ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު ދެންމެ އުވާލައިފި އެވެ.


ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، 45 ދުވަހަށް ދިގުދެމިގެން ދިޔަ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު މެންދުރު 12 އިން ފެށިގެން ނިނުމަކަށް އައިސްފައިވާ ކަމަށެވެ.

ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ހާލަތުގެ ގޮތުގައި ފުރަތަމަ ކަނޑައެޅުއްވީ 15 ދުވަހެވެ. އެކަމަކު، ރައްޔިތުންގެ މަޖިލީހުން ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރިއިރު، އިތުރު 30 ދުވަހަށް އެ މުއްދަތު ދަންމާލި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސް ރައީސް ޔާމީން ނެރުއްވި ގަރާރު އިއްވަވަމުން އާޒިމާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި މުއްދަތުގައި ކުރިމަތިވި ގައުމީ ސަލާމަތުގެ ހާލަތު މުޅިން ފިލައިގެން ގޮސްފައި ނުވާ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެންމުމަށް ސަރުކާރުން ބޭނުން ނުވާ ކަމަށް ގަރާރުގައި ވެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ނުކޮށް، ގައުމުގެ ސަލާމަތަށް ގެއްލުމެއް ވިޔަ ނުދީ، ކުރިއަށް ގެންދެވިދާނެ ކަމަށް ސަލާމަތާ ބެހޭ މުއައްސަސާތަކުން ލަފާ ދީފައިވާ ކަމަށް ވެސް ގަރާރުގައި ވެ އެވެ. އެހެންވެ، ކުއްލި ނުރައްކަލުގެ ހާލަތު މިހާރު ނިމިފައިވާކަން އެ ގަރާރުގައި ފާހަގަކޮށްފައި ވެ އެވެ.

ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހުނީ ގައުމުގެ ސަލާމަތަށް ނުރައްކާތެރި ވަރަށް ގިނަ ކަންތައްތަކެއް ހިނގައިގެން ކަމަށާއި އެކަމުގެ ސަބަބުން ދިވެހިންނަށާއި މުދަލާއި ސަރުކާރުގެ ކަމާ ބެހޭ ބޭފުޅުންނާއި ދިވެހިންގެ ރައްކާތެރިކަމަށް ވަރަށް ބޮޑު އަސަރެއް ކުރި ކަމަށެވެ. އަދި މިކަމުގައި ޝާމިލްވާ ގިނަ ބޭފުޅުންގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާ އުފުލިފައިވާއިރު، އިތުރު ތަހުގީގުތައް ކުރިއަށްދާ ކަން އަނިލް ފާހަގަކުރެއްވި އެވެ.

ސިޔާސީ އިދިކޮޅު ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރަކީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ޖިނާއީ އަމަލުތަކެއް ހިންގެވީ ސިޔާސީ ބޭފުޅުންތަކަކާ ގުޅިވަޑައިގެން ރިޝްވަތުގެ ކުށްތަކެއް ވެސް ހިމެނޭ ގޮތަށް ކަމަށް އަނިލް ވިދާޅުވި އެވެ.

"(މިއީ) އެތައް ނުފޫޒުތަކެއް އޭގެ ތެރޭގައި ހިމެނޭ ގޮތަށް، ދައުލަތުގެ ކަމާބެހޭ ފަރާތްތައް ވެސް ހިމެނޭ ގޮތަށް ހިންގާފައިވާ ވަރަށް ބޮޑު ޖަރީމާއެއް، އެހެންވީމަ އެކަން ކަމާ ގުޅޭގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ގާނޫނުގެ ތެރެއިން ކަމާ ބެހޭ ފަރާތްތަކުން ވަނީ އަޅުއްވާފައި، އަދިވެސް ގެންދަވަނީ އަޅުއްވަމުން،" އަނިލް ވިދާޅުވި އެވެ.

ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި މުއައްސަސާތަކާއި ސަލާމަތީ ބާރުތަކުން ރައްޔިތުންގެ މަސްލަހަތު ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރިކަން އަނިލް ފާހަގަކުރެއްވި އެވެ. އަދި ރައްޔިތުން ކެތްތެރިކަމާއެކު ކުރި މަސައްކަތަށް ވެސް އަނިލް ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު، ރާއްޖޭގެ ސިޔާސީ އަދި ޝަރުއީ ދާއިރާގެ އިސް ބައެއް ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަން މިހާރު ވަނީ ކޯޓަށް ފޮނުވައިފަ އެވެ. އެގޮތުން އެ ބޮޑު ދައުވާއާ މިހާރު ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި ކުރީގެ ދެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު އާއި އަހުމަދު އަރީފް ހިމެނެ އެވެ. އަދި ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމަށް ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރިން ބުނި ގޮތުގައި ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރަކީ ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި ދުރާލައި ރާވައިގެން ނެރުނު އަމުރެއްކަން ސާފުވެ އެވެ.