މާލެ އެތެރެކުރި ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެ، ހަ މީހަކު ހައްޔަރުކޮށްފި

މާލެއަށް އެތެރެކުރި ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެ، ހަ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.


ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއަކުން އަތުލައިގެންފައި ވަނީ 400 އަށް ވުރެ ގިނަ ފުޅި ބަނގުރަލާއި 80 އަށް ވުރެ ގިނަ ބިޔަރު ދަޅެވެ. އެ ތަކެތި މާލެ ގެނެސް ގެއެއްގައި ގުދަން ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހައްޔަރުކުރީ ހަތަރު ދިވެއްސަކާއި ދެ ބިދޭސީއެކެވެ. ދެ ބިދޭސީންނަކީ ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ މީހުންނެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގެ އެކްޓިން ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް ރަޖްނީ ޝުއައިބު ވިދާޅުވީ ހައްޔަރުކުރި ދިވެހިންނަކީ މާރާމާރީ އާއި ބަނގުރަލުގެ މައްސަލަތަކުގެ ރެކޯޑް ކުރިން އޮންނަ ބައެއް ކަމަށާއި ރަލާއި ބިޔަރު ދަޅުތައް ރޭ ފެނުނު ގެއަކީ އެ މީހުން އެ ތަކެތީގެ ވިޔަފާރި ކުރަން ކުއްޔަށް ހިފާފައިވާ ތަނެއް ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެ ތަކެއްޗަކީ ހުޅުމާލޭގައި ހުންނަ ބޮންޑެޑްވެއާ ހައުސްއިން ސަފާރީއަކަށް ދޫކުރި ތަކެތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތަހުގީގުން ފާހަގަކުރެވޭ ކަންތައްތަކުގެ މައްޗަށް ބިނާކޮށް، ތުހުމަތު ކުރެވޭ އިތުރު ފަރާތްތައް ހިމެނޭތީ އެ ފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ވާހަކަ ދަންނަވަން،" ރަޖްނީ ވިދާޅުވި އެވެ.

ރަލާއި ބިޔަރުގެ ވިޔަފާރި ކުރުމަށް ދޭ ހުއްދައަކީ ހަމައެކަނި ފަތުރުވެރިންނަށް ދިނުމަށްޓަކައި ދޭ ހުއްދައެއް ކަން ފާހަގަކޮށް، ރަޖްނީ ވިދާޅުވި ގޮތުގައި އެ ހުއްދައިގެ ބޭނުން ބައެއް ފަރާތްތަކުން ނާޖާއިޒް ގޮތުގައި ހިފައިގެން މާލެ އާއި އެހެން ރަށްރަށުގައި އެ ތަކެތީގެ ވިޔަފާރި ކުރަމުންދާ ކަން ފާހަގަ ކުރެވެ އެވެ. އަދި އެކަމުގައި ބޭނުން ކުރަނީ އެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅުންހުރި އުޅަނދު ފަހަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަފާރީ އޮޕަރޭޓަރުންނާއި ލޯންޗް ފަހަރުތަކުގެ ވެރި ފަރާތްތަކުން މިކަންކަމަށް ސަމާލުވެ، މިފަދަ ކުށްތައް ހުއްޓުވުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން މަސައްކަތް ކުރުމަށް އަޅުގަނޑު މި ފުރުސަތުގައި އިލްތިމާސް ކުރަން،" އޭނާ ވިދާޅުވި އެވެ.

ރަޖްނީ ވިދާޅުވި ގޮތުގައި ބަނގުރަލާއި ބިޔަރު ފަދަ ތަކެތި މީހުން ދިރިއުޅޭ ގޭގޭގައި ރައްކާކޮށް، ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ކަން ފާހަގަ ކުރެވެ އެވެ. އެހެންވެ ގޭގޭގެ ވެރިފަރާތްތަކުން ވެސް އެފަދަ ކަންކަމަށް ސަމާލުވުމަށް އޭނާ އެދިވަޑައިގަތެވެ.