ކުޑަކުއްޖަކު މަރުން ސަލާމަތް ކޮށްދިން ފުލުހަށް ތައުރީފު އޮހެނީ!

ކުރިމަތީގައި އޮތީ ޓްރެފިކް ތޮއްޖެހިފަ އެވެ. ކާރު އޮތީ ގުޑައި ވެސް ނުލެވިފަ އެވެ. އެކަމަކު އެ ކާރު ތެރޭގައި އޮތީ ދެންމެ ދެންމެ މަރުވެދާނެ ކަމުގެ ބިރު ހީވެފައިވާ ހަތަރު އަހަރުގެ ކުއްޖެކެވެ. ކާރު ތެރޭގައި ދަރިފުޅު އުނގަށް ލައިގެން މަންމަ ފާތުމަތު ޝިފްނާ މުހަންމަދު އިނީ އޭޑީކޭ ހޮސްޕިޓަލަށް ދެވޭނެ އިރެއްގެ އިންތިޒާރުގައި ވިންދު އަވަސްވެފަ އެވެ.


އިއްޔެ ހަވީރު މަޖީދީ މަގުގެ އެންމެ ޓްރެފިކް ބާރު ބޮޑުވި ވަގުތު، ކުރީގެ ކުތުބުހާނާ ކުރިމަތީގައި ދަރިފުޅާ އެކު، ޓެކްސީގެ ތެރޭގައި މަންމަ ތާށިވެ އެތައް އިރެއްވި އެވެ. ޝިފްނާ ކާރުން ފައިބައިގެން ނުކުމެ، އޭނާ އަށް މަގުން ތަން ދެއްކުމަށް އެދެމުން ދިޔަ އެވެ. އެކަމަކު ޝިފްނާ ބުނި ގޮތުގައި، ޓްރެފިކް ތޮއްޖެހިފައި އޮތް ގޮތުން މަގުން ޖާގައެއް ލިބޭނެ ގޮތެއް ނުވި އެވެ.

ދެން ބެލީ އެހެން ގޮތަކުން ދަރިފުޅު އޭޑީކޭ އަށް ގެންދެވޭނެ ގޮތެއް ފެނޭތޯ އެވެ. އެހެންވެ ޓެކްސީގެ ތެރޭގައި އިނދެ ކާރުގެ ބިއްލޫރިގަނޑުގައި ދެ އަތުން ތަޅައި، އެތާނގައި ތިބި އެތައް ބަޔަކަށް އޭނާ އާދޭސް ކުރަމުން ދިޔަ އެވެ. އެހީއެއް ވާނެ މީހަކު ނުވި އެވެ. އެންމެ ފަހުން، ޝިފްނާ އަށް ފެނުނީ، ހީވެސް ނުކުރާ ވަރުގެ އުފާވެރި މަންޒަރެކެވެ. މީހަކު ކުއްލިއަކަށް ޓެކްސީގެ ދޮރު ހުޅުވާލައި، ޝިފްނާގެ އުނގުގައި އޮތް އޭނާގެ ދަރިފުޅު ކޮނޑަށް ލައިގެން އޭޑީކޭއާ ދިމާލަށް ދުއްވައިގަތް މަންޒަރެވެ.

އެއީ އޭރު ޑިއުޓީގައި ހުރި ޓްރެފިކް ޕޮލިހެއް ކަމަށްވާ ލާންސް ކޯޕްރަލް މުހަންމަދު ރިފާއު އެވެ.

މުހައްމަދު ރިފާއު: އެންމެންގެ ތައުރީފު ލިބިއްޖެ

"އަހަރެން ގަބޫލު ކުރަނީ އަހަރެންގެ ދަރިފުޅުގެ ފުރާނަ ސަލާމަތް ކޮށްދިނީ އެ ފުލުސް މީހާ ކަމަށް. އެ އެހީ ނުލިބުނު ނަމަ، އަހަރެންގެ ދަރިފުޅު މަރުވުމުގެ ބިރު އޮތް. ކާރުގައި ތިބި އިރު ލަސްވާތީ ވެސް ހީކޮށްގެން ތިބީ މިއީ އެންމެ ފަހު ފަހަރޭ،" ޝިފްނާ މިއަދު ބުންޏެވެ. "އެތާނގައި ތިބި އެތައް ބައެއްގެ އެހީ އަށް އެދުނިން. އެކަކު ވެސް އަޅައެއް ނުލި."

"އިންސާނިއްޔަތުގެ ނަމޫނާއެއް އިއްޔެ ފުލުސް މީހާގެ ފަރާތުން އެ ފެނުނީ."

ހޮސްޕިޓަލަށް ދަރިފުޅު ގެންދިއުމަށް ފަހު ފުލުސް މީހާ ދިޔައީ އެވެ. އެހެންވެ، އެ ހިސާބުން ޝިފްނާ އަށް އެ ފުލުސް މީހާ ގެއްލުނީ އެވެ. އެކަމަށް ޝުކުރު އަދާކުރަން ޝިފްނާ އާއި އާއިލާ އިން ބޭނުންވާތީ، ރިފާއު ހޯދަން ޝިފްނާ ވަނީ ފޭސްބުކްގައި އެ ވާހަކަތައް ހިއްސާކޮށްފަ އެވެ. އޭގައި އޭނާ ބުނެފައި ވަނީ ރިފާއު ފެނިއްޖިއްޔާ އެނގޭނެ ކަމަށެވެ. އަދި ހިތުގެ ފުންމިނުން ރިފާއު އަށް ޝުކުރު އަދާކޮށްފައި ވެ އެވެ.

"އެކަމަކު އެ ޕޯސްޓް ޖެހުމާ އެކު ވަރަށް ގިނަ ބަޔަކު އެ ފުލުސް މީހާގެ މައުލޫމާތާއި ފޮޓޯ ވެސް އަޅުގަނޑަށް ފޮނުވި. އެކަމަކު ދަރިފުޅު އަދިވެސް އޮތީ ހޮސްޕިޓަލުގައި. އަދިވެސް ސްޓޭބަލްއެއް ނުވޭ. އަޅުގަނޑު މޯލްޑިވްސް ޕޮލިސް އަށް ވެސް ދަންނަވާލަން އެ ހިދުމަތުގެ އަގު ވަޒަން ކޮށްދެއްވާށޭ،" ޝިފްނާ ބުންޏެވެ. "އެ ހިދުމަތް ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ."

ފޭސް ބުކްގައި ޝިފްނާ މި ވާހަކަތައް ހިއްސާ ކުރި ޕޯސްޓް އެތައް ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ޝެއާކޮށްފަ އެވެ. ރިފާއު އަށް އެތައް ބައެއްގެ ޝުކުރާއި ތައުރީފު އަންނަނީ އޮހެމުންނެވެ.

މިކަމާ ބެހޭ ގޮތުން ރިފާއު އަށް ގުޅުމުން އޭނާ މީޑިއާ އާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެ އެވެ. އަދި ބުނީ އެކަމާ ވާހަކަ ދައްކާނީ ފުލުހުންގެ މީޑިއާ އިން ކަމަށެވެ. އެކަމަކު ފުލުހުންގެ މީޑިއާ އިން އަދި އެއްވެސް ވާހަކައެއް ނުބުނެ އެވެ.