ވިލާ އަށް ދޫކުރި ރަށްތައް އަތުލި މައްސަލައިގެ އަޑުއެހުން ފަސްކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ސަރުކާރުން ދޫކުރި ބައެއް ރަށްތަކާއި ފަޅުތަކުގެ އެއްބަސްވުން ބާތިލްކޮށް، އެ ތަންތަން ސަރުކާރުން އަތުލި މައްސަލައިގައި ސުޕްރީމް ކޯޓުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އަޑުއެހުން މާދަމާ އަށް ފަސްކޮށްފި އެވެ.


ވިލާ އަށް ދޫކުރި ރަށްތައް އަތުލި މައްސަލައިގެ އަޑުއެހުން ފަސް ކުރި ސަބަބެއް ސުޕްރީމް ކޯޓުން ހާމައެއް ނުކުރެ އެވެ. އެ މައްސަލައިގެ އަޑުއެހުން އޮންނާނީ މާދަމާ މެންދުރުފަހު 2:00 ގަ އެވެ.

ވިލާގެ އެކި ކުންފުނިތަކަށް ސަރުކާރުން ދޫކުރި ރަށްތަކާއި ފަޅުތަކެއްގެ އެއްބަސްވުން 2015 ގައި ބާތިލްކޮށް، އެ ތަންތަން އަތުލީ ދެ ފަރާތުގެ ދެމެދުގައި އޮތް ސެޓްލްމަންޓް އެގްރިމެންޓް ބާތިލް ކުރުމަށް ފަހު އެވެ. އެ ތަންތަން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ވިލާއާ އެއްކޮޅަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް، އެ ހުކުމްތައް ހައި ކޯޓުން ވަނީ މިދިޔަ އަހަރު ބާތިލްކޮށްފަ އެވެ. އެހެންވެ، ހައި ކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ ވިލާއިންނެވެ.

އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ މަހު ސުޕްރީމް ކޯޓުން ވަނީ ނިންމާލައިފަ އެވެ. މާދަމާ ބާއްވާ އަޑުއެހުމަކީ ހުކުމް ކުރަން ބާއްވާ އަޑުއެހުމެއް ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެ އެވެ.

ދެ ފަރާތުގެ ދެމެދުގައި އޮތް ސެޓްލްމަންޓް އެގްރިމެންޓަކީ އަލީ އިބްރާހިމް ކިޔާ މީހަކަށް ދައުލަތުން ދޫކުރި ބިމެއް އަތުލި މައްސަލާގައި 9.7 މިލިއަން ޑޮލަރު އޭނާ އަށް ދައްކަން ދައުލަތަށް ޖެހުމުން އެކަމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ހެދި އެއްބަސްވުމެވެ.

އަލީ އިބްރާހިމްގެ މަންދޫބެއްގެ ގޮތުން ގާސިމް ބައިވެރިވެގެން ސަރުކާރާ އެކު ހެދި އެ އެއްބަސްވުމުގެ ދެ ފަރާތުން އެއްބަސްވީ އަލީ އިބްރާހިމަށް ދައުލަތުން ފައިސާ ދެއްކުމުގެ ބަދަލުގައި ވިލާގެ ފަސް ރިސޯޓާއި ވިލާ އެއާ އިން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާއިން އެ ބައި އުނި ކުރުމަށެވެ. އޭގެ ބަދަލުގައި، އަތުލާފައިވާ ރަށްތަކާއި ފަޅުތަކާ ގުޅޭގޮތުން ދައުލަތާ ދެކޮޅަށް އެއްވެސް ދައުވާއެއް ނުކުރަން އެ އެއްބަސްވުމުގައިވެ އެވެ.

ވިލާގެ ވަކީލުން ބުނާގޮތުން ޑަބްލިއުއެލްޓީ އަކީ ސެޓްލްމަންޓް އެއްބަސްވުމުގެ ބައިވެރިއެއް ނޫން ކަމަށާއި ޑަބްލިއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާއެއް ކުރުމަކީ ރަށްތަކާއި ފަޅުތަކުގެ އެއްބަސްވުން ބާތިލް ކުރަންޖެހޭ ސަބަބެއް ނޫނެވެ. އަދި ޑަބްލިއުއެލްޓީން ކުރާ ދައުވާ އަކީ ސެޓްލްމަންޓް އެއްބަސްވުން ހެދިއިރު ވެސް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއް ކަމަށް ވިލާ އިން ބުނެ އެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުގައި ކުރިން ބޭއްވި އަޑުއެހުންތަކުގައި ދެ ފަރާތުން އެންމެ ބޮޑަށް ބަހުސްކުރީ ސެޓްލްމަންޓް އެއްބަސްވުމުގެ ތެރޭގައި ޑަބްލިއުއެލްޓީ ހިމެނޭ ކަމާ މެދު އެވެ.

އެ ރަށްތަކާއި ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުންދާއިރު، އެ ރަށްތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ހޯދަން ވިލާގެ އެކި ކުންފުނިތަކާ ދެކޮޅަށް ދައުލަތުން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އެ މައްސަލަ ސިވިލް ކޯޓުގައި ދަނީ ހިނގަމުންނެވެ.