ހުށަހެޅި ދެ ފަރާތަށް ވެސް ޕާޓީ އުފައްދަން ހުއްދައެއް ނުދިން

ސިޔާސީ ދެ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން، އެއްވެސް ބަޔަކަށް އެ ހުއްދަ ނުދިނުމަށް އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.


އިލެކްޝަނުން ނެރުނު ބަޔާނެއްގައި ބުނީ ދެ ޕާޓީ އުފެއްދުމަށް މި މަހު ދެ ފަރާތަކުން ހުށަހެޅުމުން ހުއްދަ ނުދެވޭނެ ކަމަށް އެންގީ ސިޔާސީ ޕާޓީގެ ގާނޫނާއި ގަވާއިދަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ.

އިލެކްޝަނަށް ހުށަހެޅި ދެ ޕާޓީއަކީ މޯލްޑިވްސް ރިޕަބްލިކް ޕާޓީ (އެމްއާރުޕީ) އާއި ދަ ގްރޭޓް ގްރީން ކަނެކްޝަނެވެ. މި ޕާޓީތަކާ ބެހޭ އިތުރު ތަފްސީލެއް އިލެކްޝަނުން ހާމައެއް ނުކުރެ އެވެ.

އިލެކްޝަނުން ބުނި ގޮތުގައި ދަ ގްރޭޓް ގްރީން ކަނެކްޝަނަށް ހުއްދަ ދެވެން ނެތީ، ސިޔާސީ ޕާޓީގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އެހެން ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމުގެ ޝަރުތު ފުރިހަމަ ނުވާ މީހަކަށް ވާތީ އާއި ކުށުގެ ރިކޯޑު ފޯމް ހުށަހަޅާފައި ނުވާތީ އެވެ.

އެމްއާރުޕީ އަށް ހުއްދަ ދެވެން ނެތީ، އެ ޕާޓީ އަށް ކިޔަން ހުށަހަޅާފައި އޮތް ނަމަކީ އެ ކޮމިޝަނަށް ގަބޫލު ނުކުރެވޭ ނަމެއް ކަމަށް، ކޮމިޝަން މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމުމުން ކަމަށެވެ. އަދި އެ ޕާޓީ އަށް ހުއްދަ ދީފި ނަމަ، ކުރިން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރި ޖުމްހޫރީ ޕާޓީ އަށް އިނގިރޭސި ބަހުން ކިޔަމުން އަންނަ ނަމާ ފުށު އަރާނެތީ ހުއްދަ ދެވެން ނެތީ ކަމަށް އެ ބަޔާނުގައިވެ އެވެ.

އިލެކްޝަންސް އިން ބުނި ގޮތުން ހުރިހާ ލިޔެކިޔުންތައް ފުރިހަމަ ކޮށްގެން އެމްއާރުޕީ ރަޖިސްޓްރީކުރުމަށް ހުށަހަޅާފައިވަނީ މޯލްޑިވިއަން ރިޕަބްލިކް ޕާޓީގެ ނަމުގައި ކަމަށްވާތީ އާއި ޖުމްހޫރީ ޕާޓީން މިހާރު ވެސް އެ ޕާޓީގެ ލިޔެކިޔުންތަކުގައި "ރިޕަބްލިކަން" އެ ޕާޓީގެ ނަމުގެ ގޮތުގައި ބޭނުންކުރާ ކަމަށެވެ.

ރާއްޖޭގައި މި ވަގުތު ރަޖިސްޓްރީކޮށްފައި އޮތީ ހަ ސިޔާސީ ޕާޓީއެކެވެ. އެއީ ޕީޕީއެމާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ޑީއާރުޕީ އަދި އެމްޑީއޭ އެވެ.