ޕީޕީއެމްގެ ދެ ފެކްޝަނުން ވެސް ދުލެއް ނުދިން، އެކަމަކު މައްސަލަތައް "ހައްލު ކުރެވޭނެ"!

ޕީޕީއެމް ތެރޭގައި ޖެހިފައިވާ މައްސަލަ އަށް ހައްލެއް ހޯދަން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުން ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ ބޭފުޅުން ނުކުމެވަޑައިގަނެ، ދެ ފަޅިން ވެސް ދޫ ދޭން ބޭނުން ނުވުމުން މައްސަލަތައް ހައްލު ކުރެވިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ. އެކަމަކު، އެ މައްސަލަތައް ހައްލު ވާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީންގެ ފެކްޝަނުން ދެ އެވެ.


ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް ޔާމީނާ ދެމެދު ޕާޓީގެ ކަންކަމުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއި މައުމޫން ހުށަހަޅުއްވާ ޕާޓީގެ އިސްލާހީ އެޖެންޑާއާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ޕީޕީއެމްގެ އޮފީހުގައި މިރޭ ވަނީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވާފަ އެވެ.

އެކަމަކު ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުން ވަނީ، ވަކި ހިސާބަކުން ބައްދަލުވުން ދޫކުރައްވައި ވަޑައިގެންފަ އެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ޕާޓީން ވަކިކުރަން ސުލޫކީ ކޮމީޓީން ނިންމާފައިވާ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި އައިމިނަތު ނާދިރާ އެ ބައްދަލުވުމުގައި ތިއްބެވުމުން އެ ބައްދަލުވުން ސައްހައެއް ނުވާނެ އެވެ.

އޭގެ ފަހުން، ޕާޓީ އޮފީހުގައި ޕީޕީއެމްގެ ރައީސް މައުމޫން ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ފާރިސް އާއި ނާދިރާ ވަކިކުރަން ބޭއްވި ސުލޫކީ ކޮމިޓީގެ ބައްދަލުވުން އަސާސީ ގަވާއިދާ ހިލާފެވެ. އެއީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ހަތް ބޭފުޅުން ތިއްބަވާ ކޮމެޓީގެ ކޯރަމް ހަމަ ނުވާތީ އާއި މެމްބަރުން ވަކިކުރަން ނިންމީ ތިން ބޭފުޅުންގެ ވޯޓުން ކަމަށް ވާތީ އާއި ކޮމެޓީގެ އެ ނިންމުން ޕާޓީގެ އޮފީހަށް ނުފޮނު ވާތީ އެވެ.

"އެހެންވެ ކިހިނެއްތޯ ދެންނެވޭނީ އެ ބޭފުޅުން ވަކި ކުރެއްވީ ގަވައިދާ އެއްގޮތަށް ކަމަށް،" މައުމޫން ވިދާޅުވި އެވެ.

މައުމޫން މިރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު، ކޮމީޓީގެ ނިންމުން ދިފާއުކޮށް، ރައީސް ޔާމީންގެ ފެކްޝަނުން ވަނީ މައުމޫންގެ ނިއުސް ކޮންފަރެންސާ ވިދިގެން ޕާޓީ އޮފީހުން ބޭރުގައި ނޫސްވެރިންނާ ބައްދަލުކޮށްފަ އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި ފާރިސް އާއި ނާދިރާ ވަކިކުރަން ނިންމީ އަސާސީ ގަވާއިދާ އެއްގޮތަށެވެ. އެހެންވެ، އެ ދެ ބޭފުޅުން ވެސް މިހާރު ޕާޓީން ވަކިވެފައިވާ ކަމަށާއި އެ ބޭފުޅުންނަށް ކައުންސިލުގައި ނުތިއްބެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުން ނުކުތީ ފާރިސް އިންނަވާ ބައްދަލުވުމެއް ސައްހަ ނުވާނެތީ އެވެ. އަނެއްކާ ވެސް ކައުންސިލް ބައްދަލުވުމަކަށް ގޮވާލުމާ އެކު ދާނެ ކަމަށާއި އެކަމަކު ފާރިސް އާއި ނާދިރާ އަށް ދެން ބާއްވާ ބައްދަލުވުމެއްގައި ވެސް ނުތިއްބެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާދަމާ ދިޔައަސް އަޅުގަނޑުމެން ކައުންސިލްގައި ބައިވެރިވެގެން ކުރި އަށް ގެންދާނީ، އަޅުގަނޑުމެން ބައިވެރިވާނީ އެ ދެ ބޭފުޅުންނާ ނުލާ،" އޮކްސިޖަން ކެފޭ ހުންނަ އިމާރާތުގެ ހަތް ވަނަ ބުރީގައި ހުންނަ ރައީސް ޔާމީންގެ ކެމްޕޭން އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފެކްޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: މައްސަލަތައް ހައްލު ކުރެވޭނެ ކަމުގެ ޔަގީންކަން ދިން.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކާއި ކައުންސިލް މެމްބަރު މުހައްމަދު ހުސެން ޝަރީފު ވެސް ވިދާޅުވީ ސުލޫކީ ކޮމިޓީގެ ނިންމުން ސައްހަ ކަމަށެވެ. އެ ނިންމުމުގައި އަސާސީ ގަވާއިދާ ހިލާފު ކަންތައްތަކެއް ހުރި ކަމަށް މައުމޫން ފެކްޝަނުން ބުނަނީ، އެ ދެ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި، މިހާރު އިސްލާހުކޮށް، ފައިނަލްކޮށްފައިވާ އަސާސީ ގަވާއިދުގެ "ވާޝަން" އަށް ނުބަލައި ކުރީގެ ކޮޕީއަކަށް ބަލައިގެންނެވެ.

ސުލޫކީ ކޮމިޓީގެ ނިންމުމާ މެދު ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ނަމަ އެ ނިންމުން އިސްތިއުނާފް ކޮމިޓީ އަށް ހުށަހެޅޭނެކަން ނިހާނާއި ޝަރީފް ވެސް ފާހަގަކުރެއްވި އެވެ.

އެކަމަކު، މައުމޫން އެކަމާ ދެކޮޅު ހައްދަވަ އެވެ. އެ މަނިކުފާނު މިރޭ ވިދާޅުވީ ސުލޫކީ ކޮމީޓީގެ ނިންމުން ސައްހަ ނުވުމުން އެ ނިންމުން އިސްތިއުނާފް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ޕާޓީގެ ތެރޭގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރަން ކައުންސިލް އެއްކުރަން އުޅުމުން އެކަން ފޭލްވެފައިވީ ނަމަވެސް ދެ ފެކްޝަންގެ ބޭފުޅުންގެ މެދުގައި އެއްވެސް ވަރެއްގެ ހަމަނުޖެހުމެއް ނުހިނގާ ކަމަށް ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުން ވިދާޅުވި އެވެ. ނިހާން ވިދާޅުވީ ރައީސް މައުމޫނަށް އެންމެ މަތީ ދަރަޖައިގެ ގަދަރާއި އިހުތިރާމް ކުރާ ކަމަށާއި އެ މަނިކުފާނު މިރޭ ވެސް ވަރަށް ރަނގަޅު ނަސޭހަތް ދެއްވި ކަމަށެވެ.

"އެކަމަކު ގޯހެއް ވާނީ ގޯހަކަށޭ،" ކައުންސިލް ބައްދަލުވުމުން ނުކުމެވަޑައިގަންނަވަން ރައީސް ޔާމީން އެ މަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުންނަށް އަންގަވާފައި ނުވާކަން ފާހަގަކުރައްވައި ނިހާން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފެކްޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވާހަކަ ދައްކަވަނީ: މައްސަލަތައް ހައްލު ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މިހާރު އުފެދިފައިވާ މައްސަލަތައް ހައްލުކުރެވޭނެ ކަމުގެ "އުއްމީދު" ކުރައްވާކަން މައުމޫން މިރޭ ހާމަކުރެއްވި އެވެ. ހަމަ އެ ގޮތަށް، ރައީސް ޔާމީންގެ ފެކްޝަނުން ދެނީ އެކަމުގެ "ޔަގީންކަމެވެ".

ނިހާން ވިދާޅުވި ގޮތުގައި ޕީޕީއެމްއަކީ ވެސް ބަޔަކު އެކުވެގެން އުފައްދާފައިވާ ޖަމާއަތަކަށް ވާތީ ހިޔާލު ތަފާތުވުން އުފެދޭނެ ކަމަށެވެ. އެއީ އެންމެ ބޮޑެތި ޑިމޮކްރެސީތަކުގައި ވެސް ކަން ހިނގާ އުސޫލު ކަމަށާއި އެކަމަކު އެއން ކޮންމެ ފަހަރަކު އެ ހިޔާލު ތަފާތުވުންތައް ނައްތާލައި ގައުމައިގެން ކުރި އަށް ދާންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިޔާލު ތަފާތުވުން ނެތް ނަމަ ޑިމޮކްރެސީ އޭގެ ޒާތުގައި ދުޅަހެޔޮކަމެއް ނާންނާނެ،" ނިހާން ވިދާޅުވި އެވެ.

ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫނާ ދެމެދު އުފެދިފައިވާ ކޯޅުމާ އެކު ޕީޕީއެމް ތެރޭގައި ވަނީ ދެ ބޭފުޅުންގެ ފެކްޝަން އުފެދިފަ އެވެ. މި ބައިބައިވުމުގެ ތެރޭން މައުމޫން ޕާޓީގެ ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓުވާލެއްވި އެވެ. އަދި ޕާޓީ ހިންގުން ވެސް ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަތުން ވަނީ ނަންގަވާފަ އެވެ.

އެކަމަކު، ޕާޓީގެ ހިންގުން ހުއްޓުވާލައްވާފައި އޮތް އޮތުން ނިމުމަކަށް ގެންނަވައި ކޮމިޓީތައް ބޭއްވުމުގެ ހުއްދަ މައުމޫން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ދެއްވާފަ އެވެ.