ރައީސް ޔާމީން ވަކިކުރުމަށް ފަހު ނޫނީ އިންތިހާބަކަށް ނުދެވޭނެ: އަމީން

ރައީސް އަބްދުﷲ ޔާމީން މަގާމުން ވަކި ކުރުމަށް ފަހުގައި ނޫނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ގިނަ ބަޔަކު ނޭދޭ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ހުރިހާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެން ކުރާ މަސައްކަތް ދާނީ ފަނުފުލުން ކަމަށް ޕީޕީއެމުން ވަނީ ބުނެފައިވާ އިރު، އެކަމަށް ރައްދު ދެއްވައި އަމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ވާހަކަ ޕީޕީއެމުން ދައްކަނީ ޔާމީން މަގާމުން ދުރުކުރަން ކުރާ މަސައްކަތުގެ މިސްރާބު ބަދަލުކޮށް ގުޅިފައިވާ ޕާޓީތައް ކެމްޕެއިނަށް ނެރެން ނޫންތޯ އެވެ.

"ޔާމީން ބޭލުމަށް ފަހު ނޫނީ އިންތިހާބަކަށް ދާކަށް ގިނަ ބަޔަކު ނޭދޭ. މި ހާލަތުގައި ޔާމީނާ އެކު އިންތިހާބަަކަށް ދިއުމަކީ ބޮޑު ގޯހެއް،" އިނގިރޭސި ވިލާތުން ހިމާޔަތް ހޯދައިގެން އުޅުއްވާ އަމީން ވިދާޅުވި އެވެ.

އަމީން ކުރެއްވި ޓްވީޓް--

އިދިކޮޅު ޕާޓީތަކުން ބުނެފައިވަނީ ރައީސް ޔާމީން ބޭނުންފުޅުވާ ބަޔަކު އިލެކްޝަން ކޮމިޝަންގައި ބައިތިއްބައިގެން މިނިވަން އިންތިހާބެއް ބޭއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރޭ ވާހަކަ އިދިކޮޅުން ދައްކަމުން އަންނަ އިރު، ޕާޓީތަކުގެ މެދުގައި ޚިޔާލު ތަފާތުވުންތައް ބޮޑުވެ އެކަން އާއްމުންނާ ހަމަ އަށް ތިލަވެފައިވާ ކަމަށެވެ. އިދިކޮޅު އެމްޑީޕީ އަށް އެކަނި ބެލި ނަމަވެސް އެ ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކެންޑިޑޭޓް ނެރުން ލަސްވާ މައްސަލައިގައި އަމާޒު ކުރާ ފާޑު ކިޔުންތަކަށް ރައްދު ދެމުން ޕާޓީތަކުން ބުނެފައި ވަނީ، ރައީސް ޔާމީން ބަލިކުރާނެ އިދިކޮޅު ކެންޑިޑޭޓް ހުރީ ތައްޔާރަށް ކަމަށެވެ. ވަގުތު ޖެހުމުން އެއީ، ކޮން ބޭފުޅެއްކަން އިއުލާން ކުރާނެ ކަމަށާއި އެ ބޭފުޅަކު މި ވަގުތު ހުންނެވީ ޖަލުގައިތޯ ރާއްޖޭގައިތޯ ނުވަތަ ރާއްޖެ އިން ބޭރުގައިތޯ އެނގުމަކީ މި ވަގުތަށް މުހިއްމު ކަމެއް ނޫން ކަމަށެވެ.