ސެޕްޓެމްބަރަށް ބްރިޖްގެ ގިނަ ހޮޅިތައް ޖަހައި ނިމޭނެ: މުއްތަލިބް

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ ބޮޑެތި ބުޑުތައް އަޅަން ކަނޑު އަޑި އަށް ގިނަ ހޮޅިތައް ޖަހައި ސެޕްޓެމްބަރު މަހަށް ނިމެނޭ ކަމަށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.


މާލޭގައި ބްރިޖްގެ މަސައްކަތްތައްކުރާ ސައިޓާއި ބްރިޖް އަޅަން އެތަނުގައި ބޭނުންކުރާ ބިޔަ މެޝިންތައް ފުރަތަމަ ފަހަރަށް މިއަދު ވަނީ ނޫސްވެރިންނަށް ދައްކާލައިފަ އެވެ.

ބްރިޖް އަޅާ ސީސީސީސީގެ އިސް ބޭފުޅުންނާ އެކު އެތަން ދައްކާލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ކަނޑު އަޑިއަށް މިހާތަނަށް ހަތަރު ހޮޅި ޖަހައި ނިންމާފައިވާ ކަން މުއްތަލިބު ފާހަގަކުރެއްވި އެވެ. އެ ހޮޅިތައް ޖަހާފައި ވަނީ ހުޅުލޭ ކޮޅުގަ އެވެ.

ބްރިޖްގެ 1.6 މީޓަރު ޕައިލް ޓެސްޓް ކުރުމުގެ މަސައްކަތް މުއްތަލިބް ނޫސްވެރިންނަށް ދައްކާލައްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މުއްތަލިބް ވިދާޅުވީ ބްރިޖްގައި ޖުމްލަ 35 ހޮޅިޖަހާއިރު ފާހަގަކޮށްލެވޭ ވަރަށް ގިނަ ހޮޅިތައް ފެންނާނީ ސެޕްޓެމްބަރު މަހު ކަމަށެވެ. ހޮޅިތައް ޖަހައި ތޮރުފައިގެން ކޮންކްރީޓް އެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.

"ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް ކުރިއަށް ދާނެ މަސައްކަތެއް މިއީ 35 ހޮޅި ޖަހައި އެއަށް އަށް ކޮންކްރީޓް އެޅުން. އެ މަސައްކަތް ނިމުމަށް ފަހު ވީ އަކުރެއް ހެން، ޑިޒައިންގައި އިންނަ ކެޕިން ހެދުމުގެ މަސައްކަތް ކުރިއަށް ދާނީ،" މުއްތަލިބް ވިދާޅުވި އެވެ.

ޕައިލް ތެރެއަށް ފައްތާލާ ރެއިންފޯސްމަންޓް ހަދަނީ. ކޮންކްރީޓް އަޅާނީ މީގެ ތެރެއަށް. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މުއްތަލިބް ވިދާޅުވީ 1.6 މީޓަރުގެ ޓެސްޓް ޕައިލެއްގެ މަސައްކަތް ނިންމައި ކޮންކްރީޓް ޓެސްޓްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެެވެ. މިހާތަނަށް ހެދި ހުރިހާ ޓެސްޓްތަކެއް ވެސް ކާމިޔާބު ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރިޖްގެ ހުރިހާ މަސައްކަތްތަކެއް ވެސް ކުރިއަށް ގެންދަނީ ކޮލިޓއަށް ވަރަށް ބޮޑަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރިޖްގެ މަސައްކަތުގައި ސީސީސީސީގެ މުވައްޒަފުން ހަރަކާތްތެރިވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

"ޕްރޮޖެކްޓްގެ ހުރިހާ ކޮލިޓީ މަސައްކަތް ބެލުމަށްޓަކައި ޗައިނާގެ މި ކަހަލަ މަސައްކަތް ކުރުމަށް އެންމެ ގާބިލް ކުންފުނި، ސީސީސީ ހައިވޭ ކޮންސަލްޓެންޓްސް އިން ހަރަކާތްތެރިވޭ. ބްރިޖް ޑިޒައިންކުރުމުގެ މަސައްކަތް ކޮށްފައި އެ ވަނީ ވެސް އެ ފަރާތުން،" މުއްތަލިބް ވިދާޅުވި އެވެ.

އެ ކުންފުނީގެ ގާތްގަނޑަކަށް 20 މީހުން ބްރިޖް މަސައްކަތުގައި މާލޭގައި އެބަތިއްބެވެ. ފައުންޑޭޝަންގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މުއްތަލިބް ވިދާޅުވި ގޮތުގައި، އެ މަސައްކަތުގައި ކޮލިޓީ ބަލަން ކުރާނީ ކޮން ކަހަލަ ޓެސްޓްތަކެއް ކަމާއި ދެން ހުރި ތަފްސީލްތައް ވެސް ވަނީ ހިއްސާކޮށްފަ އެވެ.

ބްރިޖްގެ މަސައްކަތުގައި ސީސީސީސީގެ މުވައްޒަފުން ހަރަކާތްތެރިވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ހުޅުލެ އާއި މާލެއާ ދެމެދު ބްރިޖް އަޅަން ގާތްގަނޑަކަށް 220 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދެނީ ޗައިނާ ސަރުކާރުންނެވެ. އަނެއް ބައި ލޯނެއްގެ ގޮތުގައި ދޭ އިރު ދިވެހި ސަރުކާރުން ވެސް އެ މަޝްރޫއުއަށް ހޭދަކުރެ އެވެ.