އެންޓި ޑިފެކްޝަން ބިލަށް އައްޑޫ ޝަރީފް ތާއީދު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދަން ސަރުކާރުން ހުށަހެޅި އެންޓި ޑިފެކްޝަން ބިލަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) މިއަދު ތާއީދު ކުރައްވައިފި އެވެ.


މީގެ ކުރިން ވެސް ބައެެއް ކަންކަމުގައި ސަރުކާރުގެ ފިކުރަށް ތާއީދު ކުރައްވާފައިވާ ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އެއް ޕާޓީއަކުން ހޮވުނު މެމްބަރަކު، އަނެއް ޕާޓީއަކާ ގުޅިވަޑައިގަންނަވަނީ ގޮނޑި ދޫކުރައްވާފައި ކަމަށާއި އަލުން އެ ގޮނޑި ބޭނުން ނަމަ، އެ މެމްބަރަކަށް ޖެހޭނީ އިންތިޚާބުގައި އަލުން ކުރިމަތިލައްވަން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ކުރެއްވި ޓުވީޓު.

ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން، މަޖިލީހަށް ފޮނުއްވި އެންޓި ޑިފެކްޝަން ބިލުގެ ފުރަތަމަ ކިއުން ވަނީ އިއްވައިފަ އެވެ. އަދި އަންނަ ހަފުތާގައި އޮންނަ މަޖިލީހުގެ ޖަލްސާގައި މި ބިލުގެ ބަހުސް މަރުހަލާ ފަށާނެ ކަމަށް ބެލެވެ އެވެ.

އެންޓި ޑިފެކްޝަން ބިލާ ގުޅިގެން ޕީޕީއެމް/އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ މެދުގައި ވަރަށް ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. އެކަމަކު، ނިހާނު މިރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި ބިލު ފާސް ކުރާނީ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވާ މައްސަލަ އަށް ފަރުވާ ހޯދުމަށް ފަހު އެވެ.

އެ ބިލާ ދެކޮޅު ހެއްދެވީ "ދެތިން މެމްބަރަކު" އެކަނި ކަމަށް ނިހާނު ވިދާޅުވިއިރު، ނަން ހާމަކުރަން ބޭނުން ނުވާ، ޕީޕީއެމްގެ ބައެއް އެހެން މެމްބަރުން "މިހާރު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ބިލަށް ތާއީދު ކުރެއްވީ "ދެތިން މެމްބަރަކު" ކަމަށެވެ. އަދި 99 ޕަސަންޓު މެމްބަރުން އެ ބިލާ ދެކޮޅު ކަމަށް ބައެއް މެމްބަރުން ވިދާޅުވެ އެވެ. އެކަމަކު އެ ވާހަކަތައް ނިހާން ތަކުރާރުކޮށް ދޮގުކުރައްވަ އެވެ.

ބިލުގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު، ޕާޓީ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލައަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅުން، މިއިން ކޮންމެ ހާލަތެއް ކުރިމަތިވިޔަސް ގޮނޑި ގެއްލޭނެ އެވެ. އެކަމަކު މިއީ ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައި އޮތް ޝަރުތުތަކެއް ނޫނެވެ. އެހެން ކަމުން ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވަނީ ގާނޫނުއަސާސީ އިސްލާހު ނުކޮށް އެ ބިލް ގާނޫނަކަށް ނުހެދޭނެ ކަމަށެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވާ މެމްބަރަކު އޭނާގެ އެ ދައުރުގައި ސިޔާސީ ޕާޓީއަކާ ގުޅިއްޖެ ނަމަ ހިނގަން ފަށާނީ، ބިލްގައި މިހާރު ބުނެފައިވާ ގޮތުގައި، ޕާޓީ ޓިކެޓްގައި އިންތިހާބުވާ މެމްބަރުންނަށް ވެސް ކަނޑައަޅާފައިވާ އުސޫލެވެ. އޭނާ ގުޅޭ ޕާޓީން ވަކިވުން، ވަކިކުރުން ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ގޮނޑި ގެއްލޭނެ އެވެ.