އިންތިޚާބުގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

މި އަަހަރުގެ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުލުހުންނާ މިއަދު މަޝްވަރާކޮށްފި އެވެ.


އެ ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ، ފުލުހުންނާ އެކު މަޝްވަރާ ކުރީ ވޯޓު ފޮށިތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމާއި ވޯޓުލާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ގުޅޭ ގޮތުން ކަމަށެވެ. މީގެ އިތުރުން އިންތިޚާބަށް އާއްމުން ހޭލުންތެރިކުުމާ ގުޅޭ ގޮތުން ވެސް ފުލުހުންނާ އެކު ވާހަކަ ދެކެވުނު ކަމަށް އަކްރަމް ވިދާޅުވި އެވެ.

"އިންތިޚާބުގެ އެންމެހައި ސަލާމަތީ ކަންކަމަށް ފުރިހަމަ އަށް ތައްޔާރުވެ ތިބި ކަމުގެ ޔަގީންކަން ފުލުހުން ދިން. މިފަދަ އިތުރު ބައްދަލުވުންތައް ކުރިއަށް އޮތް ތަނުގައި ވެސް ބާއްވާނެ،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ކަމާގުޅޭ މުއައްސަސާތަކާ އެކު މަޝްވަރާ ކުރިއަށް އެބަދެ އެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބަށް އާއްމުން ހޭލުންތެރި ކުރުވުން ކުރިއަށް ގެންދާނީ، ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަންގެ ވެސް ބައިވެރިވުމާ އެކު އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން. --ފޮޓޯ/އިލެކްޝަންސް ކޮމިޝަން

އީސީން ނިންމާފައި ވަނީ އިންތިޚާބުގެ ފުރަތަމަ ބުރު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބޭއްވުމަށެވެ. އަދި އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު އެ އިންތިޚާބު ބާއްވަން ޖެހޭނެ އެވެ. ރިޠާސީ އިންތިޚާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ހިނގަމުންދާ ރިޔާސީ ދައުރުގެ މުއްދަތު ހަމަވާން 120 ދުވަހަށް ވުމާ އެކު ގިނަވެގެން 10 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އެކަން އިއުލާން ކުރަންޖެހޭނެ އެވެ.

ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގޮތުން ރިޔާސީ ދައުރު ގުނަން ފަށަނީ ރިޔާސީ އިންތިޚާބު ބާއްވާ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަސް ގުނަން ފަށާނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.