ސަލާމަތީ މަޖިލީހުގެ ގޮނޑި ހޯދަން ރާއްޖެ ކެމްޕެއިންގައި

އދ.ގެ އެންމެ ބާރު ގަދަ ކައުންސިލް ކަމަށްވާ ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ކަމަށް ރާއްޖެ އިން ކުރިމަތިލާން ނިންމާފައިވާތީ އެކަމަށް ތާއީދު ހޯދުމުގެ ގޮތުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް، އެކި ގައުމުތަކުގެ މަންދޫބުންނާ ބައްދަލުކުރައްވައިފި އެވެ.


ފޮރިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި އާސިމް ވަނީ އެކި ގައުމުތަކުގެ މަންދޫބުންނާ ބައްދަލު ކުރައްވައި، ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ރާއްޖެއަށް ހޯދައިދިނުމާ ގުޅޭ މަޝްވަރާތައް ބާއްވައިފަ އެވެ.

މިނިސްޓަރު އާސިމް (ކ) މަންދޫބަކާ ބައްދަލު ކުރައްވަނީ. - ފޮޓޯ: ފޮރިން މިނިސްޓްރީ

އެމެރިކާގެ ނިއު ޔޯކްގައި އޮތް ބައްދަލުވުމުގައި އަރަބި ގައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވި ކަމަށް މިނިސްޓްރީން ބުންޏެވެ. އެކަމަކު، ބައްދަލުކުރެއްވީ ކޮން ގައުމުތަކެއްގެ މަންދޫބުންނަކާ ކަމެއް ނުބުނެ އެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ފަލަސްތީނުގެ މައްސަލަ އާއި ސީރިއާގައި ހިނގަމުންދާ ހަނގުރާމަ އާއި އދ. ގެ ކުރިއެރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ މަޝްވަރާތައް ކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

ސެކިއުރިޓީ ކައުންސިލްގެ އިންތިހާބުގައި ރާއްޖެ އިން ވާދަކުރަން ނިންމާފައިވަނީ އަންނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އޮންނަ ދައުރަށެވެ. އެ އިންތިހާބު މި އަހަރު ބާއްވާނެ އެވެ. މިއީ އެ ކައުންސިލްގެ މެމްބަރު ކަމަށް ރާއްޖެ އިން ވާދަކުރާ ފުރަތަމަ ފަހަރެވެ.

އދ. ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ކަމަށް ހޮވޭނީ އދ. ގެ ޖެނެރަލް އެސެމްބްލީގައި ނަގާ ވޯޓުގައި މެމްބަރު ގައުމުތަކުގެ ތެރެއިން ތިންބައި ކުޅަ ދެބައި ގައުމުގެ ވޯޓު ލިބިގެންނެވެ. އިންތިހާބުގައި އެ ކައުންސިލަށް އޭޝިއާ ރީޖަނުން ރާއްޖޭގެ އިތުރުން ވާދަކުރަނީ އިންޑޮނީޝިއާ އެވެ.

ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެމްބަރުންގެ ގޮތުގައި ފަސް ގައުމެއް އޮންނައިރު ބާކީ ތިބޭ 10 މެމްބަރުންނަކީ ދެ އަހަރުގެ މުއްދަތަށް އިންތިހާބު ކުރާ މެމްބަރުންނެވެ. ވަގުތީ މެމްބަރު ކަމަށް އިންތިހާބު ކުރަނީ އެކި ސަރަހައްދުތަކުންނެވެ.

ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ގޮތުގައި ތިބެނީ ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ އާއި ރަޝިއާ އާއި ޗައިނާ އާއި އިނގިރޭސި ވިލާތް އަދި ފްރާންސް އެވެ.