މިފަހަރުގެ އެސްއޯއީ: އެންމެ ހައިޖާނު ބޮޑުވި ހާާލަތު

ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ ސްޓޭޓް އޮފް އިމަޖެންސީ (އެސްއޯއީ)އަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ؛ ސަރުކާރުތަކުގެ ދިފާއުގައި، މީގެ ކުރިން ވެސް މި ހާލަތުގެ ބޭނުންކޮށްފައިވެ އެވެ. އެކަމަކު މިފަހަރުގެ އެސްއޯއީގައި އަމަލުކުރި ގޮތަކަށް ނޫނެވެ. ރައީސް އަބްދުﷲ ޔާމީން އިއުލާންކުރެއްވި 45 ދުވަހުގެ އެސްއޯއީ، ހުރިހާ ގޮތަކުން ވެސް ތަފާތެވެ.


އެތައް ސަބަބަކާ ހެދި އެވެ. ސުޕްރީމް ކޯޓުގެ އަމުރަކުން "ހުއްޓުވާލި" ވެރިކަމުގެ ދިފާއުގައި، އެތައް ކަމެއް ކުރައްވަން ރައީސް ޔާމީނަށް ޖެހިވަޑައިގަތެވެ. ސިޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަންކުރަން ކުރި އަމުރަކީ ސަރުކާރުގެ ވެރިންގެ ހިތަށްއެރި ކަމެއް ނޫނެވެ. ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަކީ ސަރުކާރަށް މަޖުބޫރު ކަމެއް ނަމަވެސް އެކަން ނުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ އެހެންވެ އެވެ.

އެސްއޯއީ އިއުލާންކުރެއްވީ ވެސް ކަނޑައެޅިގެން ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ކުރާ ބަހުސް ވެސް އޮތީ އެވެ. މިއަދު މެންދުރު 12 ޖެހުމާ އެކު އެސްއޯއީ ނިމުނަސް އެ ބަހުސް އަދިވެސް އޮތީ ކުރިއަށެވެ. އޭގައި ސަރުކާރާއި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވެސް، ދެ ފަރާތުގެ ކޮޅަށް ބުރަވާނެ ލައްކަ ހުއްޖަތުތައް ދައްކާފައި އެބަ ހުއްޓެވެ.

މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރި ނުވަ ސިޔާސީ ބޭފުޅުން

ދެން އޮތީ، އެސްއޯއީގައި ވެސް ނުހިފެހެއްޓޭނެ ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ހައްގުތަކެއް ހިފެހެއްޓި ވާހަކަ އެވެ. އަސާސީ ހައްގުތަކެއް ހިފަހައްޓައި، ބައެއް މުއައްސަސާތަކުގެ ބާރު ވަރަށް ބޮޑަށް ހަނިކުރި އެވެ. އޭގެ ތެރޭގައި ދައުލަތުގެ އެންމެ މަތީ، ސުޕްރީމް ކޯޓުގެ ބާރުތަކާއި އިޚްތިޔާރުތައް ހިފެހެއްޓި އެވެ.

ކުއްލި ހާލަތު އިއުލާނުކުރުން - 15 ދުވަސް

މިއީ، ބިރުވެރި ވާހަކައެއް!

ކުއްލި ނުރައްކަލުގެ ހާލަތަކީ ތާރީޚުގައި ލިއެވުނު "ބިރުވެރި" ވާހަކަ އެވެ. ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު "ޓެރަރިސްޓުން"ނަށް، މިވަނީ ހަދައިފަ އެވެ. އޭގެ ތެރޭގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މި ބޭފުޅުންގެ މައްޗަށް ކުރަނީ ސުޕްރީމް ކޯޓުން "ރިޝްވަތުގެ" ހުކުމެއް ނެރެގެން، ސަރުކާރު ވައްޓާލަން އުޅުމެވެ. އެ ހުކުމުން، ދައުލަތް ހިންގުން ހުއްޓި، ގާނޫނު އަސާސީގެ ބާރު ކެނޑިދާނެ ކަމުގެ ބިރު ހީވި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ރައީސް ޔާމީނަށް މަޖުބޫރުވެވަޑައިގަތީ، ސަރުކާރާ ގުޅިފައިވާ ފަރާތްތަކުން ބުނާ ގޮތުގައި، ދައުލަތުގެ އެއް ބާރުގެ ވެރިޔާ އުއްތަމަ ފަނޑިޔާރު ހައްޔަރުކުރަން ޖެހުމުންނެވެ. ރާއްޖޭގެ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުން، އެއީ ރައީސަކަށް ހުންނަވާ ބޭފުޅަކަށް އެހާ ލުއިކޮށް ކުރެއްވެން އޮތް ކަމެއް ނޫނެވެ. އެއް ބާރުން އަނެއް ބާރުގެ މައްޗަށް އަރައިނުގަނެވޭ ގޮތަށް ކަނޑައަޅާފައި އޮތުމުންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތާ އެކު އެންމެ ފުރަތަމަ ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވަ އެވެ. މިއީ ކުޑަ ކަމެއް ނޫނެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިފައިންނާއި ފުލުހުންގެ އިތުރުން އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި އުޅުނު އެތައް ބަޔަކު ވެސް ހައްޔަރުކުރި އެވެ.

ދޫނިދޫގައި މި އެންމެން ބަންދުކޮށްފައި ބޭތިއްބުމަށް ފަހު ގިނަ ބަޔަކު މިހާރު ވަނީ ދޫކޮށްލައިފަ އެވެ. ބަންދުގެ މުއްދަތު އިތުރުކޮށް، ޝަރީއަތް ނިމެންދެން ޖަލުގައި ބޭތިއްބީ ދައުލަތުގެ އިސް މަގާމްތަކުގައި ތިއްބަވައިގެން "ގައުމަށް ޣައްދާރުވި" ކަމަށް ސަރުކާރުން ތުހުމަތުކުރި ބޭފުޅުންނެވެ. އެ ބޭފުޅުންނަށް ހައްގު އަދަބު ދޭނެ ކަމަށް ސަރުކާރުގެ އިސް ވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.

ދެން ކުރިއަށް މި އޮތީ މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތްތަކެވެ.

ކުރި ކުށާއި ދައުވާގެ އޮޅުންބޮޅުން!

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެކި ތުހުމަތުތަކުގައި ހައްޔަރުކުރި އެންމެންނަށް ފަހުން އުފުލީ އެހެން ތުހުމަތުތަކެކެވެ: ބަޣާވާތަކުން ސަރުކާރު ވައްޓާލަން އުޅުމެވެ. މި ތަހުގީގު ހިންގަމުން ގޮސް ދައުވާ އުފުލިއިރު، އޮތީ ޝަރުއީ ދާއިރާގައި ކުރިން މަސައްކަތް ކުރެއްވި އިސް ބޭފުޅުންނާއި ވަކީލުން ވެސް "ހައިރާންކުރުވައިފަ" އެވެ. ގިނަ ބޭފުޅުންގެ މައްޗަށް އުފުލީ އެންމެ ބޮޑު އަދަބު ކަނޑައަޅާފައިވާ ޓެރަރިޒަމްގެ ދައުވާ އެވެ.

ފުލުހުން ޑިއުޓީގައި: ކުއްލި ނުރައްކަލުގެ ހާލަތު ދަށުން ގިނަ ބަޔަކު ހައްޔަރުކުރުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު

މި ދައުވާތަކާ ގުޅުވައި ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ޖެހި ގޮތުން ވެސް ކުރާ ޝަކުވާތައް ބޮޑެވެ؛ އެސްއޯއީގައި ސަސްޕެންޑްކޮށްފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހަވާލާދީ ބަންދުގެ މުއްދަތު އިތުރުކުރުމެވެ. ބަންދުގެ މުއްދަތުގައި ޝަރީއަތް ހިންގުމުގެ ތުހުމަތާއި މުވައްކިލުން ދިފާއުކުރުމުގެ އެކަށީގެންވާ ފުރުސަތު ވަކީލުންނަށް ނުލިބުމުގެ ކަންބޮޑުވުންތަކެވެ.

ހާލަތު އުވާލިއަސް އަދި ނުނިމޭ!

ކުއްލި ހާލަތު މިއަދު އުވާލިއަސް، ސިޔާސީ ހައިޖާނުގަނޑު މައިތިރިވީއެއް ނޫނެވެ. ކުއްލި ނުރައްކަލުގެ ހާލަތާ ހެދި ސަރުކާރަށް އެތެރެ އާއި ބޭރުގެ ޕްރެޝަރެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސް ރައީސް ޔާމީން ނެރުއްވި ގަރާރު އިއްވަވަމުން ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި މުއްދަތުގައި ކުރިމަތިވި ގައުމީ ސަލާމަތުގެ ހާލަތު މުޅިން ފިލާފައި ނުވާ ކަމަށެވެ. އެކަމަކު ވެސް މި ހާލަތު އިތުރަށް ދެންމުމަށް ސަރުކާރުން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. މާނައަކީ، މި ހާލަތު އުވާލައި، ދެން ކުރިމަތިވެދާނެ ކަންކަމަށް ވެސް ސަރުކާރު ތައްޔާރަށް އޮތް ކަމެވެ.