ޖަލުގެ ހާލަތު ރަނގަޅެއް ނުވޭ، އެޗްއާރްސީއެމުން މަސައްކަތެއް ވެސް ނުކުރޭ: އަމީތު

ޖަލުގެ ހާލަތާ ގުޅޭ ގޮތުން މީގެ ހަތް މަސް ކުރިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހެޅި ކަންބޮޑުވުންތަކަށް އަދިވެސް ހައްލު ހޯދައިނުދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިރޭ ވިދާޅުވެއްޖެ އެވެ.


ގުޅިފައިވާ ޕާޓީތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި އޭނާ ވަނީ އެޗްއާރްސީއެމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުފަ އެވެ.

"އަޅުގަނޑާއި [ކެންދޫ ދާއިރާގެ މެމްބަރު] އަލީ ހުސައިނާއި އަދި ކުރީގެ [ހައުސިން] މިނިސްޓަރު އަސްލަމް ޖަލަށްލި ދުވަހު ގޮޅީގައި ތިއްބައި ކަންދިމާ ކުރި ގޮތުން އެޗްއާރްސީއެމްގެ ބޭފުޅަކު ވަޑައިގެންނެވި. އަޅުގަނޑުމެން ދެންނެވި އަވަހަށް ވެދެވަޑައިގެން ބައްލަވާށޭ. ފާހާނާ އާއި ފަންކާ ނެތް ކަމާއި ތިބވެން ޖެހޭ ހާލަތާއި މިތަން ހުރި ގޮތް ބައްލަވާށޭ،" އަމީތު ވިދާޅުވި އެވެ. "ވިދާޅުވީ ތިމަންނަމެން އެބަ ބަލަމޭ. އަޅުގަނޑުމެން ދެންނެވި މިކަންކަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރައްވަންތޯއޭ. ވިދާޅުވި މަސައްކަތް ވެސް އެބަ ކުރައްވަމޭ."

އޭނާ ވިދާޅުވީ ޖަލުގެ ހާލަތު ރަނގަޅު ކުރަން އެޗްއާރްސީމުން މަސައްކަތް ކުރާ ކަމަށް ބުންޏަސް އެކަން ނުކުރާ ކަމަށެވެ.

"އެ ބޭފުޅުންނަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެއްވޭ. ކުރެއްވޭ ނަމަ އެ ހާލަތުގައި ތިބި އަޅުގަނޑުމެންގެ އެކުވެރިން ޖަލުގައި ތިބޭކަށް ނުޖެހޭނެ،" އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވި ގޮތުގައި އެޗްއާރްސީއެމުން އަބަދު ވެސް ދޭ ޖަވާބަކީ ޖަލުގެ ހާލަތާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓް ލިޔާ ވާހަކަ އެވެ.

"އެ ބޭފުޅުންނަށް މަގާމު ދީފައި އެތަނުގައި ބޭތިއްބެވީީ ރިޕޯޓް ލިޔުއްވަންތޯ؟ ރިޕޯޓް ލިޔައިގެން އެއަށް އަމަލު ނުކުރާ ނަމަ، ޕަބްލިކަށް ނުކުމެ ވަޑައިގެން ވިދާޅުވެ ދެއްވާ މިކަމެއް ނުކޮށްދެވިއޭ. އިސްލާހެއް ނުކުރެވިއްއޭ. އެ ބޭފުޅުން ހަމައެކަނި ޖަވާބުވާރީ ވާން ޖެހޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަކަށް ނޫން. އެ ބޭފުޅުން ޖަވާބުދާރީ ވާން ޖެހޭނެ ދިވެހި ރައްޔިތުންނަށް ވެސް."