮމެޓީން ދިނީ 77.3 މާކްސް އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ޝަރީފް އައްޔަން ކުރެއްވުމަށް ފަހު، ރައީސް ޔާމީން މިއަދު އޭނާއާ ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޝަރީފް އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރައްވަން ރުހުން ދިނީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ސުލައިމާން މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ. ސުލައިމާން މިހާރު ވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ރައީސް ކަމަށް އައްޔަން ކޮށްފަ އެވެ.

އީސީގެ މެމްބަރަކަށް އައްޔަން ކުރެއްވި ޝަރީފަކީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަދި ރާއްޖޭގައި އެއް ދުވަސްވަރެއްގައި މަޝްހޫރު ޕްރިންސިޕަލެކެވެ. އޭނާ ތައުލީމީ ދާއިރާއާ ދުރަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީގެ ދާއިރާގެ މެމްބަރުކަން ލިބިވަޑައިގަތުމުންނެވެ.