ރަށްތަކުގެ އެއްބަސްވުމާ ޚިލާފެއް ނުވަން، ރަށްތައް އަތުލީ ސިޔާސީ ބޭނުމެއްގައި: ވިލާ

ވިލާ ކުންފުންޏަށް ސަރުކާރުން ދޫކުރި ތިން ރަށަކާއި ދެ ފަޅުގެ އެއްބަސްވުންތަކާ އެ ކުންފުނިން ޚިލާފް ނުވާ ކަމަށާއި އެ ރަށްތައް އަތުލީ ސިޔާސީ ބޭނުމެއްގައި ކަމަށް ވިލާއިން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.


ވިލާއަށް ދޫކުރި ތިން ރަށަކާއި ދެ ފަޅެއްގެ އެއްބަސްވުން ސަރުކާރުން 2015 ގައި ބާތިލްކޮށް، އެތަންތަން އަތުލި މައްސަލާގައި ދަށު ކޯޓުން ނިންމީ ވިލާއާ އެއްކޮޅަށެވެ. އެކަމަކު މިދިޔަ އަހަރު ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، އެތަންްތަން އަތުލީ ރަނގަޅަށް ކަމަށް ހުކުމްކޮށްފަ އެވެ.

އެ މައްސަލަ ވިލާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ވިލާގެ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވީ ރަށްތަކުގެ މައްސަލާގައި ވިލާއިން އެއްބަސްވުމާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި އެއްބަސްވުމާ ޚިލާފްވީ ދައުލަތުން ކަމަށެވެ. އަދި ރަށްތައް އަތުލުމަކީ ސިޔާސީ މަގްސަދެއްގައި ކުރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ރަށްތަކާއި ފަޅުތައް އަތުލިކަން އަންގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ފޮނުއްވި ސިޓީގައި ސަބަބެއްގެ ގޮތުގައި އޮތީ ދައުލަތާ ދެކޮޅަށް ދައުވާއެއް ނުކުރަން ދެ ފަރާތުގެ ދެމެދުގައި ކުރިން ވެފައި އޮތް ސެޓްލްމަންޓް އެގްރިމެންޓާ ޚިލާފްވުމެވެ. އެކަމަކު އެ އެގްރިމެންޓާ ޚިލާފަށް، ދައުލަތާ ދެކޮޅަށް ދައުވާކުރީ ކޮން ފަރާތްތަކެއްކަން އެ ސިޓީގައި ބުނެފައި ނެތް ކަމަށާއި އެކަން އެނގުނީ ރަށްތައް އަތުލި މައްސަލާގައި ވިލާއިން ކޯޓަށް ދިއުމުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ދެ ފަރާތުގެ ދެމެދުގައި ހެދި ސެޓްލްމަންޓް އެގްރިމެންޓަކީ ލ. ކައްދޫއިން އިބްރާހިމް އަލީ ކިޔާ މީހަކަށް ސަރުކާރުން ދިން ބިމެއް އަތުލި މައްސަލާގައި 9.7 މިލިއަން ޑޮލަރު ދައުލަތުން އެ މީހާއަށް ދޭން ޖެހުމުން އެކަމުގައި ލުއި ގޮތްތަކެއް ހެދުމަށް ދެ ފަރާތުން 2013 ގައި ހެދި އެއްބަސްވުމެވެ.

އިބްރާހިމް އަލީގެ މަންދޫބެއްގެ ގޮތުން ވިލާގެ ޗެއާމަން ގާސިމް އިބްރާހިމް ބައިވެރިވެގެން ސެޓްލްމަންޓް އެގްރިމެންޓް ހެދީ 9.7 މިލިއަން ޑޮލަރު ދައުލަތުން އިބްރާހިމް އަލީއަށް ދެއްކުމުގެ ބަދަލުގައި، ވިލާގެ ފަސް ރިސޯޓާއި ވިލާ އެއާ އިން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާއިން އެ ބައި އުނިކުރުމަށެވެ. އަދި ވިލާގެ ރަށްތަކާ ގުޅިގެން ދައުލަތާ ދެކޮޅަށް އެއްވެސް ދައުވާއެއް ނުކުރުމަށް ވެސް އެ ސެޓްލްމަންޓް އެގްރިމެންޓްގައި އެއްބަސްވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ސެޓްލްމަންޓް އެގްރިމެންޓާ ވިލާއިން ޚިލާފްވި ކަމަށް ބުނެ ދައުލަތުން ދައްކާ ސަބަބަކީ ވިލާގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއު އެލްޓީ) ކިޔާ ކުންފުނިން 127 މިލިއަން ޑޮލަރުގެ ދައުވާއެއް ދައުލަތާ ދެކޮޅަށް ކުރުމެވެ. ޑަބްލިއު އެލްޓީން ދައުލަތާ ދެކޮޅަށް ދައުވާކުރީ ސަރުކާރުގެ ހިއްސާ އޮތް އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) ކުންފުނިން ޑަބްލިއު އެލްޓީއަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު، އެ ރަށްތައް ހަވާލު ނުކުރި މައްސަލާގައި ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

އެކަމަކު މުއިއްޒު ވިދާޅުވި ގޮތުގައި ޑަބްލިއުއެލްޓީގެ ދައުވާ އާއި ވިލާގެ ރަށްތަކުގެ މައްސަލާގައި ސަރުކާރާ ހެދި ސެޓްލްމަންޓް އެގްރިމެންޓާ ގުޅުމެއް ނެތެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ސެޓްލްމަންޓް އެގްރިމެންޓަކީ ވިލާއަށް ދޫކުރި ރަށްތަކާ ގުޅިގެން ހެދި އެއްބަސްވުމެއް ކަމަށްވާތީ ކަމަށާއި އަދި އެ ރަށްތަކާ ގުޅުން ހުރި އެއްވެސް ފަރާތްތަކުން ދައުލަތާ ދެކޮޅަށް އެއްވެސް ދައުވާއެއް ނުކުރާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ސެޓްލްމަންޓް އެގްރިމެންޓްގެ ތެރޭގައި ޑަބްލިއުއެލްޓީ ނުހިމެނޭ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން، މުއިއްޒު ވިދާޅުވީ ޑަބްލިއު އެލްޓީން ކުރި ދައުވާއަކީ 2010 ވަނަ އަހަރުން ފެށިގެން ކޯޓުގައި ހިނގަމުން ދިޔަ މައްސަލައެއް ކަމަށެވެ. އެ މައްސަލާގައި 16.9 މިލިއަން ޑޮލަރު ދައުލަތުން ޑަބްލިއު އެލްޓީއަށް ދައްކަން ޖެހޭނެ ކަމަށް ކޯޓުން ހުކުމް ކޮށްފައިވާއިރު، އިބްރާހިމް އަލީ އަށް ލިބެންޖެހޭ 9.7 މިލިއަން ޑޮލަރު ހޯދުމަށްޓަކައި 16 މިލިއަން ޑޮލަރު ދޫކޮށްލާނެ ކަމަށް ބުނެ ސެޓްލްމަންޓް އެގްރިމެންޓެއް ހަދާނީ ކާކުތޯ މުއިއްޒު ސުވާލު އުފެއްދެވި އެވެ.

މުއިއްޒު ވިދާޅުވީ ވިލާއަށް ދޫކުރި ތިން ރަށާއި ދެ ފަޅާ ގުޅިގެން ދެ ފަރާތުގެ ދެމެދުގައި މައްސަލައެއް އުޅޭ ނަމަ އެންމެ ފުރަތަމަ އެކަން ހައްލުކުރަން ޖެހޭނީ މަޝްވަރާ ކޮށްގެން ކަމަށް ސެޓްލްމަންޓް އެގްރިމެންޓްގައި ބުނާ ކަމަށެވެ. އެކަމަކު ރަށްތައް އަތުލުމުގެ ކުރިން އެއްވެސް މައްސަލައެއް އުޅޭކަމުގެ ޝަކުވާއެއް ސަރުކާރުން ކޮށްފައި ނުވާ ކަމަށާއި އޭގެ ކުރިން ވިލާއިން އެދިގެން ސެޓްލްމަންޓް އެގްރިމެންޓަށް ސަރުކާރުން ބަދަލު ގެނެސްދީފައި ހުރިކަން ވެސް މުއިއްޒު ފާހަގަކުރެއްވި އެވެ.

ރަށްތައް އަތުލީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމް ކުރުމާ އެކު، ގިނަ ދަތިތަކެއް ވިލާ ކުންފުންޏަށް ދިމާވެފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކުން އެ ކުންފުންޏަށް ޚިދުމަތް ދިނުން ހުއްޓާލާފައިވާ ކަމަށާއި އޭގެ ސަބަބުން މުދާ އެތެރެ ކުރުމާއި މުވައްޒަފުންނާ ގުޅޭ ކަންކަމުގައި ވެސް ދަތިތައް ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަވާބުދާރީވުމަށް ދައުލަތަށް ދިން ފުރުސަތުގައި ދައުލަތުން އެދުނީ ޖަވާބު ތައްޔާރުކޮށް ހުށަހެޅުމަށް އިތުރު ފުރުސަތަކަށެވެ. އެހެންވެ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ އެ ފުރުސަތު ދައުލަތަށް ދިނުމަށް ފަހު އެވެ.

ވިލާއަށް ދޫކުރި ރަށްތައް އަތުލި މައްސަލަ ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާއިރު، އެ ރަށްތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 188 މިލިއަން ޑޮލަރު(2.9 ބިލިއަން ރުފިޔާ) ދައުލަތަށް ހޯދަން ވިލާއާ ދެކޮޅަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލަ ސިވިލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.