މިދިޔަ މަހު ދައުލަތަށް 1.5 ބިލިއަން ރުފިޔާ، ބޮޑު ބައި ޑޮލަރުން

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް 1.5 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.


މީރާ އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު 1.5 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ މާޗް މަހާ އަޅައި ބަލާއިރު 16 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ 28 ޕަސެންޓް އިތުރު އަދަދެވެ. ލިބުނު އާމްދަނީގެ ތެރެއިން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 71.2 މިލިއަން ޑޮލަރެވެ.

މީރާއިން ބުނި ގޮތުގައި އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ އެކި ބާވަތުގެ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރު ވުމެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖްގެ ގޮތުގައި ފައިސާ ލިބުމަކީ ވެސް މިދިޔަ މަހުގެ އާމްދަނީ އިތުރުވި ސަބަބެކެވެ.

މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. ޖުމްލަ އާމްދަނީގެ 50 ޕަސެންޓަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާ އެވެ. ދެވަނަ އަށް އެންމެ ގިނައީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބުނު ފައިސާ އެވެ.