ވަޒީފާ އިން ވަކިވުމުން ދޭ އިނާޔަތްތަކަށް ބަދަލު ނުގެންނަން އަންގައިފި

ދައުލަތުގެ ވަޒީފާތަކުން ވަކިވެގެން ދާއިރު އިނާޔަތްތައް ދޭނެ މިންގަނޑެއް ކަނޑައަޅަންދެން، ދައުލަތުގެ ވަޒީފާތަކުން ވަކިވާ މީހުންނަށް މިހާރު ދޭ އެއްވެސް އިނާޔަތްތަކަށް ބަދަލު ނުގެންނަން ނޭޝަނަލް ޕޭ ކޮމިޝަނުން އަންގައިފި އެވެ.


ނޭޝަނަލް ޕޭ ކޮމިޝަންގެ ރައީސް އަދި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ސޮއި ކުރައްވައި، މިއަދު ނެރުނު ސާކިއުލާގައި ވަނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު، ދައުލަތުގެ ވަޒީފާތަކުން ވަކިވާ މުވައްޒަފުންނަށް އިނާޔަތް ދެވޭނެ މިންގަނޑު ކަނޑައެޅުން އެ ކޮމިޝަންގެ ޒިންމާގެ ދަށަށް ބަދަލުވެފައިވާ ކަމަށެވެ.

އެހެންވެ، ދައުލަތުގެ ވަޒީފާތަކުން ވަކިވާ ފަރާތްތަކަށް އިނާޔަތް ދިނުމާ ގުޅޭ މިންގަނޑެއް އެ ކޮމިޝަނުން ކަނޑައަޅަންދެން، އެފަދަ ފަރާތްތަކަށް މިހާރު ދޭ އިނާޔަތްތަކަށް ބަދަލު ނުގެންނަން އަންގާ ކަމަށް އެ ސާކިއުލާގައިވެ އެވެ.

މީގެ އިތުރުން އެ ސާކިއުލާގައި އަންގާފައިވަނީ މިހާރު ދައުލަތުގެ އިދާރާތަކުން އެފަދަ އިނާޔަތް ދިނުމުގައި ގެންގުޅޭ މިންގަނޑުތަކުގެ ތަފްސީލާއި މިހާރު އަމަލުކުރާ މިންގަނޑުތަކަށް ބަދަލެއް ގެންނަން ބޭނުންވާ ނަމަ އޭގެ ތަފްސީލުތައް ވެސް މިމަހުގެ 22 ވަނަ ދުވަހުގެ ކުރިން އެ ކޮމިޝަނަށް ފޮނުވުމަށެވެ. އެ މައުލޫމާތުތައް ހޯދަނީ އެ މިންގަނޑު ކަނޑައެޅުމުގައި ދައުލަތުގެ އިދާރާތަކުގެ ޚިޔާލު ހޯދުން މުހިންމު ކަމަށް ފެންނާތީ ކަމަށް އެ ސާކިއުލާގައިވެ އެވެ.