ބްރިޖަށް ފުޅާކުރާ މަގުތަކުގައި ޕާކުނުކުރަން އަންގައިފި

ބްރިޖަށް ދަތުރުކުރަން ފަސޭހަ ކުރުމުގެ ގޮތުން ފުޅާ ކުރަން ފަށާފައިވާ މަގުތަކުގައި ޕާކު ނުކުރަން ހައުސިން މިނިސްޓްރީން އަންގައިފި އެވެ.


އެ މިނިސްޓްރީން ނެރުުނު އިއުލާނެއްގައި ބުނެފައި ވަނީ މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑުތަކުރުފާނުގެ މަގު ރަނގަޅު ފެންވަރަކަށް ހަދާތީ، މޭރީ ބްރައުން އިން ފެށިގެން ހުޅުމާލޭ ފެރީ ޓާމިނަލާ ހަމައަށް ޕާކު ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑުތަކުރުފާނުގެ މަގު ހަތަރު ލޭން ހިމެނޭ ގޮތަށް 16 މީޓަރަށް ފުޅާކުރަން ވަނީ ނިންމައިފަ އެވެ. އެ މަގު ފުޅާ ކުރަމުން އަންނަނީ، ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށް ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ބްރިޖާ ގުޅޭ މަގުތަކަކީ ހެންވޭރު ޕާކް ވަށައިގެންވާ ސަރަހައްދެވެ. ސެނަހިޔާ ހުންނަ މޫންލައިޓް ހިނގުމުން ފެށިގެން ހިތިގަސް މަގު (ހެންވޭރު ޕާކްގެ ހުޅަނގު އުތުރު ކަނުން ރާޅުގަނޑު ސަރަހައްދަށް ނުކުންނަ މަގު) ވެސް ހިމެނެ އެވެ. މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑުތަކުރުފާނުގެ މަގު ފުޅާ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

ބްރިޖަށް ދަތުރުކުރާ މައި މަގުތައް ފުޅާ ކުރާ އިރު މަގުގެ ކޮންމެ ފަރާތެއްގައި ދެ މީޓަރުގެ ޕޭވްމަންޓެއް ހަދަން ވަނީ ނިންމައިފަ އެވެ. އަދި މަގުގެ އަރިމަތީގައި މަގަށް ހިޔާވާ ގޮތަށް ގަސް އިންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ހަދާ ބްރިޖްގެ މަސައްކަތް މިހާރު ވަނީ ނިމެން ކައިރިވެފަ އެވެ. ބްރިޖް ނިމެންވާ އިރަށް ހުޅުލެ އިން ފެށިގެން ހުޅުމާލެއާ ދެމެދު ވެސް ބޮޑު މަގެއް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.