ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެންމުމުގެ ވިސްނުމެއް ނެތް: ސަރުކާރު

ރައީސް އަބްދުﷲ ޔާމީން މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރަށް ދެންމުމުގެ ވިސްނުމެއް ނެތް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.


އިދިކޮޅު ސިޔާސީ ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް، ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒުކޮށްފިނަމަ، ދައުލަތް ހުއްޓުމަށް އަންނާނެ ކަމަށް ބުނެ، ސަރުކާރުން އެންމެ ފުރަތަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ 15 ދުވަހަށެވެ.

އެކަމަކު، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު އިސްލާހު ކުރިއިރު، އެ މުއްދަތު 30 ދުވަހަށް ދެންމުމަށް ނިންމި އެވެ. އެހެންވެ، ކުއްލި ހާލަތުގެ ގޮތުގައި 45 ދުވަސް ވަނީ ކަނޑައަޅައިފަ އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ނިމޭނީ މި މަހުގެ ފަހުކޮޅެވެ.

ބޭރުގެ ނޫސްވެރިންނަށް ހާއްސަކޮށްގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު ތަންފީޒު ކުރާނީ ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވި މީހުންގެ މައްޗަށް އެކަނި ކަމަށެވެ.

އާޒިމާ ވިދާޅުވި ގޮތުގައި ރާއްޖެ މިހާރު އޮތީ އާންމު ހާލަތެއްގަ އެވެ. އަދި މިނިވަން ކަމާއެކު ރައްޔިތުން ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ކުއްލި ނުރައްކަލުގެ ހާލަތު މި މަހުގެ 22 ގައި ނިމޭނެ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

"އެއްވެސް ޕްލޭނެއް ނެތް، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރާކަށް. މަޖިލީހުން ފާސްކުރި ގޮތުންނަމަ، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަދި ބާކީ 10 ދުވަސް އެބައޮތް،" އާޒިމާ ވިދާޅުވި އެވެ.

"ތިޔަބޭފުޅުންނަށް ރާއްޖެ ފެނިފައިވާނެ ދިރިއުޅުމުގެ ހާލަތު އޮތީ އާންމު ހާލަތެއްގައިކަން. އެއްވެސް ސްކޫލެއް ބަންދެއް ނުކުރަން. އެއްވެސް ފިހާރައެއް ބަންދެއް ނުކުރަން. ދިރިއުޅުން އޮތީ އާންމު ހާލަތުގައި. އޮފީސްތައް ހުރީ ހުޅުވިފައި. ވިޔަފާރި ކުރިން ކުރާ ގޮތަށް ކުރެވޭ."

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، ފުލުހުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ސިޔާސީ ބައެއް ބޭފުޅުންނާއި އާންމުން ވެސް ހައްޔަރު ކުރި އެވެ.

އޭގެ ތެރެއިން އެއް ބަޔަކު ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތު ކުރާއިރު، ދެން ތިބި މީހުންގެ މައްޗަށް ފުލުހުން ކުރަނީ ރިޝްވަތު ހިފުމާއި ދިނުމުގެ ތުހުމަތު ފުލުހުން ކުރާއިރު އަނެއް ބަޔަކަށް ކުރަނީ މާލޭގައި ރޯކޮށް، ހަމަނުޖެހުން ހިންގަން މަސައްކަތް ކުރުމުގެ ތުހުމަތެވެ.

މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރުގެ އެ ބައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ބާތިލްކޮށްފަ އެވެ. އެހެންވެ އެއަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ސަރުކާރުން ދެކެ އެވެ. ނަމަވެސް މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ކެނޑިނޭޅި ގޮވާލަމުންނެވެ. އަދި އެކަމަށް ގޮވާލައި ކޮންމެ ރެ އަކު މާލޭގައި އިދިކޮޅު ފަރާތްތަކުން އެއްވުން ވެސް ބާއްވަ އެވެ.