ރިޔާސީ އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ޕާޓީތަކަށް ދެނީ

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބާއްވާ ރިޔާސީ އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ދިނުމަށާއި ޕާޓީތައް ހިންގުމާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކާ ބައްދަލުކުރަން ދައުވަތު ފޮނުވައިފި އެވެ.


އެ ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ، އެއީ ސިޔާސީ ޕާޓީތައް މޮނީޓަކޮށް، ރެގިއުލޭޓް ކުރުމާ ގުޅޭ ގޮތުން ބާއްވާ ބައްދަލުވުމެއް ކަމަށެވެ. އެ ބައްދަލުވުމުގައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ވެސް ޕާޓީތަކަށް މައުލޫމާތު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ވާނީ މި ބައްދަލުވުމަށް، ކޮންމެ ޕާޓީ އަކުން ހަތަރު ބޭފުޅުންނަށް ދައުވަތު ފޮނުވާފައި. މި ބައްދަލުވުމުގައި މަޝްވަރާ ކުރާނީ ހަމައެކަނި ޕާޓީތައް ރެގިއުލޭޓް ކުރުމާ ގުޅޭ ގޮތަކުން ނޫން، ރިޔާސީ އިންތިޚާބުގެ ތައްޔާރީތައް ވެސް ޕާޓީތަކާ ހިއްސާ ކުރާނެ،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް އިންތިޚާބުގެ އެންމެހައި އިދާރީ މަސައްކަތްތަކެއް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ކުރަމުންނެވެ. އެ ކަންކަމުގައި ސިޔާސީ ޕާޓީތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އީސީން ޔަގީންކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި އިންތިޚާބު ބާއްވަން ޖެހޭއިރު، އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުގެ ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ފޯރުވާފައިވާ ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ. އެކަމަކު އެ ތުހުމަތުތައް ދޮގުކޮށް، އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އެ ކޮމިޝަނުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެކޭ އެއްގޮތަށް ރިޔާސީ އިންތިޚާބު ވެސް މިނިވަން ވާނެ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން މި އަންނަނީ ރިޔާސީ އިންތިޚާބަކީ، މިނިވަން އިންސާފުވެރި، ހާމަކަން ބޮޑު، އަދި ރައްޔިތުންނަށް ފަސޭހަ އިންތިހާބަކަށް ހެދުމަށް،" އަކްރަމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުން، ރާއްޖޭގައި ބާއްވާފައިވާ އެހެން އިންތިޚާބުތަކާ ޚިލާފަށް، މި އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނީ އާންމުން ވީހާ ވެސް ބޮޑަށް ބައިވެރި ކޮށްގެން، އުފާވެރި އިންތިޚާބެއްގެ ގޮތަށެވެ.