ނުރައްކަލެއް ނެތް، އިދިކޮޅު ލީޑަރުން މަޝްވަރާތަކަށް ރާއްޖެ އާދޭ: ސަރުކާރު

ސަރުކާރާއި ސިޔާސީ ޕާޓީތަކާ އެކު ކުރި އަށް ގެންދާ މަޝްވަރާތަކުގައި ބައިވެރިވާން އިދިކޮޅު ލީޑަރުން އެނބުރި ރާއްޖެ ވަޑައިގަންނަވަން ސަރުކާރުން އަނެއްކާ ވެސް މިއަދު ދައުވަތު ދީފި އެވެ.


ޕާޓީތަކުގެ މަޝްވަރާތަކުގައި ސަރުކާރު ތަމްސީލު ކުރައްވާ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވި ގޮތުގައި މީގެ ކުރިން ފަށަން އުޅުނު މަޝްވަރާތަކުގައި އިދިކޮޅު ފަރާތްތަކުން އެދުނު ހުރިހާ ކަމެއްހެން ސަރުކާރުން ކޮށްދިނެވެ. އެ ގޮތުން، ބޭރުގެ ފަރާތްތައް ބައިވެރިކުރަން އެދުމުން އެކަން ވެސް ކުރި ކަމަށާއި އިދިކޮޅު ލީޑަރުންނަށް ބައިވެރިވެވޭ ގޮތް ހަދަން ޝަރުތު ކުރުމުން، "ޖަލަށް ގޮސް ތިބެގެން ނަމަވެސް އެކަން ކުރާނަމޭ" ސަރުކާރުން ބުނި ކަމަށް ޝައިނީ ވިދާޅުވި އެވެ.

"ރާއްޖޭގައި އަޅުގަނޑަކަށް ހިއެއް ނުވޭ އެެއް ދުވަސް ވަޑައިގަންނަވަން އުޒުރުވެރިވާ ނުވަތަ ނުރައްކާތެރި މާހައުލެއް އޮތް ހެންނެއް. އަޅުގަނޑުމެން އެންމެން ވެސް މަގުމަތީގައި އެބައުޅޭ." -- ޝައިނީ

އދ. އިން މެދުވެރިއެއްގެ ރޯލު އަދާ ކޮށްގެން މާދަމާ ފަށާ މަޝްވަރާތަކުގައި ބައިވެރިވާން، މިހާރު އިނގިރޭސިވިލާތުގައި ތިއްބެވި އިދިކޮޅު ލީޑަރުންނަށް މިނިސްޓަރު ދައުވަތު ދެއްވި އެވެ. އެކަމަކު، އޭނާ ވިދާޅުވީ އެ ބޭފުޅުން ރާއްޖެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި އެ ކަމަށް ފަހި މާހައުލެއް ވެސް ރާއްޖޭގައި އެބައޮތް ކަމަށެވެ.

"ރާއްޖޭގައި އަޅުގަނޑަކަށް ހިއެއް ނުވޭ އެެއް ދުވަސް ވަޑައިގަންނަވަން އުޒުރުވެރިވާ ނުވަތަ ނުރައްކާތެރި މާހައުލެއް އޮތް ހެންނެއް. އަޅުގަނޑުމެން އެންމެން ވެސް މަގުމަތީގައި އެބައުޅޭ،" ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިނީ ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުގެ އިސް ވެރިންތަކެއް އިނގިރޭސިވިލާތުގައި.

ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ލަންޑަނަށް ވަޑައިގެން އިނގިރޭސި ސަރުކާރުގެ ހިމާޔަތް ހޯއްދަވާފަ އެވެ. އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި އެމްޑީޕީގެ އިސް ބޭފުޅެއް ކަމަށްވާ އަކުރަމް ކަމާލުއްދީން ވެސް އުޅުއްވަނީ އެ ތަނުގަ އެވެ. އެ ދެ ބޭފުޅުންގެ މައްސަލައެއް ފުލުހުން ބަލަމުން އަންނައިރު، ހައްޔަރު ކުރަން އަމުރު ވެސް ނެރުނެވެ. މީގެ އިތުރުން، އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވެސް ތިއްބެވީ، މިދިޔަ އަހަރުގެ މޭ ޑޭގެ މުޒާހަރާ އަށް ފަހު ހައްޔަރުކުރަން އުޅުމުން އިނގިރޭސިވިލާތަށް ވަޑައިގެން އެ ތަނުގަ އެވެ.

އެ ބޭފުޅުންނާއި އަދިވެސް އިދިކޮޅު އެހެން ފަރާތްތައް ގުޅިވަޑައިގެން، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްއޯޔޫ)ގެ ނަމުގައި ލަންޑަނުގައި އިއްތިހާދެއް އުފައްދާފަ އެވެ.

މަޝްވަރާތަކުގައި އިދިކޮޅު ޕާޓީތައް ތަމްސީލު ކުރާނީ އިއްތިހާދުން ކަމަށާއި އެ ނޫން ގޮތަކަށް މަޝްވަރާތަކުގައި ބައިވެރި ނުވާނެކަން އިއްތިހާދުން ވަނީ އިއުލާންކޮށްފަ އެވެ. އެކަމަކު، އިއްތިހާދު ބަލައި ނުގަންނަ ކަމަށް ސަރުކާރުން ވަނީ އެތައް ފަހަރަކު ބުނެފަ އެވެ.

"އަޅުގަނޑަށް އެނގޭ އިދިކޮޅު އިއްތިހާދު ކިޔާ ޕާޓީއެއް ނޯންނާނެ." -- ޝައިނީ

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޝައިނީ ވިދާޅުވީ އިއްތިހާދު ނޭނގޭ ކަމަށާއި ސިޔާސީ މަސްރަހު ފިނިކުރަން ބާއްވާ މަޝްވަރާތަކުގައި އިއްތިހާދާ ވާހަކަ ނުދައްކާނެ ކަމަށެވެ. އޭނާ ވިދާޅުވީ އިއްތިހާދު ތަމްސީލު ކުރަނީ ކޮން ފަރާތްތަކަކުން ކަމެއް ވެސް ނޭނގޭ ކަމަށާއި އިއްތިހާދުގައި އުޅުއްވާ ބޭފުޅުންގެ ސިޔާސީ ފިކުރު ވެސް އެނގެން ނެތް ކަމަށެވެ.

"އަޅުގަނޑަށް އެނގޭ އިދިކޮޅު އިއްތިހާދު ކިޔާ ޕާޓީއެއް ނޯންނާނެ. ދެން އެހެންވީމަ، އެ ޕާޓީއެއް އައިސްގެން، އަޅުގަނޑުމެންނާ ހަމައަށް އައިމަ ކަންނޭނގެ އަޅުގަނޑުމެންނަށް ޕާޓީތަކާ އެކު ކުރާ މަޝްވަރާތަކެއް ކުރެވޭނީ،" ސަރުކާރު ތަމްސީލުކުރައްވާ އަނެއް ދެ މަންދޫބުން ކަމަށްވާ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ހޯމް މިނިސްޓަރު އަހުމަދު ޒުހޫރާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިނީ ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުގެ ބައްދަލުވުމެއް އިނގިރޭސިވިލާތުގައި ކުރި އަށް ދަނީ.

އިދިކޮޅު ފަރާތްތަކުގެ އިހުލާސްތެރިކަން ނެތްކަން ދޭހަވާ ގޮތަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ މިހާތަނަށް އެ ފަރާތްތަކުން ވާހަކަ ދައްކަމުން ގޮސްފައި ވަނީ އެކި ފަހަރު އެކި ގޮތަށް ކަމަށެވެ. ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރަން ވަކާލާތު ކުރި ކަންތައްތަކެއް ފިޔަވައި އެ ނޫން އެއްވެސް ކަމެއް އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައި ނެތް ކަަމަށް ޝައިނީ ވިދާޅުވި އެވެ.

ސިޔާސީ މަސްރަހު ފިނިކުރުމަށް މަޝްވަރާތައް އެންމެ ފުރަތަމަ ފެށީ މިދިޔަ އަަހަރު މެދު ތެރޭގަ އެވެ. އެކަމަކު، ޖަލަށް ހުކުމްކޮށްފައި ތިބި އިދިކޮޅު ލީޑަރުން މަޝްވަރާތަކުގެ ކުރިން ދޫކޮށްލަން ކުރި ޝަރުތަށް ސަރުކާރުން އެއްބަސް ނުވުމުން މިހާތަނަށް އެ މަޝްވަރާތައް ފެށޭ ގޮތެއް ނުވެ އެވެ. އދ.ގެ މަންދޫބު ބައިވެރިވެވަޑައިގަންނަވަން ފެއްޓެވީ އޭގެ ފަހުންނެވެ.

މަޝްވަރާތައް ކުރި އަށް ނުގޮސް، ހުއްޓާލަން ޖެހުމުގެ ކޮޅުމަތި ވަނީ އަނެއްކާ ވެސް ފެންނަން ފަށާފަ އެވެ. މާދަމާ މަޝްވަރާތައް ފަށަން އުޅޭކަން ސަރުކާރުން އިއުލާން ކުރުމާ އެކު، ނަޝީދު ވަނީ ސިޔާސީ ލީޑަރުން "ރަހީނުން"ގެ ގޮތުގައި ބައިތިއްބައިގެން ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކުރި އަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އެ މަނިކުފާނު ވިދާޅުވީ މަޝްވަރާގައި ބައިވެރިވެވޭނީ ލީޑަރުން މިނިވަންކުރުމުން ކަމަށެވެ.