މިނިވަންކަމާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް: އީސީ

އިލެކްޝަންސް ކޮމިޝަން (އީސީ) ހިންގަމުން އަންނަނީ މިނިވަންކޮށް ކަމަށާއި މަސައްކަތާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.


ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތުން އީސީ އަކީ މިނިވަން މުއައްސަސާއަކަށް ވި ނަމަވެސް އެ ކޮމިޝަނުން އަމަލުކުރާ ގޮތުން އިދިކޮޅު ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ މަސްލަހަތު ހިމާޔަތްކޮށް، އިދިކޮޅު ސިޔާސީ ޕާޓީތައް ހުއްޓުވާލުމުގެ ތުހުމަތު ވެސް ދަނީ ކުރަމުންނެވެ. މިއާ އެކު، އެ ކޮމިޝަނުގެ މަސައްކަތް ހިނގާ ގޮތުން، މި އަހަރުގެ ރިޔާސީ އިންތިޚާބު މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ނުބޭއްވޭނެ ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ.

އިދިކޮޅުގެ މި ވާހަކަތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ، ސިޔާސީ ޕޯޑިއަމްތަކުގައި ޕާޓީތަކުން ތުހުމަތުތަކެއް ކުރި ނަމަވެސް އެ ކޮމިޝަނުން މަސައްކަތް ކުރަނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ. ގާނޫނާ ޚިލާފަށް، އެއްވެސް ކަމެއް އިލެކްޝަންސް ކޮމިޝަނުން ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އީސީ އަށް ނުފޫޒެއް ނެތް. މަސައްކަތް ކުރަނީ ގާނޫނީ އިމުގެ ތެރެއިން މިނިވަންކަމާ އެކު،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނައިރު ޕާޓީތަކުގެ އެހީތެރިކަން ބޭނުންވާނެ އެވެ. އެ މަސައްކަތުގައި ޕާޓީތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަކްރަމް ތަކުރާރުކޮށް މިއަދު ވެސް ވިދާޅުވީ ރިޔާސީ އިންތިޚާބަކީ މިނިވަންކަމާއި ހަމަހަމަކާއި އިންސާފުވެރި އިންތިޚާބަކަށް ވާނެ ކަމަށެވެ. ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބެކޭ އެއްގޮތަށް، ރިޔާސީ އިންތިޚާބުގެ ހުރިހާ އިންތިޒާމްތަކެއް ވެސް ކުރިއަށް ގެންދާނީ ގާނޫނުގައި އޮންނަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުން، ރާއްޖޭގައި ބާއްވާފައިވާ އެހެން އިންތިޚާބުތަކާ ޚިލާފަށް، މި އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނީ އާންމުން ވީހާ ވެސް ބޮޑަށް ބައިވެރި ކޮށްގެން، އުފާވެރި އިންތިޚާބެއްގެ ގޮތަށެވެ. އަދި އެއްވެސް ކަމެއްގައި ވަކި ޕާޓީއަކަށް ތަފާތުކުރުމެއް އެ ކޮމިޝަނުން ނުގެންގުޅޭނެ ކަމުގެ ޔަގީންކަން ވެސް ދެެ އެވެ.