މަހްލޫފަށް ހުކުމް އިއްވުމުގެ ޝަރީއަތް މިއަދު ވެސް ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފަށް ދައުވާކުރާ ދެ ވަނަ މައްސަލައިގެ ޝަރީއަތް މިއަދު ވެސް ކެންސަލްކޮށްފި އެވެ.


މަހްލޫފަށް ހުކުމް ކުރުމުގެ ޝަރީއަތް ބާއްވަން ފުރަތަމަ ތާވަލްކުރީ އިއްޔެ އެވެ. އެކަމަކު ޝަރީއަތް ކެންސަލް ކުރި ސަބަބެއް ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެ އެވެ.

މިހާރު ވެސް ހަތަރު މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މަހްލޫފްގެ މައްޗަށް ކުރާ މި ދައުވާއަކީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ގަދަކަމުން ވަދެ، ބެރިކޭޑްތައް ކޮއްޕާ ހެދި ކަމަށް ބުނެ ކޮށްފައިވާ ދައުވާއެކެވެ. ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ދައުވާ މި މައްސަލާގައި ކުރާއިރު މިހާރު ހުކުމް އިއްވާފައި ވަނީ ވެސް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި މައްސަލައެއްގަ އެވެ. މަހްލޫފް މިހާރު ޖަލު ހުކުމް ތަންފީޒު ކުރަމުންދަނީ ފުލުހުންގެ ބަންދުގައި ހުރެ، ފިލަން މަސައްކަތް ކުރި ކަމަށް ބުނެ ކުރި ދައުވާ ސާބިތުވުމުންނެވެ. އެކަމަކު އެ ހުކުމާ އެކު މަހްލޫފްގެ މެމްބަރުކަން ނުގެއްލެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަކަށް ހާޒިރެއް ނުުވެވޭނެ އެވެ.

މަހްލޫފް ހުކުމް ތަންފީޒުކުރަނީ މާފުށީ ޖަލުގަ އެވެ.