އީޔޫގެ ހުށަހެޅުމާ ދެކޮޅަށް ދިވެހިން ތެދުވާން ޖެހޭ: އިލްޔާސް

މުސްލިމް ނޫން މީހުންނަށް ދިވެހި ރައްޔިތުކަން ލިބޭ ގޮތަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ހުށަހެޅި ހުށަހެޅުމާ ދެކޮޅަށް ހުރިހާ ދިވެހިން ތެދުވާން ޖެހޭ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިހް އިލްޔާސް ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.


އީޔޫ އިން މިދިޔަ ޖެނުއަރީ މަހު ރާއްޖެ އަށް ކުރި ދަތުރަށް ފަހު ސަރުކާރަށް ހުށަހެޅި ހުށަހެޅުމުގައި ވަނީ މުސްލިމް ނޫން މީހުންނަށް ވެސް ދިވެހި ރައްޔިތުކަން ލިބޭ ގޮތަށް ހެދުމަށާއި އިސްލާމްދީނުގެ ސުންނަތް ޖަމާއަތުގެ މީހަކަށް ނުވިޔަސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެވޭ ގޮތް ހެދުމަށެވެ.

އެކަމާ ގުޅިގެން އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވަނީ އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ލިބޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން އެއްވެސް ބަޔަކަށް ލަފާ ނުދެވޭނެ ކަމަށާއި އެކަމާ ދެކޮޅަށް ކޮންމެ ދިވެހި ދަރިއަކު ވެސް އަޑު އުފުލަން ޖެހޭނެ ކަމަށެވެ.

އިލްޔާސްގެ ޓްވީޓް

އިލްޔާސްގެ އިތުރުން ޝައިހް މުހައްމަދު އިޔާޒް ވެސް ވަނީ އެހެން ދީނަކަށް އުޅުމުގެ މިނިވަންކަން ދިވެހިންނަށް ދޭން ހުށަހެޅި އެ ހުށަހެޅުން ބަލައިނުގަތުމަށް ގޮވާލައްވައިފަ އެވެ.