މައުމޫނުގެ ހިތްވަރަކަށް ކުޑަ ވެސް ބަދަލެއް ނާދޭ: މައުމޫންގެ އޮފީސް

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލައި، ޖަލުގައި ހުންނަވާތާ ދެ މަސް ދުވަސް ވީރު ވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ހިތްވަރުފުޅަށް ކުޑަ ވެސް ބަދަލެއް ނާންނަ ކަމަށް އެ މަނިކުފާނުގެ އޮފީހުން މިއަދު ބުނެފި އެވެ.


މައުމޫންގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މައުމޫން އެދިވަޑައިގަންނަވަނީ ރައްޔިތުން އިސްލާހީ މަސައްކަތުގައި ސާބިތުވެ ތިއްބެވުމަށް ކަމަށެވެ. އަދި އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ފަސާދަ މިގައުމުން ފޮހެލަން ރައްޔިތުން ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިކަމަށްޓަކައި އުފާކުރައްވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އެ މަނިކުފާނާއި އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުންނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހައްޔަރުކޮށްގެން، އެކަހެރިކޮށް ބޭތިއްބުމަކުން، އެ ބޭފުޅުންގެ ހިތްވަރަށް ކުޑަ ވެސް އުނިކަމެއް ނާންނަކަމުގެ ޔަގީންކަން އެމަނިކުފާނަށް އޮވެ އެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ކުރައްވާ ބުރަ މަސައްކަތުގެ ނަތީއްޖާއެއްގެ ގޮތުން، ގައުމުން އަނިޔާވެރިކަން ފިލުވައި، އަމާން އައްސޭރިއަކަށް ވާސިލްވުމުގެ މަގު އޮތީ ނުހަނު ގާތުގައި ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވަ އެވެ،" ނޫސްބަޔާނުގައި ބުނެފައިވެ އެވެ

އޭގައި ބުނެފައިވާ ގޮތުގައި މައުމޫންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ލިޔުންތައް ލިބުނުއިރު، ޓެރަރިޒަމްގެ އަމަލެއް މައުމޫން ހިންގެވި ކަމަށް ބުނާ އެއްވެސް އަމަލެއް ދެއްކިފައި ނެތް ކަމަށެވެ. އަދި ޖިނާއީ ކުށެއް ސާބިތުވުމަށްޓަކައި އަމަލެއް އެއީ ފުރިހަމަވާން ޖެހޭ ރުކުނެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"އެ ވަރުގެ މުހިންމު ކަންކަން ފުރިހަމަނުވާއިރު ވެސް ރައީސް މައުމޫންގެ މައްޗަށް ދައުވާއެއް އުފައްދައިގެން އުޅެނީ، ސަރުކާރުން އެމަނިކުފާނުގެ މަސައްކަތާ މެދު ޖެހިލުންވާތީ، އިސްލާހީ މަސައްކަތް ހުއްޓުވުމަށެވެ. ނަމަވެސް ރައީސް މައުމޫން ހުރީ އެ މަސައްކަތް ހުއްޓާލައްވާ ގޮތަކަށް ނޫނެވެ. ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ މި ދައުވާއަކީ، ސިޔާސީ ކުލަޖެހިފައިވާ، ދައުވާއެކެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.