ޔާމީން ފެކްޝަން ނޫސްވެރިންނާ ބައްދަލުކުރަނީ

9:55: މައުމޫން ވިދާޅުވީ ފާރިސް އާއި ނާދިރާ ވަކިކުރަން ސުލޫކީ ކޮމިޓީން ނިންމީ ސައްހަ ބައްދަލުވުމެއްގައި ނޫން ކަމަށް. ކޮމިޓީގައި ހަތް މެމްބަރުން ތިއްބަވާ އިރު، އެ ދެ ބޭފުޅުން ވަކިކުރަން ނިންމީ ތިން މެންބަރުންގެ ބައްދަލުވުމެއްގައި.


9:52: ރައީސް މައުމޫން ވިދާޅުވީ ކައުންސިލް ބޭއްވީ އިސްލާހީ އެޖެންޑާއާ ބެހޭ ގޮތުން ވާހަކަ ދައްކަން.

9:43: ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުން ޖަލްސާ ދޫކުރައްވައި ވަޑައިގަތީ ޕާޓީން ވަކިކުރަން ސުލޫކީ ކޮމިޓީން ނިންމާފައިވާ ދެ ބޭފުޅަކު ބައްދަލުވުމުގައި ބައިވެރިވާތީ

9:40: ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުން، ރައީސް ޔާމީން ފެކްޝަންގެ ބޭފުޅުން ނުކުމެވަޑައިގެންފި އެވެ. އެ ބޭފުޅުން ޖަލްސާ ދޫކުރައްވައި ވަޑައިގަތީ އެއީ ސައްހަ ބައްދަލުވުމެއް ނޫން ކަމަށް ވިދާޅުވެ އެވެ

މިރޭ ޕީޕީއެމް އޮފީހުގައި ބާއްވާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގެ ކުރިން ޕީޖީ ގްރޫޕްގެ މެމްބަރުން ރައްޔިތުންގެ މަޖިލިހުގައި މަޝްވަރާ އެއްވުމެއް އަށެއް ޖަހާއިރު ކުރިއަށް ގެންދާކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ކައުންސިލްގައި ހިމެނޭ މަޖިލީހުގެ 14 މެމްބަރުން އެ ބައްދަލުވުމަށް ދާނީ ޕީޖީ ގްރޫޕްގެ މަޝްވަރާ އަށް ފަހު އެވެ. ޕީޖީ ގްރޫޕުން މަޝްވަރާ ކުރަނީ ކޮން ކަމަކާ ބެހޭ ގޮތުން ކަމެއް ނޭނގެ އެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިރޭ ނުވައެއް ޖަހާއިރު ޕީޕީއެމް އޮފީހުގައި އޮންނަ ކައުންސިލްގެ ކުއްލި ބައްދަލުވުމަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގަތުން ވަރަށް ކައިރި އެވެ.

މިއީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމާއި ރައީސް ޔާމީނާ ދެމެދު ޕާޓީގެ ކަންކަމުގައި އުފެދުނު ޚިޔާލު ތަފާތުވުމާއި ގޮތްދޫނުކުރެއްވުމަށް ފަހު ދެ ބޭފުޅުން އެއް ތަނަކުން ފެންނާނެ ފުރަތަމަ ފަހަރަށް ވެދާނެ އެވެ.

ޕީޕީއެމް ކައުންސިލްގެ މެޖޯރިޓީ އޮތީ ރައީސް ޔާމީނަށް ތާއީދު ކުރައްވާ މެމްބަރުންގެ އަތުގަ އެވެ. ކައުންސިލްގައި 33 މެންބަރުން ތިއްބަވާ އިރު، މައުމޫން ފެކްޝަނަށް ނިސްބަތްވާ ތިއްބެވީ އެންމެ ހަ މެމްބަރުންނެވެ. އަދި ކައުންސިލްގައި ޕީޖީ ގްރޫޕުގެ 14 މެންބަރަކު ވެސް ހިމެނޭނެ އެވެ. އެކަމަކު ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ އެންމެ އިސް ވެރިޔަކީ ޕާޓީގެ ރައީސްކަމުން، މައުމޫންގެ ބާރު އަދި މުޅިއަކުން ފިރުކިގެންނެއް ނުދެ އެވެ.

މިރޭގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކާނެ މައުލޫއުތަކެއް އެޖެންޑާއެއް ނުކުރެ އެވެ. އެހެންކަމުން އެ ބައްދަލުވުމުގައި ނިންމާނީ ކޮން ކަންކަމެއް ކަމެއް، އަދި ނަތީޖާއަކަށް ވާނީ ކޮން ކަމެއްކަމެއް ވެސް އަދިއެއް ނޭނގެ އެވެ.