ޣައްދާރުވާ ބަޔަކު ރާއްޖެ ހުތުރު ގޮތަކަށް ސިފަކުރާތީ އެކަމުގެ ހިތި ލިބޭ: ރައީސް

ދިވެހި ގައުމަށް ޣައްދާރުވާ ބައެއްގެ ސަބަބުން އެކަމުގެ ހިތި ލިބެމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.


ހޯރަފުށީގެ ނަރުދަމާގެ ނިޒާމު އިފްތިތާހުކޮށް ދިނުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޭރު ދުނިޔޭގައި ރާއްޖެއާ މެދު ނުބައި ގޮތަކަށް ސިފަ ވަނީ ދިވެހިންގެ ވިސްނުމާއި އުސޫލުތަކަށް އިހުތިރާމް ނުކުރާ ބަޔަކު އެގޮތަށް ރާއްޖެ ސިފަ ކުރާތީ ކަމަށެވެ.

ރައީސް ޔާމީން ހޯރަފުށީގެ ނަރުދަމާގެ ނިޒާމު އިފްތިތާހުކޮށް ދެއްވުމަށް ފަހު މޮނިއުމަންޓް ބައްލަވާލައްވަނީ. ރާއްޖޭގެ ގިނަ ރަށްތަކެއްގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިނގަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި. - ފޮޓޯ: ރައީސް އޮފީސް

ގައުމަށް ޣައްދާރުވާ ބައެއްގެ ސަބަބުން، މީގެ ކުރިން އެހީ ލިބުނު ބޭރުގެ ބައެއް ދައުލަތްތަކުން އެހީ ލިބުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެއް ގައުމުން އެހީ ނުވާނަމަ އެހެން ގައުމަކުން ރާއްޖެ އަށް އެހީވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއް ގައުމުން އަޅުގަނޑުމެންނަށް އެހީ ނުވާ ކަމަށްވާނަމަ، އަނެއްކާވެސް ޓަކި ޖަހާނެ އެހެން ދޮރެއްވޭ. އެ މަގުން އަޅުގަނޑުމެން މަސައްކަތް ކުރާނަމަ ހެޔޮ އަގުގައި އިންޓަރެސްޓް ރޭޓް ލިބިގެންދަނީ،" --ރައީސް

ބޭރު ގައުމުތަކުން ހިމާޔަތް ހޯއްދެވި ނަމަވެސް ރާއްޖެ އަށް ނިކަމެތިކަން ލިބޭ ފަދަ ކަންކަން ނުކުރުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ. އަދި ދިވެހި ގައުމު ނިކަމެތި ކުރަން ވާހަކަ ދެއްކުމަކީ ދިވެހިންނަށް އެކަމުގެ ގެއްލުން ލިބޭނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަންމައިންނާއި ބައްޕައިންނާއި ތިމާގެ މީހުންނާއި ދަރިން އުޅެން ބޭނުންވާނެ ތަނެއް އޮންނަން ވާނެކަން ކޮންމެ މީހަކުވެސް ގަބޫލުކުރާށޭ. ކޮންމެ ސިޔާސީ މީހަކު ވެސް ގަބޫލުކުރާށޭ. އެހެން ކަމަށް ވާނަމަ އެތަނަކަށް ނިކަމެތިކަން ގެންނަން ވާހަކަ ދެއްކުމަކީ ކުރެވިގެންވާނެ ކަމެއް ނޫން،" ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ނަޝީދު ބޭސްފަރުވާއަކަށް އިނގިރޭސި ވިލާތަށް ވަޑައިގެން އެ ގައުމުން ވަނީ ސިޔާސީ ގޮތުން ހިމާޔަތް ހޯއްދަވައިފަ އެވެ.

ރައީސް ޔާމީން ހޯރަފުށީ ރައްޔިތުންނާ ސަލާމް ކުރައްވަނީ. ރައްޔިތުންގެ އާމްދަނީ އިތުރު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި. - ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނަކީ ސިޔާސީ މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް ނޫނެވެ. ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފުރިހަމަކޮށްދީ ރައްޔިތުންގެ އާމްދަނީ އިތުރުވާނެ ފަދަ ކަންކަން ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުން ނާކާމިޔާބުވެވަޑައިގެންފިނަމަ، ގާނޫނީ ގޮތުން އުފެދޭ ސަރުކާރެއް ވައްޓާލަން ނުނިކުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އިންތިހާބުވި ބޭފުޅަކަށް މަސައްކަތްކުރުމުގެ ޖާގަ ދޭން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވެ، ގާނޫނުއަސާސީއާ ހިލާފަށް ބޮޑެތި މަސައްކަތްތަކެއް ކޮށް، އެކަންތައްތަކުގެ ނަތިޖާއިން ދައުލަތް މުޅި ޗާޓުން ފޮހެވޭވަރުގެ ކަންތައްތަކެއް ކުރެވޭނަމަ އެއީ ރައްޔިތުންގެ ބަސް ބުނަންވީ ވަގުތު ކަމަށް ރައީސް ވިދާޅުވި އެވެ.

"ދައުލަތެއް އުފެދިފައި މި އޮންނަނީ ރައްޔިތުންގެ ވަރަށް ގިނަ މަސައްކަތުން. ދައުލަތެއް އުފެދިގެން އައީމަ ދައުލަތް ދަމަހައްޓަން މަސައްކަތް ކުރުމަކީ އެ ދައުލަތުގެ ހިމެނޭ ކޮންމެ ފަރުދެއްގެ ޒިންމާއެއް،" ރައީސް ވިދާޅުވި އެވެ.