އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދެ މެމްބަރަކު ހައްޔަރުކޮށްފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދެ މެމްބަރަކު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.


މިއަދު ހައްޔަރުކުރީ، އެމްޑީޕީގެ މާމިގިލީ ދާއިރާގެ ރައީސް އިބްރާހިމް ރަޝީދާއި މުހައްމަދު ވަހީދެވެ.

އެ ދެ މީހުން ހައްޔަރުކުރީ ކޮން ތުހުމަތެއްގައި ކަމެއް އަދި ނޭނގޭ ކަމަށް އެމްޑީޕީން ބުންޏެވެ.

މި ދެ މެމްބަރުންގެ އިތުރުން ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެތެރޭގައި، އެމްޑީީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު، އަހްމަދު ޝާހިދު (ސޯބެ) އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ގައުމީ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު: އޭނާ ހައްޔަރު ކުރީ ވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން.

އިދިކޮޅު ޕާޓީތަކުން ބުނެފައި ވަނީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރިއިރު ފުލުހުންގެ ބަންދުގައި އަދިވެސް 30 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ، ސިޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރަން މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ދައުލަތް ހިންގަން އޮޅުންބޮޅުންވެ ގާނޫނުއަސާސީގެ ބާރު ކެނޑިދާނެތީ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މި ހާލަތުގެ ދަށުން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ އިތުރުން ފުލުހުންނާއި ސިފައިންގެ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ވަކީލުން ވިދާޅުވާ ގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ ގާނޫނާ ޚިލާފަށެވެ. އެހެންވެ މި ހާލަތުގެ ދަށުން މީހުން ހައްޔަރުކޮށްފައި ވަނީ ވެސް ގާނޫނާ ޚިލާފަށް ކަމަށް ވަކީލުން ވިދާޅުވެ އެވެ.