ނައިބު ރައީސް ކަމަށް އައްޔަން ކުރި ޖިހާދަށް މަޖިލީހުން ރުހުން ދީފި

ނައިބު ރައީސް ކަމަށް އަބްދުﷲ ޖިހާދު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން މިއަދު ފާސްކޮށްފި އެވެ.


ފިނޭންސް މިނިސްޓަރަކަށް ކުރިން ހުންނެވި ޖިހާދު ނައިބު ރައީސަކަށް އައްޔަން ކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ ތެރެއިން 51 މެމްބަރުންގެ ވޯޓުންނެވެ. އެ މަގާމަށް ޖިހާދު އައްޔަން ކުރަން ނުފެންނަ ކަމަށް 12 މެމްބަރަކު ވޯޓުދެއްވި އެވެ.

ޖިހާދު ނައިބު ރައީސަކަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. ޖިހާދަކީ ރައީސް ޔާމީންގެ ސަރުކާރުގެ ތިންވަނަ ނައިބު ރައީސެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނާއި އިދިކޮޅު ބައެއް މެމްބަރުން ވަނީ ޖިހާދަކީ ގާބިލް ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޖިހާދަކީ ރައީސް އަބްދުﷲ ޔާމީން "ވިދާޅުވާ" ގޮތަކަށް ކަންކަން ކުރައްވާ ބޭފުޅެއް ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވި އެވެ.

ނޮވެމްބަރު 17، 2013 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސަކީ މުހައްމަދު ޖަމީލް އަހުމަދެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލިހުން ޖުލައި 2015 ގައި ވަކިކުރުމުން މަގާމު ގެއްލުނީ އެވެ. އޭގެ ފަހުން ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވީ ރައީސް ޔާމީނާ އެ ދުވަސްވަރު އެންމެ ގާތްގުޅުމެއް ބޭއްވި އަހުމަދު އަދީބެވެ.

ނަމަވެސް ރައީސް ޔާމީން އަވަހާރަކޮށްލަން "ފިނިފެންމާ" ގައި އައިއީޑީއެއް ގޮއްވާލި މައްސަލާގައި، އޮކްޓޫބަރު 26، 2015 ގައި އަދީބު ހައްޔަރުކުރުމާ ގުޅިގެން ނައިބު ރައީސްކަމުގެ މަގާމު އޮތީ ހުސްކޮށެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ނުކުރައްވައި ގިނަ ދުވަސްތަކެއް ވާތީ، ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް ރައީސް ޔާމީނަށް ކުރިމަތިވެވަޑައިގަތެވެ.