އަބުރުގެ ބިލުގައި މިފަހަރު ވެސް ކަންބޮޑުވުންތައް!

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ ގޮތުން ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުށަހެޅުއްވި ބިލް އަނބުރައި ގެންދެވީ، އެ ބިލާ މެދު މީޑިއާގެ ފަރާތްތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ދެކޮޅު ހެދުމުންނެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން އެ ބިލް މިހާރު މަޖިލީހަށް އަލުން ފޮނުވާފައިވާ އިރު، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދީފައެއް ނެތެވެ.


މި ބިލްގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހަށް އިއްވީ އިއްޔެގެ ޖަލްސާގަ އެވެ. މީގެ ކުރިން ނިހާން ހުށަހެޅުއްވި ބިލާ ދާދި އެއްގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ ހޯމް މިނިސްޓްރީއަށެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަން ވާނެ ކަމަށެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، ތިން މަހާއި ހަމަހާ ދެމެދު މުއްދަތަކަށް ޖަލަށްލެވޭނެ އެވެ.

ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ، ހޯމް މިނިސްޓްރީން އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ވާނެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ޖަލްސާއެއްގައި. އަބުރާ ރައްކާތެރި ކުރުމުގެ ބިލް މިހާރު ވަނީ މަޖިލީހުގެ މަސައްކަތުގެ ދާއިރާ އަށް ވަދެފައި. - ފޮޓޯ: މަޖިލިސް

އަބުރާ ބެހުމަކީ ދައްކާ ވާހަކައަކުން، ލިޔުމަކުން، ކުރެހުމަކުން، އިޝާރާތަކުން، މީހެއްގެ ގަދަރަށާއި އިއްޒަތާއި ކަރާމާތަށް އުނިކަން ލިބޭނެ ފަދަ ނުވަތަ ތިންވަނަ މީހެއްގެ ނަޒަރުގައި ނުވަތަ މުޖުތަމައުގެ ކުރިމަތީގައި މީހެއްގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބިގެންދާނެ ފަދަ އެއްޗެއް އެ މީހަކަށް ވިސްނުމުންނެވެ.

އަބުރާ ބެހެވޭ ފަދަ އެއްޗެއް ޝާއިއުކުރުމުގެ ސަބަބުން ނުވަތަ އެފަދަ ވާހަކައެއް ދެއްކުމުގެ ސަބަބުން އެއްވެސް ފަރާތެއްގެ އަބުރަށް ގެއްލުން ލިބިއްޖެނަމަ، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ހުށަހެޅުމުގެ ހައްގު އަބުރާ ބެހެވުނު ފަރާތަށް ލިބިގެންވެ އެވެ.

މީހުންގެ ނަމާއި އަބުރު ރައްކާތެރިވެފައި އޮތުމުގެ ހައްގަކީ ކޮންމެ މީހަކަށް ވެސް ލިބިދީފައިވާ ހައްގަކަށްވާ އިރު، އެ ހައްގު ރައްކާތެރިކުރުމަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ ހައްގަކީ ވެސް ކޮންމެ މީހަކަށް ވެސް ލިބިދީފައިވާ ހައްގެއް ކަމަށް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމަށް ބިލުގައި ފާހަގަކޮށްފައިވެ އެވެ.

ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް ފިޔަވައި އެހެން މީހުން ކުރާ އަމަލަކުން އެއްވެސް މީހެއްގެ އަބުރާ ބެހިގެން ގެއްލުމެއް ލިބިއްޖެނަމަ، ފުލުހުންނަށް މައްސަލަ ހުށަހެޅިދާނެ އެވެ. އަދި ފުލުހުން މައްސަލަ ތަހުގީގު ކުރުމަށް ފަހު ޕީޖީއަށް ފޮނުވަން ވާނެ އެވެ.

ރަޖިސްޓްރީކޮށްގެންނާއި ނުކޮށް ހިންގާ އޮންލައިން ނޫސްތަކާއި ބްލޮގްތަކާއި ވެބްސައިޓުތަކާއި ސޯޝަލް މީޑިއާ އާއި ޓީވީ އަދި ރޭޑިއޯ މެދުވެރިކޮށް އަބުރާ ބެހެވޭ ފަދަ އެއްޗެއް ޝާއިއުކުރުމަކީ ވެސް ކުށެކެވެ.

ޖަލްސާތަކާއި ފޯރަމްތަކާއި ޕޯޑިއަމްތަކުގައި ދައްކާ ވާހަކަ ރިޕޯޓު ކުރުމުގައި މާނަ ނުގެއްލޭ ގޮތަށް ހަބަރު ރައްދުވާ ފަރާތްތަކުގެ ބަހެއް ހޯދުމަށްފަހު، ހަމަހަމަކަމާއެކު ރިޕޯޓު ކުރުމަކީ އަބުރާ ބެހުމުގެ ދައުވާގެ ދިފާއެކެވެ. ނަމަވެސް ހަބަރު ރައްދުވާ ފަރާތާ ނުގުޅުމުގެ ސަބަބުން އެ ފަރާތެއްގެ ބަހެއް ނުހޯދައި ޝާއިއުކުރުމަކީ މި ދިފާއުގައި ބޭނުން ކުރެވޭނެ ހާލަތެއް ނޫނެވެ.

މުއައްސަސާއެއްގައި ހިނގަމުންދާ ގާނޫނާ ހިލާފު ކަންކަން ރިޕޯޓު ކުރުމާއި މީހެއްގެ ފުރާނައަށް ނުރައްކާވާ ކަމެއް ހިންގިކަން ނުވަތަ ހިންގާފައިވާކަން ހާމަކުރުމާއި ތިމާވެއްޓަށް ދިމާވެދާނެ ނުރައްކަލެއް ހާމަކުރުމާއި ގާނޫނާ ހިލާފު ކަމެއް ފޮރުވަން ކުރާ މަސައްކަތެއް ހާމަކުރުމަކީ އަބުރާ ބެހުން ކަމަށް ނުބެލެވޭނެ އެވެ.

ނޫސްވެރިން މުޒާހަރާ ކުރަނީ. މި ބިލްގެ ސަބަބުން ނޫސްވެރި ކަމަށް އިތުރު ހުރަސްތަކެއް ކުރިމަތިވާނެ. --

އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުން

އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމަކީ މުޖުތަމައުގައި އާންމު އުސޫލެއްގެ ގޮތުން އަމަލު ކުރެވެމުންދާ، މީހުން ތަބާވަމުންދާ އާންމު އަހުލާގީ ސުލޫކީ މިންގަނޑުތަކަށް ނުވަތަ ހަމަތަކަށާއި އާންމު ތަންތަނުގައި އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނުގައި މީހުން އަމަލު ކުރަމުންދާނެ މިންގަނޑުތަކަށާއި ރައްޔިތުންނަށް މަސްއޫލިއްޔަތު އުފުލުމުގެ ވާޖިބު އަދާކުރާ މީހުންނާއި މީޑިއާގެ ވަސީލަތްތަކުން އަމަލުކުރަމުންދާ އަހުލާގީ ސުލޫކީ މިންގަނޑުތަކާ ހިލާފަށް ހިޔާލު ފާޅު ކުރުމެވެ.

އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުން ކަމަށް ބަލާނީ އެއްވެސް މީހަކަށް ނުވަތަ މީހެއްގެ މުދަލަށް ގެއްލުން ދިނުމަށް ބާރު އެޅުމާއި ޖިންސީ ގުޅުން ހިންގުމާއި ބަދު އަހުލާގީ އަމަލުތަކަށް ހިތްވަރުދީ ހިޔާލު ފާޅު ކުރުމާއި ރަލާއި މަސްތުވާތަކެތި އިޝްތިހާރު ކުރުމާއި އަންހެނުންނާއި ކުޑަކުދިންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ވިސްނުމަށް ނުރަނގަޅު އަސަރުފޯރާ ބާވަތުގެ ވާހަކަ ދެއްކުމާއި ސިއްރު ގޮތުގައި ހިފެހެއްޓުމަށް ގާނޫނަކުން ލާޒިމްކުރާ ތަކެތި އާންމު ކުރުމެވެ.

ނޫސްވެރިން ފޮޓޯއަކަށް ހުއްޓިގެން. އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމާ ބެހޭ ބިލް އޮތް ގޮތުން ނޫސްވެރިންނަށް ނުރައްކާތަކެއް ކުރިމަތިވާނެ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އިސްލާމް ދީނުގެ އަސްލަކާއި ހިލާފު ހިޔާލު ފާޅުކުރުން

އިސްލާމް ދީނުގެ އަސްލަކާއި ހިލާފު ހިޔާލު ފާޅުކުރުން ކަމުގައި ބަލާނީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ނިޔަތުގައި ދީނަށް އިހާނެތިކޮށް ހިތެވޭ ގޮތަށް ހިޔާލު ފާޅުކުރުމާއި ދީނުގެ އަސްލުތަކުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި ހިޔާލު ފާޅު ކުރުމާއި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލައި ދީނީ ގޮތުން ހިލާފު އުފެދުމާއި ބައިބައިވުމާއި ފިތުނަ އުފެދޭނެ ފަދައިން ހިޔާލު ފާޅުކުރުމެވެ.

ގައުމީ ސަލާމަތަށް ނުރައްކާ ކުރުވާނެ ހިޔާލުފާޅުކުރުން

ގައުމީ ސަލާމަތަށް ނުރައްކާ ކުރުވާނެ ހިޔާލު ފާޅު ކުރުން ކަމުގައި ބަލާނީ ގައުމުގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ގެއްލުން ލިބޭނެ ގޮތަށް ހިޔާލު ފާޅު ކުރުމާއި ޓެރަރިޒަމްގެ އަމަލުތަކަށް ގޮވާލައި ހިޔާލު ފާޅު ކުރުމެވެ.

ގާނޫނުގެ ދަށުން ކުށްވެރިނުވާ ފަރާތްތަކާއި ތަންތަން

- މުދައްރިސުންނާއި އިލްމުވެރިން

- މަޖިލީހުގެ ޖަލްސާ އާއި ކޮމެޓީތަކުގައި ދައްކާ ވާހަކަ

- ވަޒީރުންގެ މަޖިލީހާއި ކޯޓުތަކުގައި ދައްކާ ވާހަކަ

- ފުލުހުން އާންމުކުރާ ލިޔުމަކުން، މަޖިލީހާއި ކޯޓުތަކުން އަންގާ ލިޔުމުގައި އޮންނަ ވާހަކަ

އެއްވެސް މީހަކު ހަގީގަތާ ހިލާފުނުވާ ގޮތުގެ މަތިން ޝާއިއުކުރާ ނުވަތަ ބުނާ ބަހަކީ ނުވަތަ ކުރާ ކަމަކީ އެހެން މީހެއްގެ ނަމަށާއި އަބުރަށާއި ކަރާމާތަށް އުނިކަމެއް ލިބޭ ކަމެއްގެ އަބުރާ ބެހުން ނުބެލެވޭނެ ކަމަށް ވެސް މަޖިލީހަށް ހުށަހެޅި ބިލުގައި ބުނެފައިވެ އެވެ.

ގާނޫނުގެ ދަށުން މީޑިއާއާ މެދު އެޅިދާނެ ފިޔަވަޅުތައް

- މީޑިއާއަށް އިންޒާރުދީ، އެ ދިން އިންޒާރެއް އާންމު ކުރުން

- ލިޔުމާއި މަންޒަރު އަނބުރާ ގެނެސް ބަޔާނެއް އާންމުކޮށް މައާފްކުރުން

- މީޑިއާ ސަސްޕެންޑް ކުރުން، ނުވަތަ ޕްރޮގްރާމް ޝެޑިއުލް މުއްދަތެއް ވަންދެން މެދުކަނޑާލުން

- ބައިލައްކަ އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން

- ޖޫރިމަނާ ނުދައްކައިފިނަމަ ނޫސްވެރިޔާ 3-6 މަސް ދުވަހަށް ޖަލަށް ލުން

މި ބިލު ހުށަހެޅުއްވި ޖައުފަރު ވިދާޅުވީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިދީފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގަކީ ވަކި ޒިންމާތަކާއި މަސްއޫލިއްޔަތުތަކަކާ އެކު ބޭނުން ކުރަން ޖެހޭނެ ހައްގެއް ކަމުގައި ގާނޫނުއަސާސީގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މީހުންގެ ނަމާއި އަބުރު ރައްކާތެރި ކުރެވިފައި އޮތުމުގެ ހައްގު ގާނޫނުއަސާސީގެ 33 ވަނަ މާއްދާގެ ދަށުން ކަށަވަރު ކޮށްދީފައިވާތީ، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ އިންތަކާއި އެ މިނިވަންކަމުގެ ބޭނުން ހިފޭނެ ހަމަތަކާއި އުސޫލުތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަޔާން ކުރުމާއެކު އަބުރު ރައްކާތެރިކުރުމުގެ ހައްގަށް އުނިކަމެއް އަންނަ ހާލަތްތަކުގައި އަމަލު ކުރާނެ އުސޫލުތައް ބަޔާން ކުރުމަށް މިއީ ކޮންމެހެން ބޭނުންތެރި ގާނޫނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދެވޭނީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ބެހޭ ގަވާއިދުގެ ދަށުންނެވެ. މި ގާނޫނަށް އަމަލު ކުރަން ފަށާތާ ތިން މަސް ތެރޭގައި އެ ގަވާއިދު އެކުލަވާލައި އެޓާނީ ޖެނެރަލް އާންމު ކުރަންވާނެ އެވެ.