ވެއްޓުނު މަތިންދާބޯޓުގައި އިން ދިވެހި ޑޮކްޓަރަށް މާ ބޮޑު އަނިޔާއެއް ނުލިބޭ

ނޭޕާލުގެ ކަތުމަންޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި މިއަދު އެކްސިޑެންޓުވި މަތިންދާބޯޓުގައި އިން ދިވެހި ޑޮކްޓަރަށް އެ ހާދިސާގައި މާ ބޮޑު އަނިޔާތަކެއް ނުލިބި ކުދިކުދި ޒަޚަމްތަކަކާ އެކު ސަލާމަތް ވެއްޖެ އެވެ.


މި ހާދިސާގައި ޒަޚަމްވެ ފަރުވާ ދެމުން އަންނަނީ އެ ގައުމުގައި މެޑިސިންގެ ދާއިރާ އިން އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި ކިޔަވަމުން އަންނަ ޑރ. ރިޒާނާ އަބްދުﷲ އެވެ. މިއީ ޑރ. ރިޒާނާގެ ކިޔެވުމުގެ ފަހު އަހަރެވެ. ކަތުމަންޑޫ މެޑިކަލް ކޮލެޖްގެ ހޮސްޕިޓަލުގައި އޭނާ އަށް މިހާރު ފަރުވާ ދެމުން އަންނަ އިރު، މާ ބޮޑެތި އަނިޔާތަކެއް ނުލިބޭ ކަމަށް ޑރ. ރިޒާނާ ކައިރީގައި މިވަގުތު ތިބި ބައެއް އެހެން ދިވެހިން ބުންޏެވެ.

ޑރ. ރިޒާނާގެ ހާލު މިވަގުތު ރަނގަޅު ކަމަށާއި ބޭރުފުށުން ލިބިފައިހުރީ ހަށިގަނޑުގެ ބައެއް ތަންތަން މަށައިގެން ދިއުން ފަދަ ކުދިކުދި ޒަޚަމްތަކެއް ކަމަށް އެމީހުން ބުންޏެވެ. އަދި ރިޒާނާގެ އެތެރެހައްޓަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް ޓެސްޓުތަކެއް ހަދާފައިވާ ކަމަށާއި ހޮސްޕިޓަލުން ދޫކޮށްލާނެ އިރެއް އިނގޭނީ ޓެސްޓުތަކުގެ ނަތީޖާ ލިބުމަށް ފަހު ކަމަށް ވެސް އެ ދިވެހިން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ހާދިސާއާ ގުޅިގެން، އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ނޭޕާލުގައި މިއަދު ވެއްޓުނު މަތިންދާބޯޓުން މީހުން ސަލާމަތްކުރަނީ

ބަންގްލަދޭޝްގެ އެއާލައިނެއް ކަމަށްވާ ޔޫއެސް-ބަންގްލާގެ ބޯޓް އެކްސިޑެންޓުވި އިރު އޭގައި 71 މީހަކު ތިއްބެވެ. އޭގެ ތެރެއިން 38 މީހަކު މަރުވެފައިވާ ކަމަށް ވަނީ ބެލެވިފަ އެވެ. އަދި 17 މީހަކު ސަލާމަތްވި އެވެ. ނަމަވެސް ސިފައިން ބުނި ގޮތުގައި 50 މީހަކު ވަނީ މަރުވެފަ އެވެ.

ފްލައިޓް ބީއެސް211 ވެއްޓުނީ މިއަދު މެންދުރު ފަހު ރަންވޭއަށް ޖައްސަން އުޅުމުގެ ތެރޭގަ އެވެ.