ޔާމީންގެ އާއިލާއިން ކުރި ދައުވާ ނުބެލޭނެ ކަމަށް ނިންމުމުން އިސްތިއުނާފް ކޮށްފި

ތޫނު އެއްޗެހިން ހަމަލާދީ ޔާމީން ރަޝީދު މަރާލުމުގެ ކުރިން، އޭނާ ހިމާޔަތަށް އެދުނު ނަމަވެސް ދައުލަތުން އެކަމަށް އިހުމާލުވި ކަމަށް ބުނެ ޔާމީންގެ އާއިލާއިން ދައުލަތާ ދެކޮޅަށް ކުރި ދައުވާ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން ނިންމުމުން އެ މައްސަލަ ޔާމީންގެ އާއިލާއިން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.


މިދިޔަ އަހަރުގެ އޭޕްރީލް މަހު، ޔާމީން ދިރިއުޅުނު ގޭގެ ސިޑި ކައިރީގައި އޭނާއަށް ހަމަލާދީ މަރާލި މައްސަލައާ ގުޅިގެން ޔާމީން ބައްޕަ ހުސައިން ރަޝީދު ދައުލަތާ ދެކޮޅަށް ދައުވާކުރީ ޔާމީން މަރާލުމުގެ ކުރިން، އޭނާއަށް އެކި ގޮތްގޮތުން އިންޒާރުތައް ދިން މައްސަލަ ފުލުހަށް ހުށަހެޅުމުން އެކަމުގައި ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެ އެވެ.

އެ މައްސަލާގައި މިދިޔަ ސެޕްޓެމްބަރު މަހު ސިވިލް ކޯޓުން ނިންމީ ފުލުހުން އަމަލުކުރި ގޮތާ މެދު ޝަކުވާއެއް އޮތް ނަމަ އެ މައްސަލައެއް ބެލުމަކީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ގާނޫނުުގެ ދަށުން އެ ކޮމިޝަނަށް އޮތް ބާރެއް ކަމަށެވެ. ޔާމީންގެ އާއިލާއިން އެ ކޮމިޝަނަށް މައްސަލަ ހުށަހަޅާފައި ނުވާއިރު، އެ މައްސަލަ ސިވިލް ކޯޓުން ބެލުމަކީ އެންއައިސީގެ ގާނޫނުގެ މަގްސަދު ހާސިލް ނުވެދާނެ ކަމެއް ކަމަށް އެ ނިންމުމުގައިވެ އެވެ. އެހެންވެ، ސިވިލް ކޯޓުން ނިންމާފައި އޮތީ އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިިބިގެން ނުވާ ކަމަށެވެ.

ސިވިލް ކޯޓުގެ އެ ނިންމުން އިސްތިއުނާފް ކުރަން ޔާމީންގެ ބައްޕަގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަނެ، އަންނަ އާދިއްތަ ދުވަހު އެ މައްސަލައިގެ ޝަރީއަތް ފަށަން އެ ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.

ދައުލަތުން އިހުމާލުވި ކަމަށް ބުނެ ޔާމީންގެ އާއިލާއިން ދައުލަތާ ދެކޮޅަށް ދައުވާ ކުރާއިރު ޔާމީން މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ ހަތް މީހަކަށް ދައުވާ އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.