މަހްލޫފަށް ކުރި ފުރަތަމަ ދައުވާގެ ހުކުމް އިއްވުން މާދަމާ ބާއްވަނީ

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފުގެ މައްޗަށް ކުރާ ދެ ދައުވާގެ ތެރެއިން އެއް ދައުވާގެ ހުކުމް މާދަމާ އިއްވަން ތާވަލްކޮށްފި އެވެ.


އިދިކޮޅު ފަރާތްތައް ގުޅިގެން އުފައްދާފައިވާ ކޯލިޝަންގެ ތަރުޖަމާނުކަން ވެސް ކުރައްވާ މަހްލޫފަށް ދައުވާކުރާ ދެ މައްސަލައިގެ ތެރެއިން މާދަމާ ހުކުމް އިއްވަން އޮތީ މިދިޔަ އަހަރު އޭނާ ފުލުހުންގެ ބަންދުގައި ހުރިއިރު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހަދައި، ފިލަން މަސައްކަތް ކުރި ކަމަށް ބުނެ ކުރާ ދައުވާގަ އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން ނިންމާލާފައިވާއިރު ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ކުރިން ވަނީ އިއުލާންކޮށްފަ އެވެ. ހުކުމް އިއްވުން ތާވަލްކޮށްފައި ވަނީ މެންދުރު އެވެ.

އެ ދައުވާ ސާބިތުވިޔަސް މަހްލޫފްގެ މެމްބަރުކަމުގެ ގޮނޑި ނުގެއްލޭނެ އެވެ. މެމްބަރުކަން ގެއްލެނީ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައުމުން ކަމަށްވާއިރު މަހްލޫފަށް ދައުވާކުރާ ކުށަށް އެންމެ ބޮޑު އަދަބަކަށް ވެސް އޮންނަނީ ހަ މަހަށް ޖަލަށްލުމެވެ. އަދި އާ ގާނޫނުލް އުގޫބާތުގެ ދަށުން އެ ކުށުގެ އަދަބު އެއަށް ވުރެ ވެސް ކުޑަވުމުގެ ފުރުސަތު އެބައޮތެވެ.

މެމްބަރުކަން ނުގެއްލުނަސް އެ މައްސަލާގައި ޖަލު ހުކުމެއް އައިސްފި ނަމަ ހުކުމުގެ މުއްދަތުގައި މަހްލޫފަށް މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.

އެ މައްސަލައިގެ އިތުރުން މަހްލޫފަށް ދައުވާކުރާ ދެވަނަ މައްސަލައިގެ ޝަރީއަތް ވެސް މާދަމާ ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު އެ މައްސަލަ ހުކުމާ ހަމައަށް އަދި ނުދެ އެވެ.